ބޭރު ކުޅިވަރު

އިނގިރޭސި ޓީމުގައި އުފެއްދުންތެރިކަމެއްނެތް: ހޮޖްސަން

Mar 30, 2016

ނެދަލޭންޑްސް އަތުން ރޭ 2-1 އިން އިނގިރޭސީން ބަލިވީ ޓީމުގެ އުފެއްދުންތެރިކަން ދަށްވުމުން ކަމަށް ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ހޮޖްސަން ބުނީ މީގެ ތިން ދުވަސް ކުރިން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު އަތުން އިނގިރޭސި މޮޅުވި މެޗުގައި ކުޅުންތެރިންގެ ފަރާތުން އުފެއްދުންތެރިކަން ފެނުނު ކަމަށެވެ.

"އެކަމަކު މި މެޗުގައި ވަރަށް ބޮޑަށް ތަފާތުކޮށް ފެނިގެންމިދިޔައީ. އެކަމަކު މެޗުން އަހަރުމެން ބަލިވުން ހައްގެއްނޫން. އެއީ އަހަރުމެން މެޗު ކޮންޓްރޯލްކުރީ. އަހަރުމެންނާ ދެކޮޅަށް ދެ ޑިސިޝަނެއްދިޔަ. އެއީ ވެސް ފާހަގަކޮށްލެވޭކަމެއް،" ކޯޗު ބުންޏެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖެހީ އިނގިރޭސި ޓީމުގެ ޖިމީ ވާޑީ އެވެ. އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ލެސްޓާ ސިޓީގެ ފޯވަޑް ޖެހި މި ގޯލަކީ ހޮޖްސަންގެ އިރުޝާދުގެ ދަށުން އިނގިރޭސި ޓީމު ޖެހި 100 ވަނަ ލަނޑެވެ. އޭގެ ފަހުން ނެދަލޭންޑްސް މޮޅުވީ ޖަންސެން އާއި ނަރްސިން ޖެހި ދެ ގޯލުންނެވެ.