ފެޝަން

ލެކިއުޓްގެ ނޯޖަވާން: ޑޭވިޑްއޯފްގެ ހޮރައިޒޮން

ނޯޖަވާނެއްގެ ވާހަކަ އެވެ. އޭނާގެ ނަޒަރު ހުއްޓިފައި އެ ވަނީ ކުރިމަތީގައި ފެތުރިގަނެގެން އޮތް އަޖާއިބުކުރުވަނިވި އާދަޔާހިލާފު މަންޒިލަށެވެ. އެކަމަކު އެ ހިތްގައިމުކަމުގެ ތެރެއަށް ވެއްޓިގަތުން ފަސޭހަކަމަކަށް ނުވާނެ އެވެ. ސިންގާ ފަރުބަދަތަކާއި އަނދިރިކޮށްލާފައި އޮތް ވިލާގަނޑަކާ ޖޯޑުވެލައިގެން އޮތް ވެލީގެ ތޫފާނެއް ކެކިނަގަނީ އެވެ.

ވައިގަދަކޮށް ފަރުބަދަތައް ވެސް ބިމުން ލުހެލަފާނެ ކަހަލަ އެވެ. ނަމަވެސް ނޯޖަވާނުގެ އަޒުމަކަށް ގުޑުމެއް ނާރަ އެވެ. އެއް ފަރުބަދައިން އަނެއް ފަރުބަދަ އަށް ފުންމަމުން ވެލީގެ ނަގޫރޯޅިތަކުގެ ރެކެމުންދިޔައިރު ހީވަނީ އޭނާގެ ހަތަރެސްފައި ބާޒެއްގެ ބިޔަ ފިޔަގަނޑަކަށް ބަދަލުވެފައިވާހެންނެވެ.

އެންމެފަހުން ގޮސް އަޖާއިބުކުރުވަނިވި އެ މަންޒިލަށް ތިރިކޮށްލީ އެވެ. ދެ ފައި ބިމުގައި ޖެހުނު ހިނދު އިހްސާސްކުރެވުނީ އެންމެ ސާފުކަންމަތީގައި އޮތް މިނިވަންކަމެވެ.

މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުގެ ކުރުވާހަކައެއް ނޫނެވެ. މިިއީ ސްވިޓްޒަލެންޑްގެ މަޝްހޫރު ސެންޓް ބްރޭންޑެއް ކަމުގައިވާ ޑޭވިޑްއޯފްގެ އެންމެ ފަހުގެ އުފެއްދުމުގައި ކިޔައިދޭ އާދަޔާހިލާފު ވާހަކަ އެވެ. ޔަގީނަށް ވެސް ސެންޓާ ގައިގޯޅި އަދި ވަކިން ހާއްސަކޮށް، ލަގްޒޫރިއަސް ލައިފްސްޓައިލަކަށް މަރުދޭ މީހަކު މި ވާހަކައަކަށް ފޫއްސެއްނުވާނެ އެވެ.

މި ވާހަކައިގެ ނަމަކީ، "ޑޭވިޑްއޯފް: ހޮރައިޒޮން" އެވެ. މިނިވަން ނޯޖަވާނެއްގެ ވާހަކަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ދުނިޔޭގެ ބާޒާރަށް ނެރުނު މި ހިތްގައިމު ސެންޓް ލެކިއުޓުން ރާއްޖެ ގެނެސް ދިވެހިންނަށް ތައާރަފްކުރީ އެވެ. މީގެ 75އެމްއެލް ގެ ފުޅިއެއްގެ އަގަކީ 1086 ރުފިޔާ އެވެ. އަދި 125 އެމްއެލްގެ ފުޅިއެއް ވިއްކަނީ 1461 ރުފިޔާ އަށެވެ.

ކޫލްވޯޓާ އަށް ވުރެ ވެސް ހާއްސަ!

އެއްގޮތަކަށް ވެސް ޑޭވިޑްއޯފްގެ ކްލެސިކް "ކޫލްވޯޓާ" ގެ އަގު ވައްޓާލަނީކީއެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް ގިނަ ބަޔަކު ބުނާ ގޮތުން ނަމަ "ޑޭވިޑްއޯފް: ހޮރައިޒޮން" އަކީ "ކޫލްވޯޓާ" އަކަށް ދޫނުކުރާ ވަރުގެ ސެންޓެކެވެ. އަދި ފެނުގެ އެ ދުނިޔެއިން އެންމެފަހުން ޑެވިޑްއޯފް ނުކުމެ "އުދަރެހުގައި" އޮށޯވެލުމަކީ ޑޭވިޑޯފްގެ ތާރީޚުގައި ވެސް ކުރި އެންމެ "ކޫލް ކަންތަކެވެ."

ހަގީގަތަކީ ޑޭވިޑޯފަކީ "ކޫލް ވޯޓާ" ގެ އެކި ވައްތަރުތަކާ އެކު ސެންޓްގެ ދުނިޔެ އެއްވަސްކޮށްލި ނަމެއް ކަމެވެ. އަދި އެއް ބަޔަކު އަބަދުވެސް ބުނަމުން ދިޔަ ވާހަކައަކަށް ވެފައި އޮތީ "ކޫލްވޯޓާ" ގެ ކަރުތާފެނުން ޑޭވިޑޯފް ދުވަހަކު ވެސް ސަލާމަތްނުވާނެ ކަމަށެވެ. ފަހަރެއްގައި އެއީ ތެދެކެވެ. "ކޫލް ވޯޓާ" އޭ ނަމަކަށް ކިޔާ ސެންޓެއް އެ މީހުން 1988 ވަނަ އަހަރު ތައާރަފްކުރި ހިސާބުން ފެށިގެން މިދިޔަ އަހަރުގެ ހޫނު މަހު ވެސް އޭގެ އާ ވައްތަރެއް ނެރުނެވެ.

ނަމަވެސް ފާޑުކިޔުންތެރިން ބުނަނީ ޓްރެންޑް ބަދަލުވެއްޖެ ކަމަށާއި ޑޭވިޑޯފްގެ ފޭނުން އޮޅުލައިގަނެ ބައްދައިގަންނަން ޖެހޭ އާ ފުޅިއަކީ "ހޮރައިޒޮން" ކަމަށެވެ. އެންމެފަހުން ޑޭވިޑްއޯފް، ފެނުން މައްޗަށް އެރީ ކަމަށެވެ.

ބައިވެރިޔާ އަށް ހަދިޔާނުކުރަންވީ ސަބަބެއް ނެތް!

މި ސެންޓެއް ތަޅާލައިގެން ފިރިމީހާއާ އެކު ސައިކަލް ބުރު ޖަހަންދާންވީ އެވެ. އުދަރެހުން ގޮސް އިރު އޮބާލާ މަންޒަރަށް ގެއްލި ރަތްވިލާތަކުގެ ތެރެއަށް ވެސް ގެނބިގަންނަންވީ އެވެ. ސާފު މިނިވަން ލޯތްބެއް ފައްކާކުރަންވީ އެވެ.

"ޑޭވިޑްއޯފް: ހޮރައިޒޮން" އަކީ ފިރިހެނުން ހާއްސަ ވަހެކެވެ. ބައިވެރިޔާގެ ކަރުދަށުން ހިތްނުފުރޭ ނަމަ ނުވަތަ މިނިވަންކަމުގެ އެ ރަހަ ނުލިބޭ ނަމަ "ހޮރައިޒަން" އިން ބޯ ހިއްލާލަން އެބަޖެހެ އެވެ.

މިއީ ޔަގީނަށް ވެސް، އެ ސެންޓް ފުޅިއަކަށް ހާހެއްހާ ރުފިޔާ ހޭދަކުރެވިގެން ކަރުނަ އަޅައި ރޯން ޖެހޭނެ ވަހެއް ނޫނެވެ. އެއަށް ވުރެ މި ވަސް މާ ފުރިހަމައީ އެވެ. މާ ބޮޑަށް ވެސް ހިތްގައިމީ އެވެ. އަދި ނިކަން ގިނައިރު އެއް ވަރެއްގައި ހިފަހައްޓައިދޭ ވަހެއް ވެސްމެ އެވެ.

ޒައިނޯ ޑޭވިޑްއޯފް އަކީ ކާކު؟

މިއީ ޑޭވިޑްއޯފްގެ އެކި އުފެއްދުންތަކުގެ އަސްލު ބާނީ އެވެ. އެކަމަކު އޭނާގެ ނަމުން އުފެދިގެން އައި މި ކުންފުނީގެ ސެންޓް 1984 ވަނަ އަހަރު ބާޒާރަށް ނުކުތުމުގެ ކުރިން ޒައިނޯ ޑޭވިޑްއޯފް އަކީ ދުންފަތް ނުވަތަ ސުއްޓާގެ ބޮޑު ވިޔަފާރިވެރިއެކެވެ. އަދިވެސް ޑޭވިޑްއޯފް އެވިޔަފާރީގައި ވެސް ވަރަށް ފުޅަލެވެ.

ޒައިނޯ ގަބޫލުކުރާ ގޮތުގައި ހަގީގީ މުއްސަނދިކަމެއް ނުވަތަ ދިރިއުޅުމެއްގެ ރީތިކަން ފުރިހަމަ ވަނީ ހިތްގައިމުކަމާއި ރީތިކަމުން އެއްވަރަކަށް ފޮނިބޮއެގެންނެވެ. ޑޭވިޑްއޮފް ސެންޓް ބާޒާރަށް ނެރޭ ދަ ޒައިނޯ ޑޭވިޑްއޯފް ގްރޫޕް މިއަދާ ހަމަ އަށް ކޮޅަށް ހުރީ ވެސް މި ގަބޫލުކުރުމުގެ މަތީގަ އެވެ.

އުމުރުން 87 އަހަރުގައި ޑޭވިޑްއޯފް މަރުވީ 1994 ވަނަ އަހަރު އެވެ. އެކަމަކު ޔަގީނަށް ވެސް އެ ނަމެއް މަރެއް ނުވި އެވެ!