ދުނިޔެ

ފަލަސްތީނު ޒުވާނަކު ޒަހަމްވެފައި އޮއްވާ މަރާލި މައްސަލަ ހޫނުވެއްޖެ

ޒަހަމްވެފައި އޮތް ފަލަސްތީނުގެ މުސްލިމަކު އިޒްރޭލް ސިފައިން މަރާލި މައްސަލަ ބަލައި ފިޔަވަޅު އަޅަން ހީބްރޮންގެ އެކްޓިވިސްޓް ގްރޫޕެއް ގޮވާލައިފިއެވެ. އިޒްރޭލް ސިފައިންގެ މީހަކު ޒަހަމްވެފަ އޮތް ފަލަސްތީނު ޒުވާނަކު މަރާލި މަންޒަރުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މަރާލާފައިވާ އުމުރުން 21 އަހަރުގެ އަބްދުލް އަލް ފައްތާހް ޔުސްރީ އަށް އިންސާފް ހޯދައިދޭން އެތަކެއް ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ކެމްޕެއިން ފަށާފަ އެވެ. މި އެކްޓިވިސްޓް ޖަމިއްޔާއިން ވަނީ އިޒްރޭލްގެ ސިފައިންގެ މީހާ މައްޗަށް ފިޔަވަޅު އަޅަން ގޮވާލާ، އިޒްރާއިލުގެ ސަރުކާރުން، އެގައުމުގެ މިލިޓަރީ އިން މިކަމަށް ޒިންމާ އުފުލަން ގޮވާލާފަ އެވެ.

މި ވީޑިއޯގައި އިޒްރޭލުގެ ސިފައިންގެ މީހާ، މަރާލި މީހާ ކައިރިޔަށް ޖެހި، ބޮލަށް އަމާޒްކޮށް ބަޑި ޖަހާތަން ފެނެ އެވެ. ބިންމަތީގައި ވެއްޓިފަ އޮތް ފައްތާހު އާއި ކައިރިވެ ބަޑި އަމާޒުކޮށްފަ ސީދާ ބޮލަށް ޖެހިތަން ވަނީ ބަޔަކު ވީޑިއޯ ކޮށްފައެވެ. މި ހަމަލާގައި، ފައްތާހްއާއި އެކީ ހުރި ރަމްޒި އަޒިޒް އަލް ގަސްރަވީ ވަނީ ވަގުތުން އެ ހަމަލާގައި މަރުވެފައެވެ. ނަމަވެސް ފައްތާޙް މަރާލާފައި ވަނީ ޒަހަމްކޮށްލި ފަހުންނެވެ.

އިޒްރާއިލުން ގަދަކަމުން އަރައިގްނެގެން އުޅޭ ފަލަސްތީނުގެ ވެސްޓް ބޭންކުގައި ވަނީ މައްސަލަ ބޮޑުވެފައެވެ. އެއީ އިޒްރާއިލުގެ ކޯޓުން އެ ސިފައިންގެ މީހާޔާއި ދެކޮޅަށް ހުރި ހެކިން އެއްވެސް އެއްޗެއް ޔަގީން ނުކޮށްދޭ ކަމަށް ބުނެ، މައްސަލަ ނުބަލާ ނިންމާލުމުންނެވެ.