ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކެވަޑައިގަންނަވަ ގޮތުގައި ބަނގުރާ ތައްޓެއް ނުބުޔެއް ކަމަކު ފުޓުބޯޅަ މެޗަކަށް ހޭދަވާ ތިންގަޑިއިރު ތެރޭގައި މީހަކު މަރެއް ނުވާނެ އެވެ.
އޭނާ އަދި ވިދާޅުވީ ރާބޯން ދެވިހިފާފައި ހުރި ނަމަވެސް ތިން ގަޑިއިރަކީ ފޯރިގަދަ ފުޓުބޯޅަ މެޗަކަށް ދޫކޮށްލަން ގިނަ ވަގުތުތަކެއް ނޫން ކަމަށެވެ.
ގަތަރުގައި މިއަދު ފަށާ ވޯލްޑްކަޕް 2022 އާ ދިމާކޮށް ސްޓޭޑިއަމްތައް ކައިރީގައި ބަނގުރާ ވިއްކުން އޮތީ އެ ގައުމުން މަނާކޮށްފަ އެވެ. އަދި ދަނޑަށް -- މެޗު ބަލަން ތިބެގެން ބޯ ބުއިމެއް ގޮތުގައި ބަނގުރާ ވެއްދުން ވެސް އޮތީ މަނާކޮށްފަ އެވެ.
އިންފަންޓީނޯ ވިދާޅުވި ގޮތުގައި ސްޓޭޑިއަމްތަކާ ކައިރި ހިސާބުތަކުން ބަނގުރާ ނުލިބުނު ނަމަވެސް، ގަތަރުގައި ބަނގުރާ ލިބެން ހުރި ތަންތަން މަދު ނޫން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ކުޅިވަރު ކުޅޭ ސަރަހައްދު ތަކުގައި ބަނގުރާ މަނާކޮށްފައި އޮންނަނީ ހަމައެކަނި ގަތަރުގައި ނޫން ކަމަށާއި ތިޔަ ބުނާ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ބަނގުރަލަކީ ކުޅިވަރާ ބީރަށްޓެހި ބުއިމެއް ކަމަށެވެ.
ބަނގުރާ ބޮއެގެން ބުއްދިފިލައި ދަނޑު ތެރެއަށް ވަދެ ސަޕޯޓަރުންގެ މެދުގައި ހިންގާ ހަމަނުޖެހުންތައް ނުފެންނަނީ ކިއްވެތޯ ސުވާލުކުރައްވަމުން ފީފާގެ ރައީސް ވިދާޅުވީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ އެންމެންނަށް ވެސް ފޯރިގަދަ ބޮޑު އުފަލަކަށް ވާން ޖެހޭ ކަމަށެވެ.
ބަނގުރަލަކީ ގަތަރުގައި އާންމުކޮށް ލިބެން ހުންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ފިފާގެ މަޝްވަރާގެ މަތިން ވޯލްޑްކަޕަށްޓަކައި ބަނގުރާ ވިއްކާ ޓެންޓްތަކެއް ވަނީ ވަގުތީ ލައިސަންސަކުން ހިންގަން ހުއްދަ ދީފަ އެވެ. އެއީ ވެސް ސްޓޭޑިއަމްތަކާ ދުރުގަ އެވެ. އެހެންކަމުން ގަތަރަށް ދާ ބޭރު ގައުމުތަކު މީހުންނަށް އަދި ފުޓްބޯޅަ ސަޕޯޓަރުންނަށް އެ ތަކެތި ލިބުމުގައި ދަތިތަކެއް ނޯންނާނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.
ގަތަރަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އިންފަންޓީނޯ ވިދާޅުވީ މިއީ ފީފާއަށް ވަރަށް ފުރިހަމައަށް ބޭއްވޭ ވޯލްޑްކަޕް މުބާރާތެއް ކަމަށެވެ. އަދި މީޑިއާ ރައިޓްސް އާއި ޓިކެޓް ވިއްކައިގެން ކުރީ އަހަރު ތަކުގައި ލިބިފައި ނުވާ ވަރަށް މި ފަހަރު އާމްދަނީ ލިބޭނެ ކަމަށެވެ.