އަންހެނުންގެ ދުވަސް

ޒާލީނާ: ހިޔާލު ހޯދަން ނުކުތް އާޓިސްޓް ފުރިހަމަވެފައި

އެހާ ވާހަކަ ގިނަ އާޓިސްޓެއް ނޫނެވެ. އެއީ ބައެއް އާޓިސްޓުންގެ ގޮތެވެ. އިންޓަވިއު އަށް ތައްޔާރުވަމުން ދިޔައިރު ވެސް އޭނާ ބުނަމުން ދިޔައީ އެހާ މޮޅަށް ވާހަކަ ނުދެއްކޭނެ ވާހަކަ އެވެ.

އިންޓަވިއު ފަށައިގެން ވަކި ހިސާބަކަށް ދެވުނުތަނުން އޭނާ ވަރަށް ބޮޑަށް ފިނިވެ ހާސްވެފައިހުރިހެން ހީވެގެން އަޅުގަނޑުމެން ކުޑައިރުކޮޅަކަށް މެދުކަނޑާލީމެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ އެ އާޓިސްޓެއްގެ ހުނަރުވެރިކަމުގެ ވާހަކަ މެދުކަނޑާލާ ވަރަށް ވުރެ މާ ތަނަވަސްހިޔާލުގެ ޖާދޫއެކެވެ.

އުމުރުން 28 އަހަރުގެ ރީމާ މުހައްމަދަކީ "ސެލެބްރޭޓް" ކުރާވަރުގެ ޓެލެންޓެކެވެ. އޭނާ އަކީ ފޮޓޯގްރާފަރެކެވެ. ގްރެފިކް ޑިޒައިނަރެއް ވެސްމެ އެވެ. ވެޑިން ޑެކަރޭޝަންސްތަކަށް ވެސް ވަރަށް ހާއްސަ ނަމެކެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑްގެ "އަންހެނުން" ސެގްމެންޓަށް އޭނާ ދިން އިންޓަވިއު އެވެ. ގިނަ އާޓިސްޓުން ރީމާ މުހައްމަދު ދަންނަނީ އޭނާގެ އާޓާ ގުޅިފައިވާ ސްޓޭޖު ނަން "ޒާލީނާ" ގެ ގޮތުގަ އެވެ.

"ޒާލީނާ" ގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް ނުކުތީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އޭނާ ބޭނުންވީ އޭނާގެ މަސައްކަތްތަކަށް "ޖެނުއިން" ކޮމެންޓްސް އެވެ.

"އާންމުކޮށް ވާގޮތަކީ އަސްލު ނަމުގައި ނުކުތީމަ ވަރަށް ރަނގަޅޭ ކިޔާފައި ދަންނަ އެންމެ ކޮމެންޓްކުރާނީ. ނަމަވެސް އެހެން ނަމެއްގައި ނުކުތުމުން ކާކުކަން ނޭނގޭތީ ސީދާ ބޭނުންވާ ކޮމެންޓްކުރަން އެންމެނަށް ވެސް އެނގޭ. އެގޮތުން ވަރަށް ރަނގަޅު ކޮމެންޓްސްތަކެއް ލިބިގެންދިޔަ ފަހުން،" ރީމާ ބުންޏެވެ.