ހޯމަ ދުވަހު އިއުލާންކުރި 63 ވަނަ ނެޝަނަލް އެވޯޑް ލިބޭ ފަރާތްތަކުގެ ލިސްޓާއެކު ބޮލީވުޑަށް ވަނީ އުފާވެރިކަމުގެ މޫސުމެއް އައިސްފަ އެވެ.
އެވޯޑް ލިބޭ ފަރާތްތަކަށް މަރުހަބާ މެސެޖެތައް ފޮނުވުމާއި ކާމިޔާބީތައް ފާހަގަކުރުމަށް ޕާޓީތައް ބާއްވަމުން އަންނައިރު، ނެޝަނަލް އެވޯޑާއެކު އެންމެ ބޮޑު އުފަލެއް ލިބިފައިވަނީ "ބާޖީރާއޯ މަސްތާނީ" ގެ ޓީމަށެވެ. މި ފިލްމަށް ހަތް އެވޯޑެއް ލިބިފައިވާއިރު، ފިލްމުގެ ޓީމުން ވަނީ ކާމީޔާބީ ފާހަގަ ކުރުމަށް ހޯމަ ދުވަހުގެ ރޭ ޕާޓީއެއް ވެސް ބާއްވާފަ އެވެ.
ޑައިރެކްޓަރު ސަންޖޭ ލިލާ ބަންސާލީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަށް ބޮލީވުޑް ނަން މަޝްހޫރު ފަރާތްތަކުގެ އިތުރުން ބަންސާލީ މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާއިން ކަމަށްވާ އައިޝްވާރިޔާ ރާއީ އާއި ސޯނަމް ކަޕޫރު ފަދަ ތަރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
މިހުރިހާ ތަރިން ބައިވެރިވިއިރު ވެސް މި ޕާޓީގައި "ބާޖީރާއޯ މަސްތާނީ" ގެ ބަތަލާ ދިޕިކާ ޕަދުކޯން ބައިވެރިއެއް ނުވެ އެވެ. ނެޝަނަލް އެވޯޑް އިއުލާންކުރި ދުވަހު އެކުވެރިއެއްގެ ކައިވެނި ޕާޓީގައި ބައިވެރިވުމަށް އަވަށްޓެރި ސްރީލަންކާގައި ހުރުމަށްފަހު ދިޕިކާ ވަނީ އެނބުރި އޭނާ މިހާރު ކުޅެމުން އަންނަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް"ގެ ޝޫޓިން އަށް ދިއުމުގެ ކުރިން އިންޑިއާގައި އެއް ދުވަހު މަޑުކޮށްފަ އެވެ.
އިންޑިއާގައި ހުރެ، ބަންސާލީގެ ޕާޓީއަށް ދިޕިކާ ނުދިއުމުން ގިނަ ބަޔަކު ދަނީ އެކަމާ ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ.
ބުނެވޭ ގޮތުގައި ދިޕިކާ ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކޮށް، އޭނާއާއި އެންމެ ބޮޑު ވާދަވެރި ކަމެއް އޮންނަ ބަތަލާ ކަންގަނާ ރަނާވަތަށް އެ އެވޯޑު ލިބުމުން އެކަމާ ހުރީ އިންތިހާއަށް މާޔޫސްވެފަ އެވެ.
"ބާޖީރާއޯ މަސްތާނީ" އާއި "ޕީކޫ" ގައި ދިޕިކީ ދައްކުވައިދީފައިވާ މޮޅު އެކްޓިން އަށް އޭނާ އަށް ވަނީ މަޝްހޫރު ހުރިހާ އެވޯޑުތަކުގެ މޮޅު ބަތަލާގެ އެވޯޑު ލިބިފަ އެވެ. މިހުރިހާ އެވޯޑުތަކުން ދިޕިކާގެ އެވޯޑުތަކުގެ ހަރުގަނޑު ފުރާލާފައިވާއިރު، ހަރުގަނޑު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވަނީ އެންމެ އެވޯޑެކެވެ. ދިޕިކާ އުންމީދު ކޮށްގެން ހުރީ މިދިޔަ އަހަރު ވެސް އޭނާއަށް ގެއްލުނު ނެޝަނަލް އެވޯޑް މިއަހަރު އޭނާއަށް ލިބޭނެ ކަމަށެވެ.
އެންމެ އުންމީދު ކޮށްގެން ހުރި އެވޯޑް އަތުން ބީވެގެން ދިއުމުން އެކަމާ ރުޅި އައިސްފައި ހުރުމުން ދިޕިކާ ބަންސާލީގެ ޕާޓީއަށް ދާން ބޭނުންނުވީ ކަމަށް ވީއިރު، އޭނާ އެންމެ ހިތްހަމަނުޖެހުނީ އޭނާއާ އެންމެ ބޮޑު ދުޝްމަނު ކަމެއް އޮންނަ ކަންގަނާ އެ އެވޯޑު ގެންދިއުމުންނެވެ.
ބަންސާލީގެ ޕާޓީއަށް ދިޕިކާ ނުދިއުމުން އޭނާ ނައީ ކީއްވެގެން ނޭނގޭ ކަމަށް ބަންސާލީ ވަނީ ބުނެފަ އެވެ. އަދި ދިޕިކާގެ ލޯބިވެރިޔާ ރަންވީރު ސިންގް ވެސް ފިލްމުގެ މުޅި ޓީމާއެކު ބައިވެރިވި ކަމަށް ވެސް ބަންސާލީ ވަނީ ބުނެފަ އެވެ.