ހަބަރު

ޕާޕާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ހެ ބަންދު މުއްދަތަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ. މީގެކުރިން ވެސް ދެފަހަރެއްގެ މަތިން 15 ދުވަސް ޖަހާފައިވެ އެވެ.

ޕާޕާގެ މައްޗަށް ދައުވާ އުފުލާ އެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ. ދައުވާ އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މި މައްސަލާގައި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން މި ދެ ދައުވާ އިއްވުމުން ދެ ދައުވާއަށް ވެސް ޕާޕާ ވަނީ އިންކާރު ކޮށްފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޕާޕާ ވިދާޅުވީ، ލޯންޗުކޮޅަށް އަރަންދިޔަ ފުލުހުންނަށް އެކަން ނުކުރުމަށް އެންގީ "ޗީފެއް" އަންގައިގެން ކަމަށެވެ.

ދައުލަތުން ޕާޕާގެ މައްޗަށް ދައުވާކުރަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުން އޭނާ އެތަނަށް ގޮސް އެ ސަރަހައްދުގެ ކޮންޓްރޯލް ނަގާ، ކުށުވެށި ރައްކާތެރިކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށް ބުނެ އެވެ. އަދި އެތަނަށް ގޮސް ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާ، ފުލުހުން ލޯންޗުކޮޅަށް އެރުން މަނާކުރި ކަމަށް ބުނެ އެވެ.