ހަބަރު

ޖޭއެސްއީގެ ދެން އޮންނަ ބައްދަލުވުމުގައި ދަށު ކޯޓަށް ފަނޑިޔާރުން ނަގާނެ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދެން އޮންނަ ބައްދަލުވުމެއްގައި ދަށު ކޯޓުތަކުން ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ފަނޑިޔާރުން އައްޔަންކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. ފަނޑިޔާރުންގެ މަގާމު ހުސްވެފައިވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުންނެވެ.

ޖޭއެސްސީއިން ބުނީ، ދަށު ކޯޓުތަކުގެ ތެރެއިން ސިވިލްކޯޓަށް ދެ ގާޒީންނާއި ކުރިމިނަލް ކޯޓަށް ދެ ގާޒީން ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކޮމިޝަނަށް އިންޓަވިއުއަށް ހާޒިރުވި 23 ފަރާތަކާ އިންޓަވިއުކޮށްފައިވާ ކަމަށެވެ.

ދަށު ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން އިއުލާންކުރުމުން ކުރިމަތިލެއްވީ 27 ބޭފުޅެކެވެ. އޭގެތެރެއިން ޝަރުތުހަމަވެގެން އިންޓަވިއުކުރުމަށް ހޮވުނީ 26 ބޭފުޅުންނެވެ. މީގެ ތެރެއިން އެ ކޮމިޝަނުން ކުރިއަށް ގެންދިއަ އިންޓަވިއުއަށް އައިސްފައި ވަނީ 23 ބޭފުޅުންނެވެ.

އެ ކޮމިޝަނުން ބުނީ މިހާރު ކުރިއަށް ގެންދަނީއިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގެ ކަންކަން ކަމަށެވެ. އަދި އެ ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ބޭފުޅުން ހޮވުން ކޮމިޝަނުން ދެން ބާއްވާ ޖަލްސާއަކަށް އެޖެންޑާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.