ފީފާ

ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމެއްގައި ގަދަކަމުން މަސައްކަތް ކުރުވާ: އެމްނެސްޓީ

ދެހާސް ބާވީހުގައި ވޯލްޑް ކަޕް ބާއްވާ ގަތަރު ގައި އަޅާ ސްޓޭޑިއަމެއްގައި "ފޯސްޑް ލޭބަރުން" ބޭނުންކުރާ ކަމަށް ބުނެ، އެމްނެސްޓީ އިންޓާނެޝަނަލުން ގަތަރުގެ ބޮލުގައި ވަރުގަދަ އިލްޒާމެއް އަޅުވައިފި އެވެ.

އެމްނެސްޓީއިން ބުނީ ގަތަރުގައި އަޅާ ސްޓޭޑިއަމްތަކުގެ ތެރެއިން ސްޓޭޑިއަމެއްގައި މަސައްކަތް ކުރާ މީހުން ނިދާ ކައި ހަދަނީ ނަޖިސް އަދި ކުދި ކުދި ގޮޅިތަކެއްކަހަލަ ތަންތަނުގައި ކަމަށާއި ރެކްރޫޓްމެންޓް ފީސް މަސައްކަތް ތެރިން ލައްވާ ސްޓޭޑިއަމް ހެދުމާ ހަވާލުވެ ތިބި ވެރިންނަށް ދައްކާ، މުސާރަ ނުދީ، ޕާސްޕޯޓުތައް ވެސް އަތުލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ ފީފާއަށް އަމާޒުކޮށް ވެސް ހަރުކަށި ބަސްތަކެއް އަމާޒުކޮށްފަ އެވެ. ބުނެފައިވަނީ އެ ސްޓޭޑިޔަމްގެ ބިންގާ ވެސް އަޅާފައި ވަނީ ހިއުމަން ރައިޓްސް އެބިއުޒްގެ މައްޗަށް ކަމަށާއި ފީފާއިން މިކަން ނުހުއްޓުވަމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ގަތަރުން ބުނެފައިވަނީ، އެ ހަބަރަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެ މައްސަލަ ތަހްގީގް ކުރާނެ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިންނަށް ބެލުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.