ހޮލީވުޑް

ދަރިފުޅަށްޓަކައި ހެރިސަން "ސްޓާ ވާޒް"ގައި ބޭނުންކުރި ޖެކެޓް ނީލަންކިޔަނީ

Mar 30, 2016
1

ހޮލީވުޑްގެ މަޝްހޫރު ތަރި ހެރިސަން ފޯޑް "ސްޓާ ވޯޒް: ދަ ފޯޒް އެވޭކެންސް"ގައި ބޭނުންކުރި ޖެކެޓެއް ނީލަންކިޔަން ނިންމައިފި އެވެ.

ހެރިންސަން މި ފިލްމުގައި ބޭނުންކޮށްފައިވާ ހެން ސޯލޯ ޖެކެޓް ނީލަންކިޔަން ނިންމާފައިވަނީ އޭނާގެ އެޕިލެޕްސީ ޖެހިފައިވާ އަންހެން ދަރިފުޅަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެމެރިކާގެ މެޑިކަލް ސެންޓަރަކަށް އެހީވުމުގެ ގޮތުންނެވެ.

މިހާރު އުމުރުން 73 އަހަރުގެ ހެރިސަން ވަނީ ޖެކެޓްގެ ނީލަން އޮންލައިން ހުޅުވާލާފަ އެވެ. މިމަހުގެ 21 ވަނަ ދުވަހު ނީލަން ފެށިފައިވާއިރު، މިނީލަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާއި ހަމަ އަށެވެ.

މި ޖެކެޓްގެ ނީލަން ފަށާފައިވަނީ ފަނަރަ ހާސް ޑޮލަރުންނެވެ. މިހާރު ޖެކެޓުގެ އަގުވަނީ ތިރީސް ހަތަރު ހާސް ޑޮަލަރަށް އަރާފަ އެވެ.

"އަހަރެން މުޅި ފިލްމުގައި އުޅުނީ އެ ޖެކެޓް ލައިގެން" މި ފިލްމުގައި ބޭނުންކުރި ޖެކެޓް ނީލަންކިޔާކަން ޔަގީންކޮށް ދެމުން ހެރިސަން ބުނެފައިވެ އެވެ.

ހެރިސަންގެ ދަރިފުޅު ޖޯޖިއާ ފޯޑް އަށް ފުރާވަރު އުމުރުން ފެށިގެން އެޕިލެޕްސީ އަށް ފަރުވާ ދެވިފައިނުވާއިރު، ކުރިން ޑޮޮކްޓަރަށް ދެއްކުމުން އޭނާ އަށް ވަނީ މައިގްރެއިން ހުންނަ ކަމަށް ބުނެ އެކަމަށް ފަރުވާދީފަ އެވެ. ނަމަވެސް ނިއުޔޯކް ޔުނިވާސިޓީ ލެންގޯންގައި ފަރުވާދޭން ފެށިފަހުން އޭނާއަށް ފިޓް ނުޖެހޭތާ އަށް އަހަރުވެފައިވާ ކަމަށް ހެރިސަން ވަނީ ބުނެފަ އެވެ.