ހަބަރު

ޑިމޮކްރަސީގައި ރާއްޖެ ދަނީ ފަހަތަށް، އެއީ ތަރައްގީއަށް ހުރަހެއް: އެމެރިކާ

  • ސަރުކާރުން ދުރަކަށް ނުވިސްނާ ކަމަށް ވިދާޅުވި
  • ޑިމޮކްރަސީގެ އުސޫލުތަކަށް ރުޖޫއަވާން ގޮވާލި
  • ގައުމު ކުރިއެރުމަށް ސަރުކާރުން ގޮތް ދޫކުރަން ގޮވާލި

ރާއްޖޭގެ ޑިމޮކްރަސީ ބަލިކަށިވެ، ޑިމޮކްރަސީގައި ފަހަތަށްދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް ނިޝާ ބިސްވާލް ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ، ދެކުނު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައިވާ ޕޮލިސީތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއާ ގުޅޭގޮތުން ނިޝާ ވިދާޅުވީ، ރާއްޖޭގައި އިދިކޮޅު ލީޑަރުން ވަނީ ޖަލަށްލާފައި ކަމަށާއި އެމީހުން ޖަލަށްލީ ހިޔާލު ފާޅުކޮށް، ސަރުކާރަށް ފާޑުކިޔުމުން ކަމަށެވެ. ނިޝާ ވިދާޅުވީ ރާއްޖެއިން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖެއަށް ފައިދާ ބޮޑު ގޮތަކީ އެނބުރި ޑިމޮކްރަސީގެ އުސޫލުތަކަށް ރުޖޫއަވުން ކަމަށް ވެސް ނިޝާ ވިދާޅުވި އެވެ.

"މިއީ ސަރުކާރުން އެއްވެސް ދުރު ވިސްނުމެއް ނެތި އަޅާ ފިޔަވަޅުތަކެއް، އެފަދަ ފިޔަވަޅުތަކުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލު ނުވާނެ، އެމެރިކާއިން ގޮވާލަން ރާއްޖެ އަލުން ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިޔުމަށް، އެއީ ރާއްޖޭގެ ކުރިމަގާއި އިގުތިސޯދު އުޖާލާވާނެ ކަމެއް،" ނިޝާ ވިދާޅުވި އެވެ.

އޭނާ އިޝާރާތް އެ ކުރައްވަނީ، ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ފިސްތޯލައެއް ގެންގުޅުނު ކަން ސާބިތުވެ ޖަލަށްލީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކްރިމިނަލް ކޯޓްގެ އިސްގާޒީ ކަން ކުރެއްވި އަބްދުﷲ ގާޒީ ރައީސް ނަޝީދުގެ ވެރިކަމުގައި ހައްޔަރު ކުރި މައްސަލައިގައި އެމަނުކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމެވެ.

އެމެރިކާއިން މީގެ ކުރިން ވެސް އެ ހުކުމްތަކަށް ފާޑު ކިޔުމުން ސަރުކާރުން ބުނެފައި ވަނީ، ސަރުކާރުން އެއްވެސް ސިޔާސީ މީހަކު ޖަލަށް ނުލާ ކަމަށާއި ތަންފީޒު ކުރަމުން ދަނީ ޝަރުއީ ދާއިރާއިން ކުރި ހުކުމްތަކެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެހީތެރިވުމަށް ސަރުކާރުން އެދިފައިވެ އެވެ.

ރާއްޖެ ފަހަތަށްދާކަން ނިޝާ ފާހަގަކުރެއްވިއިރު، އެންމެ އަވަށްޓެރި ސްރީ ލަންކާ ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެކަމަނާ ވިދާޅުވީ، ލަންކާގެ ނިޒާމްތައް ހަރުދަނާކުރުމަށް މިހާރުގެ ސަރުކާރުން ބުރަ މަސައްކަތެއްކުރާ ކަމަށާއި އެކަމަށް އެމެރިކާ މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަމުގެ ވެވުނު އެއްބާރުލުމެއްދޭނެ ކަމަށެވެ.

"އަދިވެސް އެބަހުރި ލަންކާގައި އިސްލާހުކުރަންޖެހޭ ގިނަ ކަންކަން، އެގޮތުން ޝަރުއީ ނިޒާމް، ސިޔާސީ ގޮތުން ލިބެން ޖެހޭ ހައްގުތައް ފަދަ ކަންކަން ހަރުދަނާކުރަން ޖެހޭ، އެ ދައުމުގެ މިހާރު ސަރުކާރުން ގައުމު ކުރިއެރުވުމަށް މަސައްކަތްކުރާ ތަން ފެނޭ،" ނިޝާ ވިދާޅުވި އެވެ.

އިންޑިއާގެ އިގުތިސޯދު ބާރަށް ކުރިއަރަމުންދާ ކަމަށް ވެސް ނިޝާ ވިދާޅުވި އެވެ. އިންޑިއާގެ އިތުރުން ބަންގްލަދޭޝް ވެސް އިގްތިސޯދީ ގޮތުން ކުރި އެރުންތަކެއް ހޯދަމުންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދެކުނު އޭޝިއާގެ އިތުރު ދެ ގައުމު ކަމަށްވާ ޕާކިސްތާނާއި އަފްގާނިސްތާނުގައި ދެވޭ ޓެރަރިސްޓް ހަމަލާތައް ނިޝާ ކުށްވެރިކުރެއްވި އެވެ. އަދި އެފަދަ ހަމަލާތަކުގެ ސަބަބުން ނެތިގެން ގޮސްފައިވާ އަފްގާނިސްތާނުގެ އިގުތިސޯދު އަލުން އާރާސްތުކުރުމަށް އެމެރިކާއިން މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.