މުހައްމަދު ނާޒިމް

މުއްދަތު ހަމަނުވަނީސް ނާޒިމަށް އަނބުރާ ރާއްޖެ އައުމަށް އަންގައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު އަނބުރާ ރާއްޖެ އައުމަށް އޭނާއަށް އަންގައިފި އެވެ. އެގޮތަށް އަންގާފައިމިވަނީ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަނުވަނީހެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނާޒިމަށް އަނބުރާ ރާއްޖެ އައުމަށް އަންގާފައިވާނެ ކަމަށާއި އަންގާފައިވަނީ މާދަމާ ރާއްޖެ އައުމަށް ކަމަށެވެ. އެގޮތަށް އެންގި ސަބަބެއް ކަމަށް ވިދާޅުވީ، ހޯމް މިނިސްޓްރީން ކަރެކްޝަންސްގައި އެކަމަށް އެދުމުން ކަމަށެވެ.

ނާޒިމް ސިންގަޕޫރަށް ވަޑައިގަތީ، ސަރުކާރުން ބޭސްފަރުވާއަށް 21 ދުވަސް ދިނުމުންނެވެ. ނާޒިމްގެ މީގެ ކުރިން ވެސް ލޮލުގެ ފަރުވާއަކަށް 44 ދުވަސް ސިންގަޕޫރުގައި ހޭދަކުރައްވާފައިވެ އެވެ.

ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް ކުރީ މާޗް 27، 2015 އިގަ އެވެ. އެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީ ނާޒިމްގެ ފަރާތްޕުޅުން ހައި ކޯޓްގައި އިސްތިއުނާފު ކުރުމުން ޝަރީއަތް އަލުން ބެލުމަށްފަހު ބެންޗުން ނިންމީ ދަށު ކޯޓްގެ ހުކުމް ރަނގަޅު ކަމަށެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަން ނާޒިމް ވަނީ ނިންމަވާފަ އެވެ.

ނާޒިމްގެ މައްޗަށް ދައުވާ ކުރީ ޖެނުއަރީ 18، 2015 ގެ ރޭގެ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިގެނެވެ.

ދަށު ކޯޓުން ނާޒިމަށް ހުކުމް އިއްވި އިރު ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.