ހަބަރު

ހަފްތާގެ ކްރައިމް ރީޑް: ގިނައީ ޖިންސީ ގޯނާ!

ރާއްޖޭގައި މާރަމާރީ އާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ރެކޯޑު ކުރެވޭވަރު މަދެއް ނޫނެވެ. މި އަހަރު ފެށުނުތާ އަދި މާގިނަ މަސްތަކެއް ނުވާއިރު މިހާރުވެސް ދައްކަނީ ވޭތުވެދިޔަ ތިން މަސް ތެރޭގައި ހިނގި "ކްރައިމް" ނުވަތަ މާރާމާރީތަކާއި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކޮށްފައި ހުރި ޖިންސީ އަދި ޖިސްމާނީ ގޯނާ ތަކުގެ ވާހަކަ ތަކެވެ. މިދިޔަ ހަފްތާއަކީ ވެސް މި ކްރައިމް ރެކޯޑަށް ބޮޅުތައް އިތުރުވި ހަފްތާއެކެވެ.

ހަފްތާ ފެށުނީ ތަފާތު ގޮތަކަށެވެ. މާރަމާރި ހިންގައި ކުށް ކުރާ ބޮޑެތި ގޭންގުތައްކުގެ މީހުން ފަހާ ދުވުމުގެ ބަދަލުގައި ބޮޑެތި ކްރިމިނަލުންގެ ބާރު ކަނޑުވާލަން ދުނިޔޭގެ އެކި ކަންކޮޅުގައި ބޭނުން ކުރާ މޮނިކޮން އޯޑަރު ނެރެ ޓެގް އަޅުވައި، ކުށްވެރިންގެ ތެރޭގައި ހިމެނޭ 11 މީހުން މޮނީޓާ ކުރަން ފަށައިގެނެވެ.

އެއީ ބާރު ގަދަ ބޮޑެތި ގޭންގުތަކުން ފާޅުގައި ކުރަމުންއައި ބޮޑެތި މާރަމާރީތަކުގެ ވާހަކައެވެ. އެއާހިލާފަށް ވަގަށް ފިލައިގެން ތިބެ، ކުށަށް އަރައި ގަންނަމުން ދިޔަ ބަޔަކު ފުލުހުން މިދިޔަ ހަފްތާގައި އަތުލައިގަތެވެ. އެއީ ކުޑަކުދިންނަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާ ކުރާ މައްސަލާތަކުގަ އެވެ.

މިދިޔަ ހޯމަ ދުވަހު 16 އަހަރުގެ ފިރިހެން ކުއްޖަކަށް ތަކުރާރުކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ކުރަމުންދިޔަ މީހެއް ހައްޔަރުކޮށްފަ އެވެ. އޭގެ އެއްދުވަސް ފަހުން ޖިންސީގޯނާގެ ޝިކާރައަކަށްވީ ހދ. ކުޅުދުއްށީގެ 11 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ޖިންސީ ގޯނާކުރީ 51 އަހަރުގެ ފިރިހެނެކެވެ.

ޖެހިގެން އައި ދުވަހު އަޑުއަރައިގެން ދިޔައީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރި މައްސަލަތަކެއްގައި ތިން މީހެއްގެ މައްޗައް ކުޅުދުއްފުށީ ކޯޓުން ހުކުމްތަކެއް ކުރި ވާހަކައެވެ. އެކަކަށް 15 އަހަރު އަނެކަކަށް 25 އަދި ތިން ވަނަ މީހާ 33 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ.

ކުޑަކުދިންނާއި ބެހުމުގެ މިފަދަ ބޮޑެތި މައްސަލަތަކެއް ފެންމަތިވީ މިފަދަ ހަފްތާއެއްގައި ހައިރާން ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓުކުރާ ޖެންޑަ މިނިސްޓްރީގެ ހެލްޕްލައިން ކަމަށްވާ "1412" ވަނީ މައްސަލަ ޖެހިފައި ހުރުމުންނެވެ.

އަދި އެ މައްސަލަ ހައްލު ކުރުމަށް ފަހު އާމުންނަށް އެކަން އަންގާނެ ކަމަށް ވިދާޅުވި އިރު މިހާތަނަށް ޖެންޑާއިން ހަބަރެއް ނުވެއެވެ.


ހަފްތާތެރޭގައި ހިނގި މަސްތުވާ ތަކެތީގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ހަފްތާތެރޭ ކޮންމެ ދުވަހަކު ޖެހިޖެހިގެން މަސްތުވާ ތަކެތީގެ އެތައް ކަމެއް ދިމާވި އެވެ. ހަފްތާ ފެށުނީވެސް ބަނގުރާ ފުޅިތަކެއް ފެނިގެނެވެ. ބީޖީ ގަރާޖް ސަރަހައްދުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން އެހެން ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގި އެވެ. ހާދިސާ ބަދަލުވީ ސައިކަލު ދުއްވި ސައިކަލްގެ މަޑި ދަށުން ދެ ފުޅި ބަނގުރާ ފެނުން ހިސާބުންނެވެ. ނަމަވެސް އެ ސައިކަލްގައި ތިބި ދެ މީހުން ވަނީ ފިލާފަ އެވެ. އޭގެ އަނެއް ދުވަހު ގެސްޓް ހައުސް އައިލެންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ، ކ. މާފުށީގެ ގެއެއް ބަލައިފާސް ކުރި އިރު ތިން ބިޔަރު ފުޅިއާއި ބިޔަރު ހުސްކުރި ހަތް ފުޅި ފެނުނެވެ. އެތަކެތި ފެނުނީ އެގޭގެ ދޮންނަ މެޝިނު ތެރެއިންނެވެ.

ދެން މަސްތުވާތަކެތީގެ މައްސަލާގައި ހަބަރުތައް އަރަން ފެށީ ސްރީ ލަންކާ ނޫސްތަކުގައެވެ. ލަންކާއަށް ތިން ކިލޯ ހެރޮއިން އެތެރެކުރަން އުޅުން ހަތަރު ދިވެހިން އަތުލައިގަތީ އެވެ. އެ މައްސަލަ ދިވެހި ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ލަންކާ ފުލުހުން ބުންޏެވެ.

ނ. ވެލިދޫއަށް މަސްތުވާތަކެތި ހިފާގެން އަރަން އުޅުން 34 އަހަރުގެ މީހެއް ހައްޔަރު ކުރި އެވެ. އަދި ހަމަ އެއޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކާއި އެކީ 29 އަހަރުގެ ފިރިހެނެއްވެސް ހައްޔަރު ކުރި އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި ފާސްކުރި އިރު އެމީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 28 އަހަރުގެ މީހަކާއި 35 މީހެމީހެކެވެ. އަދި ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކާއެކު 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކުރި އެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ދިވެހިންނެކޭ އެއްފަދައިން ބިދޭސީންގެ އަތްވެސް އޮވެއެވެ. އެގޮތުން ފުލުހުންނަށް ލިބުން އިންޓެލިޖަންސް މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ލޮޓް 10304 ބަލައިފާސް ކުރި އިރު މަސްތުވާތަކެތި ހުރި ހަ ކަރުދާސްކޮޅާއި އެކު ބަންގްލަދޭޝަ ރައްޔިތެއް ހައްޔަރު ކުރި އެވެ.

މިދިޔަ ހަފްތާގެ ހިނގި ބައެއް އިތުރު ކަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޅ. ކުރެންދޫގައި މީހަކު އޭނާގެ އަނބި މީހާގެ ބޮލުގައި ގަލުން ތަޅައި ބޯ ފަޅާލައި ހޭނައްތާލި ވާހަކައެވެ. ފުލުހުން ބުނީ ކުރެންދޫގައި ދެމަފިރި އެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާ އަންހެން މީހާއަށް އަނިޔާ ކޮށްފައިވާ މައްސަަލާގައި ފިރިމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އަންހެން މީހާގެ ހާލު ފަހުން ރަނގަޅެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫ ގެޔަކުން އަދި ވައިކަރަދޫ މަހާނަ ގަލެއް މަތިން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ފުލުހުން ވަނީ ނަގައިފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުނެވެ.

މިއީ މި ހުސްވި ހަފްތާގެ ކްރައިމް ރީޑްއެވެ. ހަފްތާއެއް ތެރޭގައި މިހާ ކަންތައް ހިނގާފައިވާ އިރު މިދިޔަ ހަފްތާއަކީ ފުލުހުންނަށް ވެސް ހާއްސަ ދުވަހެއް އައި ހަފްތާއެކެވެ. އެއިދާރާ އަށް 83 އަހަރު ފުރުނެވެ. އެގޮތުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ހިނގި ބޮޑެތި މައްސަލަތަކާއި ގުޅިގެން ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތުތައް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި ނޫސްވިރިޔާ ރިލްވާން ގެއްލުނު މައްސަލާގެ ތަހުގީގުގެ މައުލޫމާތުތައް މާދަމާ ހިއްސާ ކުރާނެ ވާހަކަވެސް ފުލުހުން ބުންނެވެ.