މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ދެ ދުވަސް ތެރޭ ދެ ނާޒިމް ރާއްޖެ އަންނަން އަންގައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމަށް ރާއްޖެ އަނބުރާ އަންނަން އަންގައިފި އެވެ. ދެ ނާޒިމް ރާއްޖެ އަންނަން އަންގާފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގަ އެވެ.

ކަރެކްޝަނަލް ސާވިސްއިން އެ ދެ ބޭފުޅުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދެ ދުވަސް ތެރޭގައި ރާއްޖެ އަންނަން އަންގާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ސާވިސްއަށް ހަވާލުނުވެއްޖެނަމަ ދެ ބޭފުޅުން ރާއްޖެ ގެނައުމަށް އެ ސާވިސްއިން މަސައްކަތް ފަށާނެ ކަމަށެވެ.

ކަރެކްޝަނަލުން ކާނަލް ނާޒިމަށް މިގޮތަށް ސިޓީ މިފޮނުވީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ނާޒިމް އެދިފައިވަނިކޮށެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔުމުގެ ހުއްދަ ނާޒިމަށް ދިނީ 21 ދުވަހަށެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

ބޭސްފަރުވާގެ މުއްދަތު ހަމަނުވަނީސް ވެސް ކަރެކްޝަނަލުން ވަނީ ކާނަލް ނާޒިމަށް ރާއްޖެ އައުމަށް އަންގާފަ އެވެ. ނަމަވެސް ކާނަލް ނާޒިމް ރާއްޖެ އައިސްފައެއް ނުވެ އެވެ.

ކުރީގެ މެންބަރު ނާޒިމަށް ރާއްޖެ އަންނަން އަންގާފައި މިވަނީ ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. ނާޒިމް މިހާރު ހުންނެވި ތަނެއް ކަރެކްޝަނަލުން ކަށަވަރުކޮށެއް ނުދެ އެވެ. އެ ސާވިސްއިން ބުނީ، ނާޒިމް އިނގިރޭސިވިލާތަށް ދިޔަތޯ ބަލަމުންދާ ކަމަށެވެ. މިކަން ފޮރިން މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.

މީޑިއާގައި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް ނާޒިމްގެ ފަރާތުން މިކާ ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނާޒިމް ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ކަރެކްޝަންސްއިން ވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާފަ އެވެ. މީގެކުރިން އެ މުއްދަތު އިތުރުކޮށްދީފައިވެ އެވެ.

ރާއްޖެ އައުމަށް މީގެކުރިން ވެސް ކަރެކްޝަނަލުން ވަނީ ނާޒިމަށް އަންގާފަ އެވެ. އެ އެންގުމާ ގުޅިގެން ނާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ކަރެކްޝަންސްއިން އެންގި ނަމަވެސް ބޭސްފަރުވާގެ މުއްދަތު ހަމަނުވަނީސް ރާއްޖެ ނާންނާނެ ކަމަށެވެ.

ރާއްޖެ އައުމަށް ނާޒިމް ދެކޮޅު ހަދާފައިވާއިރު، ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަށް ވަނީ އަނބުރާ ގެނެސްފަ އެވެ.