އުތުރު ކޮރެޔާގައި ފޭސްބުކާއި ޓުވިޓާ އަދި ޔޫޓިއުބް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފި އެވެ. އަދި އެ ސައިޓުތަކަށް ވަންނަ ފަރާތްތަކަށް ވަނީ ހަރުކަށި އަދަބު ދޭން ނިންމާފަ އެވެ.
އެހެން ނަމަވެސް ދޭނީ ކޮން އަދަބެއް ކަމެއް އަދި އެ ގައުމުގެ ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަނުން ނުބުނެ އެވެ. އެ ގައުމުގައި މިހާރުވެސް ގިނަ ވެބްސައިޓުތަކަށް ވަނުން މަނާ ކޮށްފައިވިޔަސް ފަތުރުވެރިންނަށް ބޭނުން ސައިޓަކަށް ވަނުމުގެ އިހްތިޔާރު ލިބިގެންވެ އެވެ. އެހެން ނަމަވެސް އެމީހުން ވަންނަ ވެބްސައިޓުތަކާއި އެމީހުން އިންޓަނެޓު މެދުވެރިކޮށް ކުރާ ކަންތައްތަކަށް ސަރުކާރުން ދިޔައީ ފާރަލަމުން ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ސައިޓުތަކަށް ވަނުން މަނާކުރިއަސް އެ ގައުމުގެ ގިނަ މީހުންނަކަށް މާބޮޑު ގެއްލުމެއް ނުވާނެ އެވެ. އެއީ މިހާރުވެސް އެމީހުންނަށް ބޭނުން ވެބްސައިޓަކަށް ވަނުމުގެ އިހްތިޔާރު ލިބިގެންވާ ބައެއް ނޫން ކަމަށް ވާތީ އެވެ. އެހެން ނަމަވެސް މިއީ ގައުމުގެ ހަބަރުތައް ބޭރު ދުނިޔެއަށް އެންގުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެކެވެ.
އުތުރު ކޮރެޔާއަކީ، ހުދުމުހުތާރު ކޮމުއިނިސްޓް ވެރިކަމެއް ކުރާ ގައުމެކެވެ. އެހެން ކަމުން ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނު އަނބުރާލާ ހަރުކަށި އަދަބުތައް ދިނުމަކީ އެ ގައުމުގައި އާންމު ކަމެކެވެ.