ހަބަރު

ދިވެއްސަކު މެލޭޝިޔާއިން ނެގި ލޯނެއް ނުދައްކާ މައްސަލަ ބޮޑު: ރައީސް

  • ދަތުރު ކާމިޔާބު ކަމަށް ރައީސް ވިދާޅުވި
  • މެލޭޝިޔާއާ އެކު ތެލުގެ ވިޔަފާރި ފަށާނެ
  • ލޯނާ ބެހޭ މައްސަލައިގައި ކަންއޮތްގޮތް ދެންނެވި

ދިވެހި އަމިއްލަ ވިޔަފާރިވެރިޔަކު މެލޭޝިޔާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކާ މައްސަލައިގައި މެލޭޝިޔާގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް އެއީ ކޮން ވިޔަފާރިވެރިޔަކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ރައީސް ޔާމީން މިރޭ އެއާޕޯޓްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވިދާޅުވީ، ދިވެހި އަމިއްލަ ވިޔަފާރިވެރިއަކު މެލޭޝިޔާގެ އެގްޒިމް ބޭންކުން ނަގާފައިވާ 19 މިލިއަނެއްހާ ޑޮލަރުގެ ލޯނެއް ނުދައްކާ މައްސަލައިގައި މެލޭޝިޔާގެ ބޮޑު ވަޒީރު ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ. އަދި ބޭރުގެ ބޭންކްތަކުން ލޯނު ނަގާ ދިވެހި ވިޔަފާރިވެރިން ވެސް މިފަދަ ކަންކަމާ މެދު ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެކަން އޮތް ގޮތް މެލެޝިޔާގެ ބޮޑު ވަޒީރަށް ދެންނެވި ކަމަށާއި އެކަން އެބޭފުޅާ ގަބޫލު ކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިނޫން ނުތަނަވަސްކަމެއް އެބޭފުޅުންގެ ނެތް. މި ދަތުރަކީ ވަރަށް ކާމިޔާބު ދިވެހިންނަށް ފައިދާތަކެއް ކުރާނެ ކަންކަން ނިންމުނު ދަތުރަކަށް މިވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެލޭޝިޔާއާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް އެދުނު ދާއިރާތަކުން އެ ކަންކަން ކޮށްދިނުމަށް މެލޭޝިޔާގެ ބޮޑު ވަޒީރު އެއްބަސްވެ ވަޑައިގަތެވެ. އެގޮތުން އެ ގައުމަށް ޒިޔާރަތްކޮށްލާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް ނިންމި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް، މެލޭގެ ގައުމީ ތެޔޮ ކުންފުނި، ޕެޓްރޮނަސް އިން ހެޔޮ އަގުގައި ރާއްޖެއަށް ސާފު ނުކުރާ ތެޔޮ ވިއްކުމަށް ވެސް އެއްބަސްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮމަންވެލްތުގައި ރާއްޖެއާ ދިމާވާ ކަންކަމުގައި ރާއްޖެއަށް އެހީވެދިނުމަށް މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް، މެލޭޝިއާއަށް ޓެކްސް ދައްކާފައި އަނެއްކާ ރާއްޖެއަށް ވެސް އިންކަމް ޓެކްސް ދައްކަންޖެހޭނަމަ އިންވެސްޓަރުންނަށް ދަތިތަކާ ކުރިމަތިވާނެ، އެހެންވީމާ ދެ ގައުމުގައި ޓެކްސް ދެއްކުން ނެތުމަކީ އިންވެސްޓަރުންނަށް ފަސޭހަވެގެންދާނެ ކަމެއް، އޮވެއިޑެންސް އޮފް ޑަބަލް ޓެކްސްޓޭޝަން އެގްރިމެންޓެއްގައި ސޮއިކުރަން މެލޭޝިއާއިން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ދިން ދައުވަތު ގަބޫލު ކުރައްވާ މިއަހަރު ތެރޭގައި މެލޭޝިޔާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކި ގައުމުތަކަށް މިއަހަރުގެ ތެރޭގައި ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޭރު ގިނަ ގައުމުތަކަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު ލިބިފައިވާ ކަމަށާއި އެގޮތުން ފަލަސްތީނަށް ޒިޔާރަތްކުރެއްވުމަށް މިދިޔަ އަހަރުން ފެށިގެން ދައުވަތު ލިބިފައިވާ ކަމަށެވެ. އޭގެއިތުރުން ޖޯދަން އާއި ޔޫއޭއީ ވެސް ދައުވަތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ޕާކިސްތާނަކީ ވެސް ޒިޔާރަތްކުރައްވަން ޖެހިފައިވާ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.