ކާނާ

ބާއްޖަވެރި ހެނދުނެއް! މިއަދު ކާނީ ކޯއްޗެއް؟

އަނެއްކާވެސް އާ ދުވަހަކަށް އިރު ފެނުން ތޮޅެލީ ދުވަހުގެ ބުރަ ޝެޑިއުލަށް އެއްވެސް ކަހަލަ ލުޔެއް ނުގެނެސްދީ އެވެ. ދެލޯ ހުޅުވާލުމާއެކު ތެޅިގަނެވެނީ އޮފީހަށް ދާށެވެ. އަވަހަށް ދުވަހުގެ މަސައްކަތްތައް ފަށައި އަވަހަށް ނިންމާލުމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް މި ކުލަނެތް އުންމދުގައި ކުލަ ޖައްސަން ކުރާ މަސައްކަތް ގިނަ ފަހަރަށް ވަނީ ބޭކާރެވެ. ދުވާލުގެ ވަގުތުތައް ނިމި މެންދަންވާ އިރުވެސް "މަސައްކަތް" ހުހެއް ނުވެ އެވެ.

އަދި ދުވަސް ތިފެށުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެންމެ މުހިންމު ބައި ތިއޮތީ "މިސް" ކޮށްލާފަ އެވެ. ހެނދުނުގެ ސައެވެ. މިއީ ވަރަށް ގިނަ މީހުން ހަދާ ގޯހެކެވެ. ހެނދުނުގެ ސައި ފަރުވާ ކުޑަކޮށްލާފައި ދޫކޮށްލެވެނީ އެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ގިނަ ފަހަރަށް މިއޮންނަނީ ވަގުތެއް ނުވެފަ އެވެ. މެންދުރުވެގެން ދާއިރުވެސް ރޯ ގޮހޮރާއި ހުންނަން ޖެހެނީ އެކަމަށް ހޭދަކޮށްލާނެ ފަޅި ސިކުންތެއްވެސް ނެތީމަ ކަމަށް ގިނަ މީހުން ބުނެ އެވެ.

ކިރިޔާވެސް ވަގުތެއް ވާއިރަށް މިދެވެނީ ކޮފީ އަކަށެވެ. ކެއުމަށްވުރެ ބޮޑު އިސްކަމެއް ދެވެނީ ފޮނި އަނގަތަޅަންށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަނެއްކާ ހެނދުނު ސަޔަށް ބޭނުން ކުރާނެ ސިއްހަތަށް ފައިދާކުރާނެ އަދި ތައްޔާރުކޮށްލަން ލުއި އެއްޗެއްވެސް ނޭނގެނީ އެވެ. އެހެން ވީމާ މިބުނާ ކަހަލަ ދެތިން އެއްޗެއްވެސް މި ލިޔުމުގައި ހިމަނާލާނަމެވެ.

މާބޮޑަށް ހާސްވާނެ ކަމެއް ނެތެވެ. މިއީ އޮފީހުގައިވެސް ތައްޔާރުކޮށްލެވޭނެ ފަދަ އެއްޗެއްސެވެ. އެންމެ ފުރަތަމަ އަޖުމަ ބަލާލަން ބަނާނާ އެންޑް އެލްމަންޑް ބަޓާ ޓޯސްޓް ތައްޔާރުކޮށްލަ ބަލާށެވެ. ތައްޔާރުކޮށްލަން ލުއި ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. މާގިނަ އެއްޗެއްވެސް ވަގުތެއްވެސް ބޭނުމެއް ނުވާނެ އެވެ. ޕާން ފޮތި ޓޯސްޓު ކޮށްލާފައި އޭގައި ރަނގަޅަށް އަލްމަންޑް ބަޓާ އުނގުޅާލާފައި ދޮންކެޔޮވެސް ފޮތިފޮތިކޮށް ކޮށާފައި އަތުރާލީމަ ނިމުނީ އެވެ. ސިމްޕަލް އެވެ. ހެނދުނު ސަޔަށް އެންމެ ފުރިހަމަ ނާސްތާއެއް ތައްޔާރުކޮށްލެވުނީ އެވެ.

އެގް މަފިން އަކީވެސް ހެނދުނުގެ ސަޔަށް ވަރަށް ރަނގަޅު އެއްޗެކެވެ. އާއިލާ އެކުގައި ކާލަން މީރު އެއްޗެކެވެ. މިއަށް ބޭނުންވާނީ ބިހާއި، ކުޑަ ސްޕިނިޗް ފަތްކޮޅެއް ދެން ސޮސެޖާއ ޗީޒެވެ. ސްޕިނިޗް ފަތުގެ ބަދަލުގައ ލެޓިއުސް ފަތްވެސް ބޭނުންކުރެވިދާނެ އެވެ. މީތި ތައްޔާރު ކުރަން އެންމެ ފުރަތަމަ ފަތްކޮޅު ކުދިކޮށް ކޮށާލާފައި ސޮސެޖްވެސް ކުދިކުދި ކޮށ ފޮތިފޮތި ކޮށްލާށެވެ. އެއަށްފަހު ބިހާ ޗީޒްކޮޅު މިކްސް ކޮށްލުމަށްފަހު ސޮސެޖާއި ފަތްކޮޅުވެސް އެއްކޮށްލާފައި ބޭކް ކޮށްލާށެވެ. މިކަންވެސް ނިމުނީ އެވެ. ބަންދު ދުވަހަކަށް އެންމެ ރަނގަޅުވާނެ އެވެ.

ދެން މިއޮތީ ސެލެޑެވެ. ސެލެޑުވެސް ހަމަ އެންމެ ރަނގަޅުވާނެ އެވެ. ބަރަބޮލާއި މަޝްރޫމް އަދިވެސް އެހެނިހެން ބައެއް ތަރުކާރީ ކުދިކުދިކޮށް ކޮށާލުމަށްފަހު އޭގެ ތެރެއަށް ބިހާއި ލުނބޯ ހުތްވެސް އަޅައިގެން ސެލެޑެއް ތައްޔާރުކޮށްލާށެެވެ. ރަހަވެސް ރަނގަޅުވާނެ އެވެ.

ސިނަމަން އެޕަލް ބޭކްޑް އޯޓް މީލްވެސް މީ ތަޖުރިބާކޮށްލަން ރަނގަޅު އެއްޗެކެވެ. މީގެ ނަމުންވެސް ސިއްހަތަށް ގެއްލުމެއް ނުވާނެކަން އެބަ އެނގެ އެވެ. އޯޓް މީލް ކޮޅުގެ ތެރެއަށް އާފަލް، ފޮނިތޮށި، ވޯލްނަޓް އަދި ބިހާއި، ބްރައުން ޝުގާ އަދި ކިރު އަޅާފައި ރަނގަޅަށް ގިރާލާފައި ބޭކްކޮށްލާށެވެ. އެންމެ ފުރިހަމަ ބްރޭކްފާސްޓެއް ތައްޔާރުކޮށްލެވުނީ އެވެ. ނޫނީ ސްލޯ ކުކާ ސިނަމަން އެޕަލް އޯޓް މީލް ތައްޔާރުކޮށްލެވިދާނެ އެވެ. ބޭކް ކުރުމުގެ ބަދަލުގައި ސްލޯ ކުކާ އަކުން ކައްލާލާށެވެ.

ވެފަލްވެސް މީ ވަރަށް ފައްކާ އެއްޗެކެވެ. މާ އުނދަގުލެއް ނުވާނެ އެވެ. ވެފްލގެ ތެރެއަށް ސްޓްރޯބެރީކޮޅެއް ފޮތިފޮތިކޮށްލާފައި އަޅާށެވެ. ދެން ޕީނަޓް ބަޓަރާއި ޖެލީވެސް އޭގައި ހިމަނާލުމުން އިތުރަށް ފުރިހަމަ ވާނެ އެވެ. ނޫނީ ވެފަލް ވިތް ކްރީމް ޗީޒް އެންޑް ސްމޭޝްޑް ބެރީސް ވެސް ރަނގަޅުވާނެ އެވެ. ހާއްސަކޮށް ކުޑަކުދިންނަށެވެ.

ދެން ސްމޫތީ އެއް ޓެސްޓުކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ އެހެން ވީމާ ބްލޫބެރީ މަފިން ސްމޫތީ ތަޖުރިބާކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟ އެންމެ ފުރަތަމަ ބޭނުންވާ އެއްޗެއްސަށް ބަލައިލާނަމެވެ. ކިރު، ޔޯގަޓް، ފިނިކޮށްފައި ހުރި ބްލޫ ބެރީ އަދި ދޮންކެޔޮ، އަދި ލުނބޯ ހުތާއި، އޯޓް މީލް ދެން ކުޑަ އައިސް ކޮޅެކެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވަންދެން ގިރާލާށެވެ. އޯޓް މީލް އެޅިއަސް ރަހަ ނުބައެއް ނުވާނެ އެވެ.

ދެން މިއޮތީ ގްރީން ސްމޫތީ އެވެ. މީގެ ރަހަ ބޮޑަށް ވައްތަރުވާނީ ސެލެޑަކާ އެވެ. މިއަށް ބޭނުންވާނީ ސްޕިނިޗް ފަތް، ފިނިކޮށްފައި ހުރި ދޮންކެޔޮ، އެކިކަހަލަ ބެރީސް، ދެން ޕީނަޓް ބަޓަރާއި އެލްމަންޑް މިލްކެވެ. ރަނގަޅަށް މިކްސް ވަންދެން ގިރާލާށެވެ. ދުވަހުގެ ފެށުމަށް ހަމަ އެންެ ރަނގަޅު ސްމޫތީ އެވެ.