ހަބަރު

ރިލްވާން މައްސަލަ ބަލަން އެންމެ ބޭނުންވާ ވަގުތު ވަނީ ގެއްލިފައި: ފުލުހުން

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ އެންމެ މުހިންމު ވަގުތު ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމައްސަލައާ ބެހޭ ގޮތުން ނޫސްވެރިިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު އަށްވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތު ކަމަށާއި ނަމަވެސް މައްސަލަ ހުށަހަޅާފައިވަނީ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި އެރޭގައި ހުޅުމާލޭގައި ހިނގާފައިވާ ހާދިސާއަށް ބަލާ އަދި ރިލްވާން ގެއްލުނު މައްސަލަ ހުށަހެޅުމާއި ދެމެދުވީ ވަގުތުތަކުގައިވެސް އާދަޔާ ހިލާފު ނުވަތަ ފާހަގަ ކުރެވޭ އެހެން ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގް ކުރުމަށް އެންމެ ބޭނުންވާ ވަގުތު ގެއްލިފައިވާ ކަމީ އެމައްސަލަ ތަހުގީގް ކުރަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ޝަތީހް ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލައިގައި ފަސް މީހުން ހައްޔަރުކުރި އިރު މި އެންމެންވެސް ވަނީ ދޫކޮށްލާފަ އެވެ. މި މީހުންގެ ތެރޭގައި ރިލްވާން ގެއްލުނު ރޭ އޭނާއަށް ފާރަލީ މީހުންގެ ތެރޭގައި އެންމެ އިސްކޮށް އުޅުނު ސ. ހުޅުދޫ އަތިރިޔާގެ މުހައްދު ސުއޭދު އެވެ. އޭނާ މިހާރު ރާއްޖޭގައި ނެތް ކަމަށް ޝަތީހް ވިދާޅުވި އެވެ. މިމައްސަލައިގައި ރިލްވާން އެރުވި ރަތް ކާރު ނިސްބަތްވާ ހ. ހިލްޓަން އަހްމަދު އާލިފް ރައޫފް ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ފުލުހުން ވަނީ ރިލްވާނަށް ފާރަލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފްޓޭޖެއް ވެސް ދައްކާލާފަ އެވެ. އަދި މިހާރު ރިލްވާން ދިރިހުރި ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރުކޮށް ބުނަން ނޭނގޭ ކަމަށްވެސް ޝަތީހް ވިދާޅުވި އެވެ.