ޒިކާ ވައިރަސް އަށް ރާއްޖޭގެ މީހުން ޓެސްޓު ކުރުމަށް ނަގަން ފަށާފައިވާ ސާމްޕަލްތައް ބޭރަށް ފޮނުވާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޒިކާ ވައިރަސް، ރާއްޖޭގައި ހުރިތޯ ބަލަން ޓެސްޓު ކުރާ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ފެށީ، ފިންލޭންޑްގެ މީހެއް ރާއްޖޭގައި ހުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިރު އޭނާ ގައިން ޒިކާ ވައިރަސް ފެނުމާއި ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އިން ބުނެފައި ވަނީ އޭނާ އަށް ޒިކާ ވައިރަސް ޖެހުނީ ރާއްޖެއިން ކަން ޔަގީން ނުވާ ކަމަށެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ، ޒިކާ ގެ ސީރިއަސްކަން މި ދުވަސްކޮޅު އެހާ ބޮޑު ނޫންކަމަށް ވާތީ އަވަސް އަރުވާލައިގެން އެ މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ލޭގެ ސާމްޕަލްތައް ނެގޭ ވަރަކުން ޓެސްޓުކުރަން ބޭރަށް ފޮނުވާނެ ކަމަށެވެ.
އެކަމަށް އަދި ވަކި ތާރީހެއް ދެވެން ނެތް ކަމަށާއި ބައެއް މީހުންގެ އަތުން ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޒިކާ ވައިރަސް އަކީ ޑެންގީ ފަތުރާ މަދިރިން ފެތުރޭ ބައްޔަކަށް ވާތީ ލޭގެ ސާމްޕަލް ނަގަން ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވަނީ ރާއްޖޭގައި އެންމެ ފަހުން ޑެންގީ އާންމުވެގެން އުޅުނު ދުވަސްވަރު އެންމެ ބޮޑަށް ބަލި ފެތުރުނު ސަރަހައްދުތަކުން ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
ޓެސްޓުހަދަން ނަގާ ބްލަޑް ސާމްޕަލް ތައް ފޮނުވަނީ ބެންކޮކުގައި ހުންނަ ލެބޯޓަރީ އަކަށެވެ.
"މި ސަރަހައްދުގައި ހުންނަނީ ޒިކާ ވައިރަހަށް ޓެސްޓު ކުރެވޭ ދެ ލެބޯޓަރީ އެއް. އެއީ އިންޑިއާގައި ހުންނަ ތަނަކާއި ތައިލެންޑްގެ ބެންކޮކުގައި ހުންނަ ތަނެއް. އެހެންވީމަ ސާމްޕަލް ނެގުމާ އެ ހުރިހާ ކަމެއް ކުރިއަށް މި ގެންދަނީ އެމީހުންގެ ސްޓޭންޑަޑަށް. ވަކި ވަރަކަށް ސާމްޕަލް ނެގުނީމަ ޓެސްޓު ހަދަން ފޮނުވޭނީވެސް. އެހެންވެ އަދި އެއްވެސް ސާމްޕަލް އެއް އެކޮޅަކަށް ނުފޮނުވަން،" ހެލްތުން ބުންޏެވެ.
ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. އެބަލީގެ އަލާމާތްތަކަކީ ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެއެވެ.
ސައިންޓިސްޓުން ޒިކާ ވައިރަސް ފުރަތަމަ ދެނެގަނެފައިވަނީ 1952 ގައެވެ.
އެ ބަލި ޖެހުމުން، ޑެންގީ ޖެހުމުން ހުން އަންނަ ގޮތަށް ހުން އައުމާއި، ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެ އެވެ.