ހަބަރު

ގައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސުންގެ ސިފަތަކުގެ މައްޗަށް: ރައީސް

  • ބައިވަރު ނައިބު ރައީސުން އައުމަކީ ރައްޔިތުންނަށް ތަކުލީފެއް
  • ނައިބު ރައީސްއެއް ހިންގި ޖިނާއީ ކަންކަމަށް އިންސާފު ހޯދާނަން
  • ދެން ނައިބު ރައީސެއް ހޮވާނީ ވަރަށް ވިސްނާފައި

ގައުމުގެ ހަމަޖެހުން ބިނާ ވަނީ ނައިބު ރައީސްއެއްގައި ހުންނަ ސިފަތަކެއްގެ މައްޗަށް ކަމަށާއި ގިނަ ނައިބު ރައީސުންތަކެއް އެއްޒައާމަތެއްގައި އައުމަކީ ރައްޔިތުންނަށް ފަސޭހަކަމަށް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅު ނައިބު ރައީސްއެއް ހޯދަން އަދި ފުރުސަތު ބޭނުންވާ ކަމަށެވެ.

މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިރޭ އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމު ހިންގުމުގައި ނައިބު ރައީސްއެއްގެ ދައުރެއް ނޯންނާނެ ކަމަށާއި ނައިބު ރައީސްއެއްގެ ހަމައެކަނި މަސްއޫލިއްޔަތަކީ ރައީސް ހަވާލު ކުރާ ކަމެއް ކުރެއްވުން ކަމަށެވެ. އަދި މިވީ ދުވަސްތަކުގައި އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވި އިރުވެސް ގައުމު ހިންގީ ހަމަ ސީދާ އެމަނިކުފާނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނައިބު ރައީސެއް ހުއްޓަސް ކޮންމެ އިރެއްގައިވެސް ގައުމު ހިންގަނީ ރައީސް. އެބޭފުޅަކަށް ގައުމު ހިންގުމުގައި ދައުރެއް ނޯވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ނައިބު ރައީސްއެއް ހުރުން ލާޒިމް ކުރާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެ އެވެ. އެހެން ނަމަވެސް އެކަމަށް އަދި ވަގުތު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސެއްގެ ހުންނަ ސިފަތަކެއްގެ މައްޗަށް ކަމަށެވެ. އަދި މިފަހަރު ނައިބު ރައީސް އެއް އައްޔަން ކުރާ އިރު، އިހުލާސްތެރި ތެދުވެރި ގައުމަށް ވަފާތެރި ބޭފުޅަކު އައްޔަން ކުރަން ވިސްނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު ކުރީގެ ނައިބު ރައީސްއެއް ބައިވެރިވެގެން ހިންގި ޖިނާއީ ބޮޑު މައްސަލައަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ އެމަނިކުފާނު އިސްކަން ދެއްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެއަށް ފަހު ނައިބު ރައީސްއެއްގެ ކަންތަކާ އުޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުގެ އަތް މަތީގައި އޮތް ކަމެއް ދެއްތޯ. އަޅުގަނޑަށް ވަގުތުވެގެން އަޅުގަނޑުވެސް ނައިބު ރައީސުންނާ ދޭތެރޭގައި ހަމަ ވަރަށް ވިސްނާފައި ދެއްތޯ. މުޅި ގައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސުންގެ ހުންނަ ސިފަތަކާ ދޭތެރޭގައި ވިސްނާފައި ނެގުން ކަމަށް މިހާރު މުޅި ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެވޭ ދެއްތޯ. އެހެންވީމަ ދެން އަނެއްކާވެސް މުޅި ގައުމުގެ ހަމެޖެހުމަށް އެއް ޒައާމަތެއްގައި ހަތަރު ފަސް ނައިބު ރައީސުން ބަދަލުވުމަކީވެސް ރައްޔިތުންނަށް ފަސޭހަ ކަމަކަށް ނުވާނެ ދެއްތޯ. އެހެންވީމަ އެވަރުގެ ސިފަތަކެއް ހުރި، އިހުލާސްތެރި ބޭފުޅަކު ހޯދަން މަސައްކަތް ކުރަން ޖެހޭނެ ދެއްތޯ. އެހެންވީމަ އެ ފުރުސަތު އަޅުގަނޑަށް ލިބެންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ދުރުކުރީ ރައީސް އަވަހާރަކޮށްލުމަށް ރައީސްގެ ލޯންޗްކޮޅުގައި ބޮން ގޮއްވާލި ކަމުގެ ތަހުމަތުތައް ކުރެވުމުން މަޖިލީހުންނެވެ. އަދި އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ދުރުކުރީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން އިސްވެ އެކި ތުހުމަތުތައް ކޮށް އެމްޑީޕީ އިން ވެސް ބައިވެރިވެގެންނެވެ.