ދުނިޔެ

އެބޯލާ ވައިރަސް ފެތުރޭ މިންވަރު މަދުވެއްޖެ: ޑަބްލިއުއެޗްއޯ

ދުނިޔޭގެ ގައުމުތަކުގައި ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރޭ މިންވަރު މަދުވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ. އެޖަމިއްލާއިން ބުނީ އެބޯލާ އަކީ އާދަޔާ ހިލާފު ބައްޔެކޭ ބުނެވޭނެ ޖާގައެއް މިހާރަކު ނެތް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިބަލި އަދި މުޅިން ކޮންޓްރޯލް ނުވާ ކަމަށާއި ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގައި އަދިވެސް މިބަލި ފެތުރެމުން އަންނަ ކަމަށެވެ. އެހެން ނަަމަވެސް ބަލި ފެތުރޭ ރޭތް ވަނީ މަދު ކުރެވިފަ އެވެ. އެ ބަލި ފެތުރުނު ގައުމުތަކުން އަދިވެސް އިތުރަށް ހާއްސަ ސަމާލުކަމެއްދޭން ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެއީ ބަލި އަލުން ފެތުރިދާނެ ކަމުގެ ބިރަށެވެ. އެގައުމުތަކުގެ ތެރޭގައި ގިނީވެސް ހިމެނެ އެވެ. އެހެން ނަމަވެސް ގިނީން އެބޯލާ އެކީ ނައްތާލެވިއްޖެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ. އެބޯލާ އެންމެ ފުރަތަމަ ފެނުނު ގައުމުތަކުން މިހާރުވަނީ މިބަލި އެއްކޮށް ނައްތާލާފަ އެވެ.

ތަގައްޔަރުވެފައިވާ ފެނުގެ ސަބަބުން ފެތުރޭ އެބޯލާ އަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިބަލި ދަލާއި، ލޭ އަދި ހޮޑުންނާއި ކުޅުންވެސް ފެތުރެ އެވެ.

މިހާތަނަށް އެބޯލާގެ 28،639 ކޭސް އެއް ރިޕޯޓުކޮށްފައިވާއިރު 11،316 މީހުން ވަނީ ބަލީގެ ޝިކާރައަކަށްވެ މަރުވެފަ އެވެ. އަދި މީގެ އިތުރުން އެބޯލާ ޖެހުނު 10،000 މީހުން މުޅިން ރަނގަޅު ކުރެވިފައިވެސްވެ އެވެ. ދާދިފަހުންވެސް ގިނީން ވަނީ އެބޯލާގެ ކޭސްތަކެއް ރިޕޯޓުކޮށްފަ އެވެ. އަދި މިބަލި ފެނުނު ސަރަހައްދުތައް މިހާރުދަނީ ބަލައި މޮނިޓާ ކުރަމުންނެވެ.