ބަންގްލަދޭޝް

ހެލްތު ދާއިރާ ތަރައްގީކުރާނެ ގޮތުގެ މަޝްވަރާ ބަނގްލަދޭޝްއާއެކު ފަށައިފި

ސިއްހީ ދާއިރާ ހިންގުން ހަރުދަނާ ކުރަން ބަނގްލަދޭޝް ސަރުކާރާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހުރި ކަންކަން ފުރިހަމަކޮށްފައިވާ މިންވަރު ދެނެގަތުމަށް އެކުލަވާލި ޖޮއިންޓް ވޯކިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށްގެންދާ އެ ބައްދަލުވުމަކީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް 2014 ވަނަ އަހަރު ދެ ގައުމުން އެއްބަސްވި އެއްބަސްވުމުގެ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ މިންވަރު ވަޒަންކޮށް މަޝްވަރާކުރާ ބައްދަލުވުމެކެވެ. ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއެކު ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ހެލްތު މިނިސްޓްރީޣެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް 2014 ވަނަ އަހަރު ދެގައުމުން ސޮއިކުރި އެއްބަސްވުމުގައި، ދެ ގައުމު ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ނަރުހުންނާއި ފަންނީ މީހުން ބިނާކުރުން ހިމަނާފައިވެ އެވެ. އަދި ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގައި ބަނގްލަދޭޝުން އެހީތެރިަން ފޯރުކޮށްދިނުން ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ފަސް ނަރުހަކަށް މަތީ ތައުލީމުގެ ފުރުސަތު ދިނުމާއި ރާއްޖެއިން ކުރެވެން ނެތް ބޭހާއި ޓެސްޓުތައް އެގައުމުން ހިލޭ ހަދައިދިނުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ނޫނަސް، ބަނގްލަދޭޝް އަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެކި އެހީ ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އެގައުމުން ވަނީ ރާއްޖެއަށް ސިއްހީ ދާއިރާއިން 110 ސްކޮލާޝިޕް ފުރުސަތު ދީފައެވެ.