ޔަޝްފާ އަބްދުލް ޣަނީ އަކީ ކިޔުންތެރިންނަށް އާ ނަމެއް އަދި އާ މޫނެއް ވެސް ނޫނެވެ. ދިވެހި އަސަރުގަދަ ވާހަކަތަކުގެ ދުނިޔެ އަށް ގެއްލިފައިވާ ކިޔުންތެރިންގެ އެންމެ ބޮޑު އެކުވެރިޔަކީ މިއީ އެވެ.
މި ވަގުތު ރާއްޖޭގައި ހުރި އެންމެ އެންމެ މަގްބޫލު އެއް އަންހެން ވާހަކަ ލިޔުންތެރިޔަކަށް ޔަޝްފާވާނެކަން ޔަގީނެވެ. އޭނާ މިހާތަނަށް ހަތް ދިގު ވާހަކަ ނެރެފައިވާއިރު ހުރިހާ ފޮތެއް ވެސް ވަރަށް ކާމިޔާބެވެ. މި ކާމިޔާބީ އަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ލިޔުންތެރިކަމުގެ ދާއިރާ އިން ހާސިލުކުރެއްވި ގައުމީ އެވޯޑާއި ޒުވާނުންގެ އެވޯޑެވެ.
އެހެންކަމުން ހަގީގަތަށް ބުނަނީ ނަމަ، ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ޔަޝްފާ އަށް ނުލިބޭ ކާމިޔާބީއެއް މިތަނަކު މިހާރު ނެތެވެ. ނަމަވެސް މި ކާމިޔާބީއާ ހަމަ އަށް ވާސިލުވުމަށް އޭނާ ކަޑައްތުކުރި މަގު ވަރަށް ވެސް ދިގެވެ.
ސްކޫލްގައި އުޅެމުން އެންމެ ފުރަތަމަ އޭނާ ވާހަކައެއް ލިޔުމުން މުދައްރިސު ކުރީ ފާޑެއްގެ މަލާމާތެކެވެ. އެއަށް ފަހު އެދުނީ ޔަޝްފާ ދެން އިތުރަށް ވާހަކަ ނުލިޔުމަށެވެ. ނަމަވެސް އެ ޕެޝަންއާ ދުރަށް ދެވޭ ގޮތެއް ޔަޝްފާއަކަށް ނުވި އެވެ.
މިއަދު އޭނާ އަކީ ކާމިޔާބު ވާހަކަ ލިޔުންތެރިއެއްގެ އިތުރުން އެތައް ޒިންމާއެއް ބޮލުގައި އެޅިފައިވާ ޓީޗަރެއް އަދި ތިން ކުދިންގެ މަންމައެއް ވެސްމެ އެވެ. ތިރީގައި މިއޮތީ ޔަޝްފާގެ ހާއްސަ އިންޓަވިއު އެވެ.