ހަބަރު

ކާރަށް އެރުވީ ރިލްވާން، ކާރުން ފެނުނު އިސްތަށީގައި ރިލްވާންއާ ގުޅޭ ޑީއެންއޭ

  • ކާރުން ފެނުނު އިސްތަށިން ރިލްވާން މަންމަގެ ޑީއެންއޭ
  • ރިލްވާން ގެއްލުނު ރޭ އޭނާއަށް ބަޔަކު މާލެއިން ފާރަލީ
  • ރިލްވާން ފޯން ސިގްނަލް އެންމެ ފަހުން އެރީ ފުލްމޫން ރިސޯޓް ޓަވަރަށް

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ބަލައި ފާސްކުރި ކާރެއްގެ ތެރެއިން ފެނުނު އިސްތައްޓަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރިލްވާންގެ މައްސަލައާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ އެ ޑީއެންއޭ ލިބިފައިވަނީ ކާރުގެ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަމަށެވެ. ޝަތީހް ވިދާޅުވީ އޮގްސްޓު މަހުގެ އަށް ވަނަ ދުވަހުގެ ރޭގަނޑު 00:55 ގެ ފެރީއިން ރިލްވާން ހުޅުމާލެ އަށް ގޮސް ފެރީ އިން ފޭބި ފަހުން ރިލްވާން އެއްވެސް މީހަކަށް ފެނިފައި ނުވާ ކަމަށެވެ.

ޝަތީހު ވިދާޅުވީ އެރޭގެ 01:45 އެހާކަށް ހާއިރު ހުޅުމާލެ 210307 ފުލެޓް ކައިރިން ވަރަށް ބާރަށް މީހަކު ދެތިން ފަހަރު ހަޅޭއްލަވައިގަތް އަޑު ބަޔަކަށް އިވިފައިވާ ކަމަށާއި އަދި ފުލެޓު ކަންމަތިން (ނިރޮޅު މަގު، 05 ނަންބަރު ގޯޅި ކަންމަތިން) ކާނޭޝަން މަގާވީ ކޮޅަށް ރަތް ކުލައިގެ ކާރެއް ދަތުރު ކުރަމުން ދިޔަކަމަށެވެ. އަދި އޭރު އެކާރު ވައަތް ފަރާތު ފަހަތު ދޮރު ހުޅުވާފައި ހުރި ކަމަށާއި އަދި އެދޮރާއި ދިމާލުން ކާރު ތެރެއިން އަތެއް ހޫރަނިކޮށް އެނގިފައިވާ ކަމަށް ޝަތީހު ވިދާޅުވި އެވެ.

"މިއަޑު އިތުރު ބަޔަކަށްވެސް އިވުނު ކަމަށް އެނގިފައިވޭ. މިމައުލޫމާތު އެރޭ ފުލުހުންނަށް ހުށަހެޅުމުން ގޮސް ބެލިބެލުމުން ކާރެއް ނެތް. އެހެން ނަމަވެސް ކާރު ފެނުނު ކަމަށް ބުނާ ދިމާލުން ބެނެޓް ވަޅިއެއް ފެނިފައިވޭ. މި ސީން ޕްރޮސެސްކޮށް ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ފޮރެންސިކް ތަހުލީލު ތަކަށް ފޮނުވިފައިވޭ. ނަމަވެސް ވަޅިން މާއްދީ އެއްވެސް ހެއްކެއް ނުލިބޭ." ޝަތީހު ވިދާޅުވި އެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ހުޅުމާލޭގައި ދުއްވާ ކާރުތައް އަދި ހާއްސަކޮށް ރަތް ކާރުތައް ބަލައި ފާސްކޮށްފައިވާނެ ކަމަށާއި ނަމަވެސް ހާދިސާ އާއި ގުޅުން ހުރި ނުވަތަ އެކަހަލަ ކަމަކަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. މިމައްސަލައާއި ރިލްވާން ގެއްލުނު ހާދިސާ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ.

އަދި ރިލްވާން ގެއްލުނު ކަމަށް ބުނާ ރޭ، ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރިއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ރަޖިސްޓްރީ ނަންބަރު AB1AP4954 ރަތް ކުލައިގެ ކާރެއް ފެނިފައިވާ ކަމަށާއި އަދި އެކާރު އޮތީ ތަޅުލާފައި ކަމަށް ޝަތީހު ވިދާޅުވި އެވެ. އަދި އޭރު އެކާރުގެ މައުލޫމާތު ނެގުން ފިޔަވައި އިތުރު އެއްވެސް ކަމެއް ފުލުހުން ނުކުރާ ކަމަށްވެ އެވެ.

"އޭރު އެކާރާ މެދު ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޭރު ފާހަގަކުރެވިފައެއް ނުވޭ. މިކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކާރުގެ ވެރި ފަރާތް ކަމަށްވާ ހ. ހިލްޓަން އަހްމަދު އާލިފް ރައޫފްގެ ހާޒިރުގައި ބަލައި ފާސްކޮށް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގައި އެސާމްޕަލްތައް ރާއްޖޭންނާއި ރާއްޖޭން ބޭރުގެ ލެބޯޓްރީތަކުން ތަހުލީލު ކުރެވިފައިވޭ. މިދެންނެވި ޑީއެންއޭގެ ނަތީޖާތައް ދައްކާގޮތުން ޑިކީ ތެރޭގައި އަޅާފައި އޮތް ކާޕެޓުގެ ތެރޭގައި އޮތް ފަސް އިސްތަށީގެ ތެރެއިން އިސްތައްޓަކުން ލިބުނު މައިޓޯ ކޮންޑްރިއަލް ޑީއެންއޭ ރިލްވާންގެ މަންމަގެ އެމްޓީ ޑީއެންއޭ އާއި ދިމާވޭ. ލިބިފައިހުރި ނަތީޖާއަށް ބަލާއިރު އިތުރު ޑީއެންއޭތަކެއް ހަދަން ޖެހޭކަންވެސް ފާހަގަކުރަން. އެމަސައްކަތް ދަނީ ކުރަމުން" ޝަތީހް ވިދާޅުވި އެވެ.

ޝަތީހް އިތުރަށް ވިދާޅުވީ ރިލްވާން ގެއްލިފައިވާ ކަމަށް ބެލެވެނީ އެރޭގެ 01:00 އާއި 02:00 ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި އަދި މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ މައްސަލަ ހުށަހަޅާފައިވަނީ އެވަގުތަށް ވާތީ އަދި ރިލްވާން ދިރިއުޅޭ ގޭގެ ކައިރިން ކަމަށްވާތީ ކާރަށް އަރުވައިގެން ގެންދޔަ މީހާ އަކީ ރިލްވާން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ހ. ހިލްޓަން އަހްމަދު އާލިފް ރައޫފަކީ ކުޑަ ހެންވޭރު ގުރޫޕަށް ނިސްބަތްވާ މީހެކެވެ.