ސިއްހަތު

ދުވާލު ގިނައިން ނިދުން: ހިތުގެ ބަލި އަވަސް!

ރޭގަނޑުގެ އަރާމު ޖިންޖަށްވުރެ އިތުރަށް ދުވާލުގެ ވަކި ގަޑިއެއްގައި ނިދާލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މީގެ ކުރިން ގަބޫލު ކުރެވުނަސް ސައިންސްވެރިން މިހާރު މިވަނީ ނިންޖާ ބެހޭ ގޮތުން އާ ތިއަރީއެއް ހޯދާފައެވެ.

ގިނައިން ނިދުމުން ހިތް ހަލާކުވާ ގޮތުގެ ތިއަރީ އެވެ. މިއީ އަޑުއަހަން މާ ފަސޭހަ ވާހަކައަކަށް ނުވިޔަސް މި ތިއަރީއަކީ އެތައް ދުވަހެއްގެ ގިނަ ދިރާސާތަކަށްފަހު ޔަގީންކުރެވިފައިވާ ހަގީގަތެއް ކަމަށް ގިނަ ސައިންސްވެރިން އިއްތިފާގުވެ އެވެ. ރޭގަނޑު ކޮންމެހެން ހޯދަންޖެހޭ ހައެއް ނުވަތަ އަށެއްކަ ގަޑިއިރުގެ ނިންޖަށްވުރެ އިތުރަށް ދުވާލުގެ ގަޑިއެއްގައި ނިދާލުމަކީ ރަނގަޅުކަމެއް ކަމަށް ސިއްހީ އެކި ބޭފުޅުން އަބަދުވެސް ލަފާދެ އެވެ. އަދި އެއީ ވަރުބަލިކަމަށް ދޭ ކުޑަ ތެރަޕީއެއް ކަމަށް ވެސް ލަފާދެ އެވެ. އެހެންވީމާ މިހާރު މިޖެހުނީ ކޮންތަނެއްގައި ހެއްޔެވެ؟ މެންދުރުގަޑީގެ ކަންނަތްކަމަށް ދޭނެ ތެރަޕީއެއް ވެސްމިހާރު ނެތުނީ ހެއްޔެވެ؟

ގިނައިން ނިދުމުގެ ސަބަބުން ހާޓް ފެއިލިއާ އަށް މަގުފަހިވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައިވާއިރު، ނިދައިގެން ހިތް ފެއިލްވާން މެދުވެރިވަނީ ހަމައެކަނި ހިތުގެ ބަލި ޖެހިގެން ނޫން ކަމަށްވެސް އެފަރާތްތަކުން ބުނެފައެވެ. ގިނައިން ނިދުމުން ނުވަތަ އެކްސެސިވް ސްލީޕްގެ ސަބަބުން ހިތުގެ ބައްޔަށް ވާރުތަވާ ގިނަ ބަލިތަކެއްގެ ޝިކާރައަކަށް މީހާ ވާކަމަށް ސިއްހީ ހޯދުންތަކުން ވަނީ އެނގިފަ އެވެ.

އޭގެތެރޭގައި ހަކުރު ބައްޔަކީ ޖެހުން އެންމެ ގާތް އެއް ބައްޔެވެ. ހަކުރުބައްޔަކީ ހިތުގެ ބައްޔަށް ދެވޭ ބޫސްޓެކެވެ. ނިދުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ތަޖުރިބާރުން ދީފައިވާ ނަމަކީ "މެޓަބޮލިކް ސިންޑްރޯމް" އެވެ. މެޓަބޮލިކް ސިންޑްރޯމްގެ ތެރޭގައި ހަކުރުބަލީގެ އިތުރަށް ލޭމައްޗަށް ދިއުމާއި އުނަގަނޑުގައި ސަރުބީ ޖެހުމުގެ އިތުރަށް ބޭޑް ކޮލެސްޓްރޯލް ހަޑިގަނޑުގައި އިތުރުވުން ހިމެނެއެވެ.

އެކާވީސް ކިޔަވާކުދިން ވެސް ހިމެނޭގޮތަށް ތިން ލައްކައެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ އެ ދިރާސާއިން އެނގުނު ގޮތުގައި، ދުވާލު ގަޑީގައި 40 މިނިޓަށް ނިދާ މީހުންނަކީ މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ރިސްކު ނެތް މީހުންނެވެ. އަދި 30 މިނިޓަށްވުރެ މަދުން ނިދާ މީހުންނަކީ މެޓަބޮލިކް ސިންޑްރޯމްގެ ގޮތުގައި ހިމެނޭ ބަލިތައް ޖެހޭ މިންވަރު ދަށް މީހުންނެވެ.

އެހެންވީމާ ދުވާލު ގަޑީގެ ނިދުން ކޮންޓްރޯލްކޮށްގެން ހިތުގެ ބަލި ފަދަ ގައިންގަޔަށް ނާރާ ބޮޑެތި ލައިފްސްޓައިލް ބަލިތައް ޖެހުމުން މީހާ ދުރުކޮށްދޭނެ ކަމެއްކަން ވެސް މިވަނީ އެނގިފައެވެ. އަދި 30 ނުވަތަ 40 މިނިޓްގެ ނެޕެއް ނަގާލުމަކުން ގެއްލުމެއް ނެތްކަން ވެސް މިއޮތީ އެނގިފައެވެ. އެހެންވީމާ ދެންވެސް ސޯނާ ގަޑިއެއް ގަނެލާށެވެ. އެއީ 40 މިނިޓަށްވުރެ އިތުރަށް ދުވާލު ގަޑީގައި ނިދުމުން ދުރުވެލާށެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 90 މިނިޓަށްވުރެ ގިނައިން ކޮންމެ ދުވަހަކު ނިދާ މީހުންނަކީ ގިނަ ބަލިތަކެއް ޖެހުމުގެ ފޮރުސަތޮ އޮތް، އަދި ޖެހިފައިވާ މީހުންކަން ފާހަގަކުރެވޭ ކަމަށް ރިސާޗަރުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޓައިޕް ޓޫ ޑައިބެޓިކް މީހުންނެވެ. ޓައިޕް ޓޫ ޑައިބެިކް އަކީ ލޭގެ ހަކުރު އާންމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވުން މެދުވެރިވުމުން ކިޔާ ނަމެކެވެ. ޓައިޕް ޓޫ ޑައިބެޓިކް އަށް ޑައިގްނޯސް ވިޔަސް އަދި ދެރަވާކަށް ނުވާނެ އެވެ. ސަބަބަކީ ރަސްމީކޮށް ޑައިބެޓިކް ޓެގް ނޭޅުވެނީސް އެކަމުން މިންޖުވެވިދާނެތީ އެވެ.

ދާދިފަހުން ސިއްހީ މާހިރުންގެ ޓީމަކުން ކުރި އެ ދިރާސާ ރިޕޯޓް، އަންނަ މަހު ޝިކާގޯގައި ހުންނަ އެމެރިކެން ކޮލެޖް އޮފް ކާޑިއޮލޮޖީ (އޭސީސީ) އަށް ހުށަހަޅަން ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ގިނަ މީޓިންތަކެއްގައި ވެސް ހުށަހަޅާފައިވާ އެ ރިޕޯޓް އެމެރިކާގެ ޕިއާ-ރިވީވް ޖާނަލްގައިވެސް ހިމަނަން ވަނީ ނިންމާފަ އެވެ.

"ދުވާލުގަޑީގައި ނިދުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އިތުރުވަމުން އަންނަ ނުރަނގަޅޫ އާދައެއް. އެހެންވީމަ ނިދުމާއި މެޓަބޮލިކް ބަލިތަކާއި މިއޮތް ގުޅުން ވަރަށް ރަނގަޅަށް އާންމުންނަށް ދޭހަވާން އެބަ ޖެހޭ. ހާޢްސަގޮތެއްގައި ލޭމައްޗަށް ދިއުމާއި ހަކުރު ބަލި ފަދަ ބަލިތައް އިތުރުވަމުން ދާ ދަނޑިވަޅެއްގައި މިއީ ފޯރުކޮށްދޭންޖެހޭ މުހިއްމު މައުލޫމާތެއް،" އެ ސްޓަޑީ ރިޕޯޓް ލިޔުއްވި ޑައެބެޓޮލޮޖިސްޓެއް ކަމަށްވާ ޑރ. ޓޮމީހައިޑާ ޔަމާޑާ ވިދާޅުވި އެވެ.

ޖިންޖަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެންމެ މުހިއްމު އެއް ވަސީލަތެވެ. ދުވާލު ގަޑީގައި ކުޑަކޮށް ނިދާލުމަކީވެސް އޭގައި ސިއްހީ ފައިދާ ހިމެނޭ ކަމަކަށް ވާއިރު ކުޑަ ސަމާލުކަމެއް ދީގެން ބަލިތަކާއި ދުރުގައި ހުރުމުގެ ނަސީބު ހޯދުމަކީ ވިސްނޭ މީހުންގެ ގޮތެވެ.