މާފުށިން

މާފުށީ ބަރަވެލި ރޭސް: ޓޫރިސްޓު ނައިޓްލައިފްގެ އެއްބައި!

  • ބަރަވެލި ރޭހުގެ ފޯރި މާފުށީގައި ގަދަ
  • ގިނަ ޓޫރިސްޓުން ޝައުގުވެރިވޭ
  • އިނާމުތަކެއް ވެސް ލިބޭ

ރޭގަނޑުގެ ކެއުން ނިމި ހުރިހާ ޓޫރިސްޓުން ވެސް އެއް ދިމާއަކަށް ހިނގާން ފަށައި އެވެ. އެންމެންގެ މޫނު އެއް ދިމާއަކަށެވެ. މިވާ ގޮތެއް ބަލައިލާންޖެހޭ ނޫން ހެއްޔެވެ؟

"ހުރިހާ ޓޫރިސްޓުން އެދަނީ ބަރަވެލި ރޭސް ބަލަން" މިރަށުގެ ގެސްޓް ހައުސްއެއްގައި ވަޒީފާ އަދާ ކުރާ ރަށުން ބޭރު ޒުވާނަކު ބުންޏެވެ. އޭނާ ބުނާ ގޮތުންނަމަ ބަރަވެލީގެ ރޭހަކީ މިރަށަށް އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު އުފަލެވެ. ރޭގަނޑު މިރަށުގައި އޮންނަ ނައިޓް ލައިފްގައި ޓޫރިސްޓުންނަށް ހާއްސަ އެއް ހަރަކާތެވެ. އެކަމަކު ބަރަވެލި ރޭހެއްގައި ހުންނާނީ ކޮން ފޯރިއެއް ހެއްޔެވެ؟

އެކަމަކު އެހެނެއް ނުވި އެވެ. މި ރަށުގައި ޓޫރިސްޓުންނަށް "އެކްޓިވް ވޯޓާ ސްޕޯޓްސް" އިންތިޒާމު ކޮށްދޭ މި ރޭހަކީ ފޯރިގަދަ ރޭހެކެވެ. ހަމަ ހުރިހާ ޓޫރިސްޓުން އެއްތަނަކަށް ޖަމާވާ ވަގުތުކޮޅެކެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވެސް ބާއްވާ "ކްރެބް ރޭސް" މި ރަށުގައި ފޯރިގަދަކަމުން ދުރުން ބަލާ މީހަކަށް ސިފަކުރެވޭނީ ފޯރިގަދަ ރެސްލިން މުބާރާތެއްގެ ސިފައިގަ އެވެ. ނޫނަމަ ބަނޑު މުސާރައަށް ބައްދާ ސޫމޯ ރެސްލިން ޝޯއެއްގެ ގޮތުގަ އެވެ. އެހާވެސް ކޮމެންޓްރީ އާއި ސަޕޯޓަރުންގެ އަޑު ހިއްޕާލާފައި އޮވެއެވެ. ހީވަނީ އަރާ ކައިފާނެ ހެނެވެ.

ބަރަވެލި ރޭހުގައި ބައިވެރިވާ ކޮންމެ ޓޫރިސްޓަކަށް ނަމްބަރު ޖެހި ބަރަވެއްޔެއް ލިބޭނެ އެވެ. އެމީހެއްގެ ބަރަވެލި އޮންނާނީ އެމީހެއްގެ އަތަށް ދިއްކޮށްލާ ތަށީގެ ތެރޭގަ އެވެ. ރޭހުގައި ބައިވެރިކުރާ ބަރަވެލިތައް ގެނެސްދެނީ އެކްޓިވް ވޯޓާ ސްޕޯޓްސް ސެންޓަރުންނެވެ.

ސެންޓަރުން ފުރިހަމަ ކަމާއެކު ރޭސް އިންތިޒާމްކޮށްފައި އޮންނަނީ ވެސް ފިސާރި ފޯރިގަދަ ވާނެ ގޮތަކަށެވެ. މިކަމަށް ކުޅަދާނަ ޕްރެޒެންޓަރުންނާއި ރެފްރީން ވެސް ހަރަކާތްތެރިވާ ގޮތަށެވެ. ވަނަ އިއުލާން ކުރާއިރު ވެސް ފެންނަނީ ހަމަ ބޮޑު ރެސްލިން ތެޅުމެއްގެ ވަނަ ވެސް އިއުލާން ކުރާއިރު ފެންނަ މަންޒަރެވެ. ހުރިހާ ޓޫރިސްޓުން އެމީހަކު ސަޕޯޓް ކުރާ ބަރަވަލީގެ ވެރިޔާ އަށް ތާއީދު ކޮށް އަޑު އުފުލައި ތުނބުން ފުމެ އެވެ.

މިރޭހުގައި ބިންމަތީގައި ދަމާލަނީ ވަށް ރޮނގެކެވެ. އެ ބުރުގެ ސެންޓަ ޕޮއިންޓްގެ ތެރެއަށް ނަމްބަރު ޖެހި ބަރަވެލިތައް ދޫކޮށްލާއިރު މުޅި ސަރަހައްދު ގުގުމައިގެން ދާނީ ސަޕޯޓުގެ އަޑުފަށްގަނޑެވެ. މިއުޒިކާއި ހަޅޭކުގެ އަޑެވެ. އަތްތިލަ ބަޑިއާއެކު ބަރަވެއްޔާ ގޮވާ އަޑެވެ.

ބުރުގެ ތެރޭގައި ބަރަވެލިތައް "ބަރަވެލި ދުވެލީގައި" ދުއްވައިގަނެވެ. މަޑުކުރަމުން ހުއްޓެމުން އޭގެ ތޮށިގަނޑަށް ވަންނަމުން، ވަޅުޖެހެމުން ރޭސް ނިންމޭތޯ ބޭރު ރޮނގާ ދިމާއަށް ދަތުރު ކުރެއެވެ. ބަލަން ތިބޭއިރު ހީވަނީ މި މުބާރާތް ހިނގާ ގޮތް އެ ސޮރުމެނަށް ވެސް އެނގޭހެންނެވެ. ރޭހަށް ތަމްރީނުވެގެން ތިބޭހެނެވެ.

"މި މުބާރާތަކުގައި ބައިވެރިވާން ކޮންމެ ރެއަކު ވެސް މީހުން އެއްވާނެ. މިއީ މި ރަށުގައި ޓޫރިސްޓުން އެންމެ ފޯރިނަގާ އެއް ކަންތައް،" ވޯޓާ ސްޕޯޓްގައި ހަރަކާތެރިވާ ޒުވާނަކު ބުންޏެވެ.

ބަރަވެލި ރޭސް ކާމިޔާބު ކުރުމުން ހުސްއަތާ ދާން ޖެހެނީ އެއްނޫނެވެ. މި ރޭހަށް މާފުށީގެ ގެސްޓް ހައުސްތަކުން ގިނަ އިނާމްތަކެއް ހުށަހަޅަ އެވެ. ބޮޑެތި ޕެކޭޖުތަކާއި ހަދިޔާތައް ލިބެ އެވެ. މި މުބާރާތްވެފައިވަނީ މި ރަށަށް އަންނަ ޓޫރިސްޓުން މުނިފޫހި ފިލުވައިދޭ ވަރަށް ހާއްސަ ހަރަކާތަށެވެ. "ނައިޓް ލައިފް" ގެ އެންމެ މުހިންމު އެއް ވަގުތުކޮޅަށެވެ.