ވިޔަފާރި

ބީއެމްއެލްގެ މިދިއަ އަހަރުގެ ފަހު ކްއާޓަރުގެ ފައިދާ 434 މިލިޔަން ރުފިޔާއަށް

Jan 30, 2015

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިއަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގައި ހިނގުމުގެ ފައިދާގެ ގޮތު ލިބުނު އަދަދު 434 މިލިޔަން ރުފިޔާއަށް އަރާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ  2014 ވަނަ އަހަރު ނިންމާލި އިރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު އަދަދު 434 މިލިޔަން ރުފިޔާއަށް އަރާ ކަމަށާއި އެ މިންވަރަކީ 2014 ވަނަ އަހަރުގެ ތިންވަނަ ކްއާޓަރާ އަޅާ ބަލާއިރު 74 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

އޮޑިޓް ނުކުރާ މާލީ ބަޔާންތައް ދައްކާ ގޮތުން މުޅި އަހަރުގެ މާލީ ހިސާބުތައް ރަނގަޅު ކުރި އެރުމަކާއެކު އޮތް ކަމަށް ދައްކާ ކަމަށާއި ބޭންކުން ދިން ހިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން 2013 އާ އަޅާ ބަލާއިރު 2014 ވަނަ އަހަރު ހުރިހާ ގޮތަކުން ހިތްހަމަޖެހޭވަރުގެ ކުރިއެރުމެއް ލިބިފައިވާ ނަތީޖާތަކެއް ހަމަކޮށްލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި އޮޑިޓް ނުކުރާ މާލީ ބަޔާންތަކުން ދައްކާ ގޮތުން 2013 ވަނަ އަހަރާ އަޅާ ބަލާއިރު ހިނގުމުގެ ފައިދާ 43 ޕަސެންޓަށް އިތުރުވެފައިވާއިރު  ދޫކުރި ލޯނުގެ ފެންވަރު ރަނގަޅުވެ ރަސުއުލްމާލްގެ މިންވަރުވެސް ގާނޫނު ލާޒިމް ކުރަ މިންގަނޑުތަކަށްވުރެ އިތުރަށް ބެހެއްޓުނު ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"ހިސާބުތައް އޮޑިޓް ކުރުމަށްފަހު އިތުރު ތަފުސީލް ހާމަ ކުރާނަން. ހަތަރުވަނަ ކްއާޓަރުގެ ހިސާބުތަކުން ދައްކާފަދަ ރަނގަޅު ގޮތެއްގައި ކުންފުނީގެ މަސައްކަތް ދެމެހެއްޓިފައިވާތީ އުފާ ކުރަން. އަދި ލޯނު ދޫކުރެވިފައިވާ ނިސްބަތާއި ހިދުމަތުގެ ފެންވަރު ރަނގަޅު މިސްރާބަކަށްދާ ކަމަށްޓަކައި ވެސް އުފާ ކުރަން. މިއަށްވުރެ ފުރިހަމަ ކުރެވިދާނެ ގާބިލުކަން އެބަހުރިކަން،" ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި އެވެ.