އިންޑިއާ

ކޮލްކަތާގައި ބްރިޖު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 23 އަށް!

އިންޑިއާގެ ކޮލްކަތާގައި ފުލައި އޯވާ ބުރިޖެއް ވެއްޓި އިއްޔެ ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ. ބުރިޖުގެ މަރާމާތުގެ މަސައްކަތެއް ހިނގަމުން ދަނިކޮށް އިއްޔެ މި ބުރިޖު ވެއްޓުނުއިރު އެތައް ސަތޭކަ މީހުން ވަނީ ތާށިވެފަ އެވެ.

ރެސްކިއު ވޯކާސް އިން ދަނީ ކުއްތާ އާއި ހާއްސަ ކެމެރާތައް ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންނެވެ. ނަމަވެސް ގެއްލިފައިވަނީ ކިހާ އަދަދެއްގެ މީހުން ކަމެއް މިހާތަނަށް އަންދާޒާ ކޮށްލަންވެސް ނޭނގޭ ކަމަށް ކޮލްކަތާ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. އެ ސަރަހއްދަކީ ބިޒީ ސަރަހައްދަކަށް ވާތީ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސްކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މިހާތަނަށް 70 މީހުން ސަލާމަތްކޮށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ. ފުލުހުން ބުނީ ގެއްލުނު ގިނަ މީހުން ވެހިކަލްތަކުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި ބްރިޖުގައި މަސައްކަތް ކުރަން ތިބި މީހުން ވެސް ވެއްޓިފައިވާ ބުރިޖުގެ ބައިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާގައި އިމާރާތްތައް ވެއްޓުން ފަދަ ހާދިސާތައް ވެސް ހިނގާ މިންވަރު ފަހަކަށް އައިސް ނިސްބަތުން ގިނަ އެވެ. އަދި އެގައުމަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކުޑަ ގައުމެއްގެ ގޮތުގައި ވެސް އޮންނަނީ ބެލެވިފަ އެވެ.