އެންސްޕާ

ފަގީރުން ކާޑު ގަންނަން މަހަކު 40ރ. އަަހަރު 480 ރުފިޔާ!

  • އަހަރަކު މީހަކަށް ދެނީ 480ރ.
  • ގޭބިސީއަކަށް އަހަރަކު ލިބޭނީ 2،880ރ.
  • ގޭބިސީއަކަށް މަހަކު 240ރ.

ފަގީރުން ކާޑުގެ ބާވަތްތައް ގަންނަން މަހަކު މީހަކަށް 40 ރުފިޔާ ދޭން ނިންމައި، ގަވާއިދެއް ގެޒެޓުކޮށްފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީ (އެންސްޕާ) އިން އާއްމުކޮށްފައިވާ "ފަގީރު ހާލަތުގެ ސަބަބުން ކާބޯތަކެތި ގަތުމަށް ދަތިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު" ގައި ބުނެފައިވާ ގޮތުން މި ގަވާއިދުގެ ބޭނުމަކީ ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ހައްގުވާ ފަަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅައި، އެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި، ފަގީރުން ބެލެހެއްޓުމާއި ބެހޭ އެންމެހައި މަސައްކަތް ކުރިޔަށް ގެންދާނެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އެންސްޕާ އިން އާއްމުކޮށްފައިވާ މި ގަވާއިދުގައިވާ ގޮތުން މާލީ އެހީދެވޭނީ ކާޑުގެ ބާވަތުގެ ތެރޭގައި ހިމެނޭ ހަނޑޫ ހަކުރު ފުށަށް ގަތުމަށް އެކަންޏެވެ. އެގޮތުން ގަވާއިދުގައިވާ ޝަރުތުތައް ހަމަވާ ކޮންމެ މީހަކަށް މަހަކަށް 40 ރުފިޔާ ލިބޭއިރު އަދި ގޭބިސީއަކަށް މަހަކަށް 240 ރުފިޔާ ލިބޭއިރު، އަހަރެއްގެ ތެރޭގައި މީހަކަށް ދެވޭނީ 480ރ. އެވެ. އަދި ގޭ ބިސީއެއްނަމަ އަހަރަކު 2،880ރ. ދެވޭނެ އެވެ.

އެންސްޕާއިން ބުނީ މި އެހީ ލިބޭ ފަރާތްތަކުގެ ދަފްތަރުގައި ބައިވެރި ވުމަށް "ފަގީރު ހާލަތުގައި ދިރި އުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ފޯމް" ހުށަހެޅުމުން ކަމަށެވެ އަދި އެހީ ލިބެމުންދާ ފަރާތްތަކުގެ ހާލަތަކުގެ ހުންނަން ޖެހޭ ޝަރުތުތައް އުނިވެއްޖެ ނަމަ 15 ދުވަސް ތެރޭގައި އެއޭޖަންސީ އަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެ އެވެ.