ރާއްޖެ ކުޅިވަރު

ފީފާގެ ކަންބޮޑުތައް ކުލަބަތަކާ ހިއްސާކުރުމަށް ނިއުއިން އެދިއްޖެ

Mar 31, 2016
1

އެންމެ ފަހުން ފާސްކުރި އެފްއޭއެމުގެ އަސާސީ ގަވާއިދުގައި ފީފާއިން ކަންބޮޑުވާ ޕޮއިންޓްތައް ކުލަބަތަކާ ހިއްސާކޮށްދިނުމަށް ނިއުރޭޑިއަންޓުން އެދިއްޖެ އެވެ.

ނިއުއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ދިގުލައި ދިއުމުގެ ސަބަބުން ފީފާގެ ސަސްޕެންޝަނެއް ރާއްޖެ އަށް އައުމަށް އެކުލަބުން ނޭދޭ ކަމަށެވެ. މިހެންވެ އިންތިހާބަށް މަގުފަހިކުރަން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދޭނެ ކަމަށެވެ.

ނަމަވެސް މި މަހު ފާސްކުރި އެފްއޭއެމުގެ އަސާސީ ގަވާއިދުގައި ފީފާއިން ކަންބޮޑުވާ މާއްދާތަކަކަކީ ކޮބާކަން އެފްއޭއެމުން ކުލަބުތަކަށް އޮޅުންފިލުވައިދީފައިނުވާ ކަމަށާއި ވީއެންމެ އަވަހަކަށް އެކަން ކޮށްދިނުމަށް އެދޭ ކަމަށެވެ.

ނިއުއިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ މިއިން ދުވަހަކު ނުދާހާ ބޮޑަށް ދަށަށް ހިނގައްޖެކަމަށެވެ. އޭގެ ސަބަބަކީ އިންތިހާބުކޮށްފައިވާ ހިންގާކޮމިޓީއެއް އެފްއޭއެމުގައި ނެތުން ކަމަށެވެ. މިހެންވެ މިހާރު ފުޓްބޯޅަ އަށް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ އިންތިހާބުކޮށްފައިވާ ހިންގާކޮމިޓީއަކާއި އެފްއޭއެމުގެ ހިންގުން ހަވާލުކުރުން ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު އަސާސީ ގަވާއިދު ފާސްކޮށް ނޮވެމްބަރު އިންތިހާބު ބާއްވަން އުޅުނު ނަމަވެސް ދެ ފަހަރެއްގެ މަތީން އެފްއޭއެމުގެ އިންތިހާބުވަނީ ނުބޭއްވިފަ އެވެ. މި މައްސަލާގައި ފީފާއިން މިހާޜު އަންގާފައިވަނީ މި މަހު ބޭއްވި ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދު ބަލައިނުގަނެވޭނެ ކަމަށާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފާސްކުރި އަސާސީ ގަވާއިދު ފާސްކޮށްދިނުމަށެވެ. މި މަހު ފާސްކުރި އަސާސީ ގަވާއިދު ފީފާއިން ބަލައިނުގަނީ އެ ޖަމާއަތުގެ ރިފޯމް އެޖެންޑާއާ ހިލާފު މާއްދާތަކެއް ހިމެނޭ ކަމަށް ބުނެފަ އެވެ. ފީފާއިން އެދެނީ އެފްއޭއެމުގެ ހިންގާ ކޮމިޓީގައި އަންހެން މެމްބަރަކު އިނުމަށާއި އަންހެނުންނާއި އިންޓަރެސްޓް ގްރޫޕްތަކާއި އަތޮޅުތެރޭގެ ކުލަބުތަކަށް އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ.

ނަމަވެސް މި މަހު ފާސްކުރި އަސާސީ ގަވާއިދުގައިވާ ގޮތުން އިންތިހާބުގައި ވޯޓުލެވެނީ ޖުމުލަ 21 ކުލަބަށެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް ދެ ކުލަބަށް ވޯޓުލެވޭނެ އެވެ. މިވެސް ފީފާއިން މައްސަލަ ޖައްސާ ޕޮއިންޓެކެވެ.