ކޮލަމް

ގާސިމަށާއި ނަޝީދަށް ފެނިވަޑައިގަންވާ މަންޒަރު!

Jan 31, 2015
23

ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާ ބަލައިލާށެވެ؛ ދެކުނު ބަޣާވާތުގެ މައްސަލަ ވަރަށް ހައްސާސީ މައްސަލައަކަށް ވެއްޖެ އެވެ. އެ ބަޣާވާތުގެ ކަންކަން ނިންމަންވީ ގޮތެއް ކަނޑައަޅަން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ރަދުން މައްސަލަ ފޮނުވަތްޕެވެ. މަޖިލީހުން ގޮތެއް ވެސް ނިންމަތްޕެވެ. ނިންމި ގޮތަކީ ކޮބައިތޯ އެވެ؟ ނިންމީ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ފެނި ވަޑައިގަންނަވާ ގޮތަކަށް އެކަން ނިންމާލައި ދިނުމަށެވެ. ނާސިރު ކަންތައް ކުރެއްވީ އޭނާއަށް ފެނި ވަޑައިގެންނެވި އެންމެ މޮޅަށެވެ. އެ ވަޑައިގެންނެވި ގޮތަށް ވަޑައިގެން ބަޑި ޖެއްސެވީ އެވެ. ތަންތަން ރޯވެސް ކުރެއްވީ އެވެ. ކިޔަމަން ނުވެއްޖެނަމަ ފަސްގަނޑުވެސް ދަމައިގަނެގެން ގެންނާނެ ކަމަށް އަޑުގަދަ ކުރާއިން ވިދާޅުވީ އެވެ.  

***

ގާނޫނު އަސާސީ ހިމާޔަތް ކުރަން ޖޭޕީއަށް ކުއްލި ގޮތަކަށް ވަރަށް މުހިންމުވެ އެކަން ވަރަށް ހައްސާސީ މައްސަލައަކަށް ވެއްޖެ އެވެ. މައްސަލަ އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް ވެސް ވައްދަތްޕެެވެ. ގައުމީ ހިންގާ ކޮމެޓީ ސައްލާކޮށް ގޮތެއް ވެސް ނިންމަތްޕެެވެ. އެއީ ކޮން ގޮތެއްތޯ އެވެ. އެއީ ލީޑަރު ގާސިމް އިބްރާހިމަށް ފެނި ވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާށެވެ. ގާސިމަށް ފެނި ވަޑައިގަންނަވާ ގޮތަކަށް އެކަން ކުރައްވައިފި އެވެ.

ގާސިމް ކަންކުރެއްވީ ކިހިނެއްތޯ އެވެ؟ ގާސިމް ނިންމެވީ ގާނޫނު އަސާސީ ހިމާޔަތް ކުރާން ރައީސް މުހައްމަދު ނަޝީދަށް ގޮވައިލައްވާށެވެެ. އެކުގައި ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާން ގާސިމަށް ފެނި ވަޑައިގެންނެވި ބޭފުޅަކީ ކާކުކަން ރައްޔިތުންނަށް އެންމެ ގިނައިން ބުނެދެއްވި ބޭފުޅަކީ ގާސިމެވެ. ރައީސް ނަޝީދަކީ ތަކުރާރުކޮށް އެތައް ފަހަރަކު ގާނޫނު އަސާސީ "ވީދާލައިގެން" ހުންނެވި ބޭފުޅެއް ކަމަށް އެތައް ޖަލްސާއެއްގައި އެގި ރާގު ރާގަށް ވިދާޅުވެފައި ވަނީ ގާސިމެވެ. އެމަނިކުފަނު އެހެން އެކަނި ވިދާޅުވީއެއް ނޫނެވެ. ގާނޫނު އަސީއާ ހިލާފުވެ ވަޑައިގެން "ޗާޓުގެ ބޭރުން" ކަން ކުރައްވާނެ ކަމަށް ރައީސް ނަޝީދުގެ އަމިއްލަފުޅު އިއުތިރާފެއް އެބައޮތެވެ. އެކަން އެ މަގަށް ކުރެއްވިވެސް މެ އެވެ. ރައީސް ނަޝީދު ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މާޗް 13، 2012 ގައި ސުޕްރީމް ކޯޓުން ނިންމި 2009 ގެ 13 ނަމްބަރު ގަޒިއްޔާ ބަލައިލާށެވެ. ވީއިރު ގާނޫނު އަސާސީ ހިމާޔަތް ކުރާން ކުރާ މަސައްކަތެއްގައި ގާސިމް ރައީސް ނަޝީދަށް ގޮވައިލެއްވީމާ އެވަނީ ކޯންޗަކަށް ހެއްޔެވެ؟ މިކިޔަނީ ކީކޭ ހެއްޔެވެ؟ ރާއްޖޭގައި ތިބީ "ދެސުން ކައިގެން މުށިބުދު" ހެއްޔެވެ؟ ބަކަރިއަށް ފުންމަން ދަސްވީމާ ފުޅަފެއް ނޫން ފާރު މަތިން ވެސް ފުންމާނެ ކަން ގާސިމަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ؟

ޖޭޕީން ދައްކަނީ ގާނޫނު އަސާސީ ހިމާޔަތް ކުރާ ވާހަކަ އެވެ. އެ މަސައްކަތް ކުރާން އެންމެން އަންނަހަރޭ އެވެ. ތެދެކެވެ. މާ ކުރިޔަކު ބަޔަކު ގާނޫނު އަސާސީ ވީދައި ކުދިކުރާން ކަންކުރި ގޮތަކަށް މިހާރަކު ނުހެދޭނެ އެވެ. އެހެން ހަދާނަމަވެސް ރައްޔިތުން އުތުރޭނެ އެވެ. އެކަމަކު ސުވާލަކީ މިހާރު ޖޭޕީން ގޮވާ ގޮވެލީ އަޑު އަހައިގެން އެ ދިމާއަށް ދާންވީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އެއެއް ބޮލަށް ވައްދައިދޭން ޖެހެ އެވެ. ގާނޫނު އަސާސީ ހިމާޔަތް ކުރާން ރައްޔިތުން ނުކުންނަން ޖެހޭވަރުގެ ކަމެއް އައްޖަކުއެއް ހިނގައިގެނެއް ނޫޅެ އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރަހަރޭ ކިއާބަހައްޓާ، އެންމެން ލަނގޮޓި މަރާފައި ނުކުންނަވީ ވެރި ކަމުގެ ރޭހަށް ވަޑައިގަތުމުގައި ގާސިމަށް ހުރަސް އެޅޭ ކަމެއް މެދުވެރިވުން ކަމަށް ވަންޏާ ވެސް އެހެން މީހުން އެކަމާ އުޅެންޖެހޭ ސަބަބެއް ނެތެވެ. އެއީ އެހެން މީހަކަށް އެކަމުން ގެއްލޭ އަދަދެއް ނެތެވެ.

މިސާލަކަށް އެހެން ވަނީ އެވެ. އެހެން ކަމަށް ވަންޏާވެސް އެއީ މަޖިލީހުގެ ތެރެއިން ކުރާ ކަމެވެ. ދެ އިރު ދެޅައަށް ޕިކަޕުން ގޮވައިގެން މަގަށް މީހުން ނެރެގެންވާ ކަމެއް ނޫނެވެ. ގާސިމް އެހުންނެވީ މަޖިލީހުގައެވެ. ޖޭޕީގެ މަޖިލިސް މެންބަރުން އެބަތިއްބެވި އެވެ. އެމްޑީޕީގެ މެންބަރުން މަދެއް ނޫނެވެ. އެކަމާ ދެކޮޅަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެއްވީމާ ނިމުނީ ނޫންތޯ އެވެ. މެޖޯރިޓީ ނެތަސް ކަންކުރެވޭކަން ގާސިމް ވަނީ މަޖިލީހުގައި ދައްކަވައި ދެއްވާފައެވެ. ހާއްސަ މަޖިލީހުގެ ފެށުމާ ހަމައަށް ގޮސް ބަލައިލަބަލާށެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ އަކުރު (ނ) ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ނޯވެއެވެ. ވެގެން އުޅޭ ގޮތަކީ އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހެޅީ އެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ގާސިމް އުމުރުގެ ކަލަންޑަރު އޮތް ގޮތުން ރިޔާސީ ރޭހަށް ނުކުމެ ވަޑައިގެންނެވުމުގެ ދޮރު 2018 ގައި ބަންދުވަނީ އެވެ. އެހެންވީމާ ގާނޫނޫ އަސާސީ ހިމާޔަތް ނުކުރެވިގެން މައްސަލައަކަށްވެގެން މިއުޅެނީ ގާސިމަށްތާ އެވެ. އެހެން ބަޔަކާވާ ކޮން ކަމެއް ހެއްޔެވެ؟ ވެރިކަމުގެ ޝައުގުވެރިކަމުގައި އެއުމުރުގެ އެހެން ބޭފުޅަކު އައްޖަކު ނޫޅުއްވައެވެ. ވީމާ ޕިކަޕާ އަޑުގަދަ ކުރާ ނެރުނަސް އެކަމާ އުޅޭނީ ކާކު ހެއްޔެވެ؟ ފުރަތަމަ ކަމަކަށް ދާންވީ ސަބަބު ބުނެދެއްވާށެވެ. މިދާދުހު ސުޕްރީމް ކޯޓް ބެންޗް ވެސް ބަދަލުކޮށްފި އެވެ. ބަޔަކު އެކަމަކާ އަޅައެއްވެސް ނުލި އެވެ. ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ އެކަމުން އެމީހުންނަށް ގެއްލޭ އަދަދެއް ނެތީ އެވެ. އެއްގޮތަކަށް ބުނަންޏާ ވީ ފައިދާއެކެވެ. އެއީ ހަރަދު ކުޑަވީ އެވެ.

ދެން އޮތީ ގާސިމް ގޮވައިލުމާއެކު ނަޝީދު ކުނޫޒަށް ވަޑައިގަތުމެވެ. އެކަން ވަރަށް ސާފެވެ. އެމްޑީޕީގެ އޮތީ ވަރަ ބިނދިފައެވެ. ރައީސް ނަޝީދު ދުރުގައި ހުންނަވައިގެން އުއްކަވާ އެއްވެސް ގާގަނޑެއް ރައީސް އަބްދުﷲ ޔާމީނަކާ ލައްވައެއް ނުލަ އެވެ. އެހެންވީމާ ރަނގަޅު ގޮޅިއެއް ހުޅުވުނީ ކަމަށް ބައްލަވައިގެން ގާސިމް ފަހަތަށް ވަޑައިގެން އާދޭހޭ ރައީސް ކަމުގައި ހުންނަވަން ޖެހި ވަޑައިގަންނަވާނީ ގާސިމޭ ވިދާޅުވީ އެވެ. އެގޮތަށް ވާހަކަފުޅު ދެއްކެވުމުގައި ނަޝީދަށް އޮތް ބޭނުން ބޮޑު ކަމުންނެވެ.

ރައީސް ޔާމީން ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެއްވީ އެވެ. ފިއްތުންތައް އައީ އެވެ. އެއީ މައްސަލައެއް ކަމަށް ބަލަމާ ހެއްޔެވެ؟ އެންމެ ރަނގަޅެވެ. ރައީސް ނަޝީދާއެކުވެސް އެގްރިމެޓެއް ހެއްދެވި އެވެ. "އޮޅާލާފައި" އެއަށް ހެއްދެވީ ކިހިނެއްތޯ އެވެ؟ ސައުދާގަރަކު ވެރިކަމުގެ ޝައުގުވެރިކަން ފާޅު ކުރެއްވީމާ ވާނީ މިހެނޭ އެހެނޭ ވިދާޅުވެ ވާހަކަތައް ދެއްކެވީ ކޮންބޭފުޅެއްތޯ އެވެ. ނޫސްތަކުގެ ކަޓިން ހޯދައިގެން ގާސިމަށް އާޑަ ފުރައްސާރަ ކުރީ ކާކުތޯ އެވެ. ގާސިމް ހައްޔަރު ކުރީ ކާކުތޯ އެވެ. ވީޓީވީ ގައި ހުޅުޖަހައި އެތަން ތަޅައި ސުންނާފަތި އަރުވައިލީ ކޮންބައެއްތޯ އެވެ. ހުވަދު އަތޮޅުގައި ހެދި ބޮޑު ބިޔަ ފެކްޓްރީ އަންދާލީ ކޮންބައެއްތޯ އެވެ. ރައީސް ޔާމީނަކީ ގާސިމްގެ ވާދަވެެރިއަކަށްވުން ގާތެވެ. އެކަމަކު މިދެންނެވި ކަންކަން ކުރީއަކީ ޔާމީނެކޭ މީހަކު ނުކިޔައެވެ.

ނަޝީދުގެ ނިޔަތަކީ ހިނދުކޮޅުގައި ގާސިމްގެ ބޭނުން ހިފާލުމެވެ. އެ ބޭނުން ހިފާނީ ކިހިނެއް ހެއްޔެވެ؟

ގާސިމަކީ ދުނިޔޭގެ ކޮންމެ އުފަލަކަށް އަތްފޯރާ ފަށުގައި ހުންނެވި ވަރަށް ސާދާ ބޭފުޅެކެވެ. ވަރަށް ދީލަތި، ބޮޑު ހިތެއްގެ ވެރިއެކެވެ. އޯގާތެރި ރަހުމް ކުރައްވާ ބޭފުޅެކެވެ. އެހެންވީމާ ރައީސް ނަޝީދާއި އެމްޑީޕީން ގާސިމްގެ ބޭނުން ހިފާނެ ވަރަށް ގިނަ ގޮތްތައް އެބަހުއްޓެވެ.

ފްލައިމީ އާއި ގާސިމްގެ ކަނޑު އުޅަނދުތައް ބޭނުންކޮށްގެން އެމްޑީޕީގެ ދަތުރުތައް ކުރާނީ އެވެ. ގާސިމްގެ ޓީވީ އެއް އެބަޮތެވެ. މުޅި ރާއްޖެއަށް ފަތުރާލާފައި އޮތް ރޭޑިއޮލެއް އެބައޮތެވެ. ޗާޕްޖަހައިގެން ނެރޭ ހަފުތާ މަޖައްސާލާއަކާ ދުވަހު ނޫހެއް (މިއަދު ނޫސް) އެބައޮތެވެ. ބާރުގަދަވަމުން އަންނަ އޮންލައިން ނޫހެއް (ވީނިއުސް) އެބައޮތެވެ. އެމަނިކުފާނުގެ އަތްޕުޅުގައި ފައިސާ އެބަހުއްޓެވެ. އަދިވެސް ބައިވަރެވެ. އެ ވަސީލަތްތަކުގެ ބޭނުން އެމްޑީޕީން ރަނގަޅަށް ހިފާނެ އެވެ.

މިސާލަކަށް މިދިއަ ދެތިން ހަތަރު ދުވަހަށް ބަލާށެވެ؛ ވީޓީވީގެ ފަސް މަންޒަރު ކިހިނެއް ހެއްޔެވެ؟ މުޅީންމެ އެމްޑީޕީގެ ބޭފުޅުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ފަސްމަންޒަރު ހަދިޔާ ކުރެއްވީ ރައީސް ނަޝީދަށެވެ. ހުކުރު ދުވަހު މެންދުރު "އަމީންގެ މަލާފަތް" ހިތަކަށް އިމްތިޔާޒު ފަހުމީ (އިންތި) އަށް ލިބި ވަޑައިގެންނެވި އެވެ.

ކަންދިމާ ކުރި ގޮތުން ވަރަށް މުހިންމު ސުވާލެއް ފަސްމަންޒަރުގައި ރައީސް ނަޝީދަށް އަމާޒުވި އެވެ. "މިހާރު ބޭނުންފުޅު ވަނީ ރައީސް ކަމަށް ގާސިމް ގެނައުމަށް" ކަމަށް ވިދާޅުވުމުން އޭގެ މަނާއަކީ 2018 ގައި ގާސިމަށް ފުރުސަތު ދެއްވުން ތޯ ނޫނީ ރަނިންމޭޓަކަށް ނެންގެވުންތޯ ސުވާލު ކުރުމުން ޖަވާބު ދެއްވާކަށް ކެރި ވަޑައެއް ނުގެންނެވި އެވެ. ގާސިމް ދެކެ އެހާ ލޯތްބެއްވެފައި އެހާ ވެރިކަމަށް ގެނެސްދޭން ބޭނުފުޅު ނަމަ އަދި މަވެތިކަން އެހާ ކުޑަ ނަމަ، އާދޭހޭ ދެން އޮތް ހާވެސް ގޮތަކީ ތިޔަގޮތޭ ވިދާޅުވާންވީ ނޫންތޯ އެވެ؟

***

ރައީސް ނަޝީދު ވެރިކަން ވެއްޓުމުގެ ކުރި އެމްޑީޕީގެ ރައީސްގެ މަގާމަކީ މާ މުހިންމު މަގާމަކަށް ނުވެއެވެ. އެ މަގާމަށް ބޭފުޅަކު ވަޑައިގެންނެވިޔަސް ހަރެއްލާ ގޮތެއް ނުވެއެވެ. އެކަން ބޮޑުވެގެން ގޮސް އެ މަގާމުން އުވާލާން އެމްޑީޕީގެ ކޮންގްރެހުގައި އަސާސީ ގަވައިދަށް އިސްލާހެއް ވެސްލި އެވެ. ޔައުމިއްޔާ ބަލައިލާށެވެ. އެ އިސްލާހު ހުށަހެޅީ ކާކުކަން އެނގުމުން އެއީ ކާކު ބުނެގެން ކޮން ބޭނުމެއްގައި ހުށަހެޅި އިސްލާހެއްކަން އެނގޭނެ އެވެ. މިއަދު ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް އެމްޑީޕީގެ ރައީސްގެ މަގާމަކީ މާ މޮޅު މާ ބާރުގަދަ މަގާމަކަށް ވީ ކީއްވެގެން ހެއްޔެވެ؟ އަސާސީ ގަވައިދު އޮތް ގޮތަށް އެބައޮތެވެ.

ރައީސް ނަޝީދަށް ވެގެން އުޅޭ ގޮތް އެނގެ އެވެ؛ ސަރުކާރުން އެމަނިކުފާނު ހައްޔަރު ކުރޭތޯ ދުވެ ވަޑައިގަންވަނީ އެވެ. ރައީސް ޔާމީން، ޕާޓީއެއްގެ "ރައީސް" ހައްޔަރު ކުރާން އުޅޭ ގޮތް ދުނިޔެއަށް ދައްކަން ބޭނުންފުޅު ވަނީ އެވެ. އެހެންވެ އެވާހަކަތައް ވިދާޅުވަނީ އެވެ. ރައީސް ޔާމީނަކާ އެކަމަކާ ކޮން ކަމެއް ހެއްޔެވެ؟ ހައްޔަރު ކުރަންޖެހޭ ސަބަބެއް ނެތެވެ. އޮތް މައްސަލައެއް އޮތީ ކޯޓްގަ އެވެ.

ހައްޔަރު ކުރަނީއޭ، ވިދާޅުވާއިރު އެހެންމެ ހެއްވާ ކަމަކީ ރައީސް ޔާމީން، ރައީސް ނަޝީދު ހައްޔަރު ނުކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް ވަހަކަފުޅު ދައްކަވަނީ ވެސް ހަމަ ރައީސް ނަޝީދެވެ. މިދެންނެވި ވާހަކައިގެ ތެދު ބަލައިލާން ރައީސް ނަޝީދަށް ތަހުސީސް ކުރި ފަސް މަންޒަރު ބަލައިލާށެވެ. އޭގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ބެހޭ ގޮތުން ސުވާލު ކުރީމާ ވިދާޅުވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސް އޮފީހަކީ މީހުން ހައްޔަރު ކުރާ ތަނެއް ނޫނޭނެ އެވެ. -- ދެތިކި ޕީ

ރައީސް ނަޝީދު ވަރަށް ބިރުގަނެވެ؛ ބިރުގަންނަން ޖެހި ވަޑައިގަންނަވާ ސަބަބަކީ ހުޅުމާލޭ ކޯޓްގެ ބެންޗުގެ މައްސަލައިގައި އެމަނިކުފާނު ހައިކޯޓަށް މައްސަލައެއް ވައްދައިގެން ހޭވުނު ހަޑިއެއްގެ ސަބަބުންނެނެވެ. އެ ހަޑި ހާވާފައި އޮތީއަކީ ހަމައެކަނި ރައީސް ނަޝީދެއް ވެސް ނޫނެވެ. – އެ ތަފުސީލު އެހެން ފަހަރަކުންނެވެ. --

އެ މައްސަލައިގެ ޕްރިލިމިނަރީ އަޑު އެހުން ނިންމައި މިހާރު ވަނީ ރަސްމީ އަޑުއެހުންތަކަށް ތާވަލުކޮށްފައެވެ. އެ މައްސަލަ ނިމިގެން އަންނާނީ ރައީސް ނަޝީދުގެ ކޮޅަށެވެ. އެހެންވެއްޖިއްޔާ ރައީސް ނަޝީދުގެ މައްޗަށް ކުރާ ޖިނާއީ ދައުވާ ވަންނާނީ ކްރިމިނަލް ކޯޓަށެވެ. މަންޒަރު ފެންނަ ގޮތުން އެ މައްސަލަ އެ ކޯޓަށް ވަންނާނީ އަބްދުﷲ ގާޒީ ކޮންމެވެސް އެހެން ދިމާއަކަށް ބަދަލުވެގެނެވެ. ހީއެކެވެ. ހުޅުދުއްފާރު، ބަހާރުގޭ އަބްދުﷲ މުހައްމަދު ހުއްޓަސް ނެތަސް އެ ކޯޓަށް މައްސަލަ ވަނުމުން އެ މައްސަލަ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވާނެ ކަން "ހަތެއް ފެބުރުއަރީ" ހާ ސާފެވެ.  

ސާބިތު ވިޔަސް ނުވިޔަސް ރައީސް ނަޝީދަށް އޮތީ ބިރެވެ. ސަބަބަކީ ސުޕްރީމް ކޯޓުން މިދާދުހު ގެނައި ބަދަލެކެވެ. އެ ބަދަލުގެ ސަބަބުން އިސްތިއުނާފު ކުރުމުގެ މުއްދަތު މިއޮތީ 10 ދުވަހަށް ކުރުވެފައެވެ. ރައީސް ނަޝީދުގެ މައްޗަށް ދަށު ކޯޓްގައި މައްސަލަ ސާބިތުވުމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވަން ލިބި ވަޑައިގަންނަވާނީ 10 ދުވަހެވެ. ސާބިތު ވެއްޖިއްޔާ ނަޝީދު އިސްތިއުނާފު ކުރައްވާނެ އެވެ. ނުވެއްޖިއްޔާ ދައުލަތުން އެކަން ކުރާނެ އެވެ. އިސްތިއުނާފު އޮންނަނީ ދެކޮޅުން އަނގަހުޅުވާ ވެނެއްގެ ސިފައިގަ އެވެ.

އެކޯޓުން ނިމުމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވަން ލިބި ވަޑައިގަންނަވާނީ ވެސް 10 ދުވަސް ކަމަށް ބަލަމާ ހެއްޔެވެ؟ މާނައަކީ ޖުމްލަ 20 ދުވަހުގެ ތެރޭގައި ރައީސް ނަޝީދުގެ ކަންތައް މުޅީން ނިމިގެން އެބަދެވެ. މިހާ ބިރެއް ނަގައިގެން އުޅުއްވަނީ އެހެންވެއެވެ. އަބޫދާބީން ވަޑައިގެން މާ ނޫން ގޮތަކަށް ވާހަކަ ދައްކަން މޭޒު ދޮށަށް ހިނގަހަރޭ އެ ވިދާޅު ވާހަކައަކީ އެއީ އެވެ.

މިމަގަށް މިކަން ހިނގައިފިއްޔާ އެ ވާހަކައެއް ބޭރު ދުނިޔެއަކު ނުވިއްކޭނެ އެވެ. ސަބަބަބީ އެއީ ރައީސް ޔާމީންގެ ސަރުކާރު އޮތް ދުވަސްވަރު ކުރި ދައުވާއެއް ނޫނެވެ. ދައުވާ ކުރަނީ ސަރުކާރަކުން ވެސް ނޫނެވެ. ޝަރީއަތް ކުރަނީ އަކީ ސަރުކާރަކުން ނޫނެވެ. އަޑިއަޑީން ރާވައިގެން ސަރުކާން އެކަމާ އުޅުނަސް އެވާހަކަ ވިއްކާނީ ކިހިނެއް ހެއްޔެވެ؟ އެއީ ބޭރު ފުށަށް ފެންނަން އޮތް ކަމެއް ނޫނެވެ. ވީމާ މިވާގޮތް އެނގޭ ނޫން ހެއްޔެވެ؟

 މިހުރިހާ ކަމެއްގެ ތެރެއިން އެމްޑީޕީ ބަލަނީ ދަނޑިވަޅެކެ، ޖޭޕީ އާއި އެމްޑީޕީގެ މީހުން މަގުމައްޗަށް ނެެރޭށެވެ. ރައީސް ޔާމީން ވެރި ކަމަށް ވަޑައިގެންނެވީ މިދިއަ އަހަރުތަކުގައި ރަކަރަކަ ލާލައި އޮތް އޮތުން ހިމޭން ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެކަން ކުރެއްވި އެވެ. އަލުން ބަލުން ދެން އެފާޑު ދައްކާ އުޅެފީވިއްޔާ ޖެހޭނީ އަށްވަނަ ދުވަހު ވެސް ޖެހުނު ހާލުކަން ޔަގީނެވެ.

 ***

މިވެނީ މީހާއަކީ "ގަޅި" އެކޭ ދަންނަވަނީއެއް ނޫނެވެ. އެކަމަކު ކޮންމެ ގައުމެއްގައި ވެސް ގައުމީ ބަތޮލުން ތިބޭނެ އެވެ. ހަމަ އެހެންމެ ހުރިހާ ގައުމެއްގައިމެ ގައުމީ "މޮޔޮއިން" ވެސް ތިބޭނެ އެވެ. ފެނި ވަޑައިގަންނަވާ ގޮތަކަށް ނިންމާށެވެ.