މިސްކިތް

ކަޅުވަކަރު މިސްކިތް ހުޅުމާލެ އަށް ބަދަލު ނުކުރެވިފައި!

  • ލަސްވެފައި ވަނީ ޕެކިން އަށް ބަދަލު އައުމުން
  • މިސްކިތް ރޫޅާ ރާވާނީ ސިފައިން
  • މިސްކިތް ގެންދިއުން ދެން ލަހެއް ނުވާނެ

ކަޅުވަކަރު މިސްކިތް ބަދަލު ކުރުމުގެ މަސައްކަތް ލަސްވެފައިވަނީ މިސްކިތް ރޫޅައިލާގެން ގެންދާ ޕެކިންއަށް ގެންނަން ޖެހުނު ބަދަލުތަކެއްގެ ސަބަބުން ކަމަށާއި ވަރަށް އަވަހަށް ކަޅުވަކަރު މިސްކިތް ރޫޅައިލާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީން ބުނީ އެ މިސްކިތަކީ އާސާރީ އަދި އެހާމެ ރައްކާތެރިކަމާއެކު ބަދަލު ކުރަންޖެހޭ މިސްކިތަކަށްވާ އިރު، ގެންދާ ލޮކޭޝަން ބަދަލުވުމާއި ގުޅިގެން އިތުރު ސަމާލު ކަމެއް ދޭންޖެހޭ ކަމަށާއި އެހެން ކަމުން އޭގެ ޕެކިންއަށް ގެންނަން ޖެހުނު ބަދަލެއްގެ ސަބަބުން މިސްކިތް ރޫޅާލުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ.

"އެއީ ވަރަށް އާސާރީ މިސްކިތެއް. ވަރަށް ސަމާލު ވާންޖެހޭނެ މި ބަދަލު ކުރާ އިރު. ކުރީގައި ވަރަށް ކައިރިއަށް ބަދަލު ކުރަނީ މިހާރު މިސްކިތް ބަދަލު ކުރަނީ ތަންކޮޅެއް ދުރަށް ކަމަށްވާތީ އޭގެ ޕެކިންއަށް ގެންނަން ޖެހުނު ބަދަލެއްގެ ސަބަބުން ކުޑަތަންކޮޅެއް ލަސްވެގެން މި އުޅެނީ. ނަމަވެސް މިހާރު މި އޮތީ މިސްކިތް ބަދަލު ކުރުމުގެ މަސައްކަތް ފެށޭ ހިސާބުގައި،" މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ހަބީބް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކަޅުވަކަރު މިސްކިތް ބަދަލު ކުރުމަކީ ބިދޭސީ ލޭބަރުންގެ އަތަށް ދޫކޮށްލަން ބޭނުންނުވާ ކަމެއް ކަމަށާއި އެގޮތުން މިމިސްކިތް ހުޅުމާލެ ގެންގޮސް އަލުން ރޭވުމުގެ މަސައްކަތް ކުރަނީ ސިފައިން ކަމަށެވެ. އަދި ރޫޅާލާ ބައިތައް ސާފުކޮށް، މަރާމާތު ކުރަނީ ހެރިޓޭޖް ޑިޕާޓްމެންޓުން ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން ކަޅުވަކަރު މިސްކިތް ބަދަލު ކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި އާސާރީ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރާ ހެރިިޓޭޖް އައިލެންޑް އަށެވެ.