ލައިފްސްޓައިލް

ދަރިފުޅު ފޫހިކޮށްލީމަ ނުކުންނަ ނަތީޖާ މާ ފޮނި!

އެކަމަކު ވަރަށް ގިނަ މައިންބަފައިންނަށް ގަބޫލުކުރެވިފައި އޮންނަ ކުށްހީއަކީ ފޫހިވެގެން ގޮސް ދަރިފުޅު މަރުވެދާނެ ކަމެވެ. "މަންމާ... ފޫހިވަނީއޭ" ކިޔާފައި ދަރިފުޅު ހަޅޭފަޅޭޖަހައިގަނެ ބޮޑާހާކަން ފެށީމަ އެންމެ ބުއްދިވެރިވާނީ ފޯނުން ގޭމެއް ހުޅުވާފައި އެ ކުއްޖާގެ އަތަށް ދިނުން ކަމަށް ނުވަތަ ޓީވީ އިން ކޮންމެވެސް ކާޓޫނެއް އަޅުވާފައި ބެހެއްޓުން ކަމަށް ގިނަ މަންމަ އިންނާއި ބައްޕައިންނަށް ހީވެފައި އޮންނަނީ ފަހަރެއްގައި ގަންނާކުރައްވާ ބިރުންނެވެ.

ނުވަތަ ހަމަ ބޮލަށް ފަސޭހައަކަށެވެ. ނުވަތަ ހިސާބަށްވުރެ ކަންނެތްވީމަ އެވެ.

އެކަމަކު ހަގީގަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ފޫހިވެފައި ހުންނަ ދަރިފުޅުގެ އަތަށް އައިފޯނު ދީފައި ގޭމެއް ހުޅުވައިގެން ކުޅެލާށޭ ބުނުމުގެ ބަދަލުގައި ނުވަތަ އައިޕެޑުން ފިލްމެއް އަޅުވައިދިނުމުގެ ބަދަލުގައި ބޮޑަށް އެ ކުއްޖާ އަށް ފައިދާކުރާނީ އެ ފޫހިކަންމަތީގައި ދޫކޮށްލުމުންނެވެ. ދުނިޔެ އަށް އެ ކުއްޖާގެ ލޯ ހުޅުވޭނީ އެ ފޫހިކަމެއްގެ ތެރެއަށް އޭނާގެ ބޯ ރަނގަޅަށް ގަންބާލުމުންނެވެ.

ހަގީގީ ދުނިޔެއާ ދެމެދު ހިތާއި ހިތުގެ ފާލަމެއް

ދަރިފުޅު ފޫހިވެގެން ރޮއިގަންނަ ކޮންމެ ފަހަރަކު ފިލްމެއް ނުވަތަ ގޭމެއް އަޅުވައި ދިނީމަ އޭނާ އަށް އެ ވަދެވެނީ ހަގީގީ ދުނިޔެއަކަށް ނޫނެވެ. އެ ކުއްޖާ އަށް އެ ދެވެނީ އޭނާ އެންމެފަހުން ބައްދަލުކުރަން ޖެހޭ ހަގީގީ ދުނިޔެއާ ހައްތަހާ ދުރަށެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ ކުއްޖާ އަށް އެ ވަދެވެނީ ވަލަށެވެ.

ނަމަވެސް އެ ފިލްމުގަނޑަކާއި ގޭމުގަނޑެއް އެ ކުއްޖާގެ އަތަށް ދިނުމުގެ ބަދަލުގައި އޭނާގެ މޫނުމައްޗަށް ވެރިވި ފޫހިކަމެއްގެ ތެރެއަށް ދޫކޮށްލީމަ އެ ފޫހިކަމެއްގެ ތެރެއިން ނުކުތުމަށް ކުއްޖާގެ އަމިއްލަ ސިކުނޑި ހޭލާނެ އެވެ. ކޮންމެ ފަހަރަކު ދަރިފުޅަށް އެ ކުއްޖާގެ މަންމަ ހުރިހާ ކަމެއްކޮށްދޭން ވެއްޖެ ނަމަ ނުވަތަ ފިލްމަކާއި ގޭމަކުން ހިތްހަމަޖެހުން ހޯދައިދޭން ވެއްޖެ ނަމަ އެ ކުއްޖެއްގެ ސިކުނޑި އަބަދުވެސް ޑިޕެންޓްވާނީ އެ މަންމައަކަށާއި ފިލްމަކާއި ގޭމަކަށެވެ.

ނަމަވެސް މިސާލަކަށް ފޫހިވެފައި ހުންނަ ކުއްޖަކު އެގޮތުގައި ދޫކޮށްލުމުން ހަގީގަތުގައި އެ ފޫހިކަމަކުން އަރައިގަތުމަށް އޭނާގެ ޗޭނު ކޮށައިލެވުނީ އެވެ. އެންމެފަހުން އެ ފޫހިކަމުގެ ތެރެއިން ލަވައެއް ކިޔާލަން ނުވަތަ ލަވައެއް ލިޔެލުމަށް ވެސް އޭނާ ދަސްކޮށްފާނެ އެވެ. ކްލޭއިން މޯންސްޓާއެއް ހަދާނެ ގޮތް ވެސް އޭނާ ދަސްކޮށްފާނެ އެވެ.

ނުވަތަ ވެއްޓިފައި އޮންނަ ޕާންފޮއްޗަކަށް ހިނި އަރައިގެން އުޅެނީ ކީއްވެގެންތޯ ބަލައި އެ ހިނިތައް އެސޮރުމެންގެ ކާނާއާ އެކު ދަތުރުކުރާ ގޮތް ހޯދައި ބަލަން ވެސް ޝައުގުވެރިވެދާނެ އެވެ. އަދި އެ އާދަޔާހިލާފު ވާހަކަ ޖެހިގެން ހުންނަ އެކުވެރި އަނެއް ކުއްޖާ އަށް ކިޔައިދޭން ވެސް ބޭނުން ވެދާނެ އެވެ.

ހަގީގަތަކީ މިއީ އެވެ. ފޫހިވާ ކޮންމެ ފަހަރަކު ޒަމާނީ ޓެކްނޮލޮޖީގެ ދަލުގައި ދަރިފުޅު ޖެއްސުމުގެ ބަދަލުގައި ދުނިޔެއާ އޭނާ ވީހާ ވެސް ރައްޓެހިކުރުވަންވީ އެވެ.

ފޫހިކޮށްލުމަކީ ދަރިފުޅަށް ސަމާލުކަން ނުދިނުމެއް ނޫން!

ދަރިފުޅު ފޫހިކޮށްލާފައި ބަހައްޓާށޭ ބުނީމަ، އެ ބުނަނީ އެ ކުއްޖާއާ އަޅާނުލައި ނުވަތަ ސަމާލުކަމެއް ވެސް ނުދީ އެގޮތުގައި ބަހައްޓާ ވާހަކައޭ ބައެއް މީހުންނަށް ހީވެދާނެ އެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ.

ފޫހިވެފައި ހުންނަ ކުއްޖަކަށް އަދި ވަކިން ހާއްސަކޮށް މަންމަ ނުވަތަ ދެން ހުންނަ މީހެއްގެ ވެސް ސަމާލުކަން ބޭނުންވެފައި ހުންނަ ކުއްޖަކަށް އެ ސަމާލުކަން ދޭން ޖެހޭނެ އެވެ. އެ ސަމާލުކަން ކުއްޖާ އަށް ނުދެވިއްޖެ ނަމަ ދެން ނުކުންނަ ނަތީޖާ އަދި މާ ގޯސްވާނެ އެވެ.

އެހެންވީމަ ފޫހިވަނީއޭ ކިޔާފައި ދަރިފުޅު ރޮއިގަތީމަ، އެ ކުއްޖާ އަށް އެންމެ ރަނގަޅުވާނީ ފޫހިކަންމަތީގައި އެގޮތަށް ދެމިހުރުމޭ ކިޔާފައި އެނދަށް އަރައި ނިދަން އޮތަކަސް ދަރިފުޅަކަށް ދުނިޔެ ދަހެއް ނުވާނެ އެވެ.

ކުއްޖާ ރޮއިގަތީމަ ނުވަތަ ސަމާލުކަން ބޭނުންވީމަ އެ ސަމާލުކަން އޭނާ އަށް ދޭށެވެ. ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ސަމާލުކަން އޭނާ އަށް ދިނުން ވަރަށް މުހިންމެވެ. އަދި ކޮންމެވެސް ވާހަކައެއް ދައްކާލާ މަޖާކޮށްލާ ހީލާ ހެދީމަ އެ ކުއްޖަކު ދެން ނިކަން ހަމަޖެހިލައިގެން ކޮންމެވެސް ކަމަކާ ޝާމިލުވެގަންނާނެ އެވެ. ކޮންމެވެސް ކަމެއް އަމިއްލަ އަށް ފަށައިގަންނާނެ އެވެ.

އެކަމަކު އެގޮތަށް އަމިއްލަ އަށް ކަމެއް ފަށައިގަންނަން ނޭނގޭ ނަމަ ނުވަތަ ސިކުނޑި އެގޮތަށް އެ ކުއްޖަކު ނުހުޅުވާ ނަމަ އެ ކުއްޖަކަށް އެ ވަނީ ހީނުކުރާ ފަދަ ގެއްލުންތަކެއް ލިބިފަ އެވެ. އާންމުކޮށް މިގޮތަށް ފޫހިވެގެންނޭ ކިޔާފައި އަބަދު ރޯ ކުދިންނަކީ އެމީހުންގެ ފްރީ ޓައިމްގައި ކުރާނެ ކަންތައް އަމިއްލަ އަށް ދަސްކުރުމުގެ ފުރުސަތު ނުދީ ޓީވީ އާއި ގޭމް ފަދަ ތަކެއްޗަށް އެ ކުދިން ގެއްލުވާލުމުން ނުކުންނަ ނަތީޖާ އެވެ.