ލައިފްސްޓައިލް

އަންހެނަކަށްވީމަ ކަންބޮޑުވާންޖެހޭ ނުވަ ކަމެއް ބުނަންތަ؟

އަންހެނަކަށް ވީމަ ނުލެބީ ކޮން ހައްގެއް ހެއްޔޭ ކިޔާފައި އަޑުގަދަކުރާއިރު ހަގީގަތުގައި ވެސް ވިސްނާލަން ޖެހޭ ބައެއް ނުކުތާތަކެއް އެބަހުއްޓެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ޖިންސުގެ ތަފާތުކުރުމަށް ބަހުސްކުރެވެމުންދާ މިއަދުގެ ދުނިޔޭގައި މި ވާހަކައެއް ދައްކަން ވަކި މިއަށް ވުރެ މުނާސަބުވާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.

ހަގީގަތަކަކީ އަންހެނަކު، އަންހެނަކަށްވީމަ އެމީހަކަށް މުޖުތަމައުގައި ވަރަށް ވެސް ގިނަ ގޮންޖެހުންތަކެއް ހުންނަ ކަމެވެ. އެފަދަ މިސާލުތަކެއް ބަލައިލަން ބޭނުން ހެއްޔެވެ؟

މުސާރައިގެ ތަފާތުކުރުން

މި ވާހަކަ ބައެއް މީހުން ގަބޫލެއް ނުކޮށްފާނެ އެވެ. އެކަމަކު މިއީ ވަރަށް ގިނަ ބަޔަކު ދަންނަ ހަގީގަތަކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ވަޒީފާގެ މާހައުލުގައި އާމްދަނީއެއްގެ ގޮތުގައި ފިރިހެނަކަށް ލިބޭ ކޮންމެ ޑޮލަރަކުން އަންހެނަކަށް ޖެހެނީ 78 ސެންޓެވެ. އެހެންވީމަ އަންހެނަކަށްވީމަ ހަމައެކަނި ވަޒީފާގެ މާހައުލުގައި އެމީހަކު ބާކީކޮށްލަނީކީއެއް ވެސް ނޫނެވެ. އަދި އަންހެނަކަށްވީމަ އެމީހަކަށް ވަޒީފާ ނުދޭން މަސައްކަތްކުރަނީކީ ވެސް ނޫނެވެ.

އަންހެނަކަށް ވަޒީފާއެއް ދޭ އިރު އަންހެން މީހާ އަށް ކަނޑައަޅާ މުސާރަ މި އޮންނަނީ ނިކަން ބޮޑަށް ކުޑަކޮށްލައިފަ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އަންހެނަކަށްވުމެވެ!

ޕްރޮމޯޝަނެއް ނުލިބިދާނެ!

އިހަށް ދުވަހު ބްރޯޑްކޮމްގެ ބޯޑް އާކުރުމަށް ކެންޑިޑޭޓުން ހޮވިއިރު އަންހެނަކު އެ ވަނީ މާކްސްގެ ގޮތުން ކުރި ހޯދައިގެ ފިރިހެނަކަށް ވުރެ މައްޗަށް އަރައިފަ އެވެ. މިއީ ހަގީގަތުގައި ވަރަށް ގިނަ ބަޔަކު އުފާކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ މިއަދުގެ ތަފާތުކުރުން ބޮޑު މި ދުނިޔޭގައި އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި މިފަދަ ކާމިޔާބީތަކެއް އެހާ ގިނައިން އަންހެނުންނަށް ލިބިފައިނުވާތީ އެވެ.

އަންހެނަކަށްވީމަ އެ މީހަކަށް ވަޒީފާގެ ކުރިއެރުން ނުދިނުމާއި ވަޒީފާގެ މާހައުލުގައި އެމީހެއްގެ ގާބިލުކަން ދަށްކޮށްލުމަކީ ފެންނަން އޮތް ހަގީގަތެކެވެ.

ފޮށިދާނެތީ!

މި ސުވާލު އަންހެނަކާ ކޮށްލަ ބަލާށެވެ. އަދި ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ އަންހެން ކުއްޖަކު ނުވަތަ ގެއިން ނުކުމެގެން ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ އެހެން ތަނަކަށް ވިޔަސް އެކަނި ހިނގާލާފައިދާ އަންހެން ކުއްޖަކު ގާތު އަހާލަބަލާށެވެ. މަގުމަތިން ދަނިކޮށް އޭނާއާ ބެހުނު ވަރު ނުވަތަ ފޮށުނު އަދަދު ނިކަން ރަނގަޅަށް ކިޔައިދޭނެ އެވެ.

ޔަގީނަށް ވެސް މިއީ ދިވެހި އަންހެނުންގެ ތެރެއިން ވެސް ގާތްގަނޑަކަށް 90 ޕަސެންޓް އަންހެނުން ތަޖުރިބާކޮށްފައިވާނެ ނިކަން ބަދުނަސީބު އަދި އެހާމެ ހިތާމަވެރި ކަމެކެވެ. އަންހެން ކުއްޖާ ހުންނަ ގޮތަކާ ބެހުމުގެ އިތުރުން އެ ކުއްޖަކު ހެދުން އަޅައިގެން ހުންނަ ގޮތަކަށް ވެސް ގޮތްކިޔައި ފާޑުކިޔައި ނުވަތަ އަނގައިން އެއްޗެއް ނުބުނާ ނަމަ އެ ކުއްޖަކުން ކަޅި ނައްޓުވާނުލައި އުޅޭ މީހުން ތިބޭނެ އެވެ.

ދެން ފިރިހެނަކާ ސުވާލުކޮށްލަ ބަލާށެވެ. މަގުމަތިން ދަނިކޮށް އެ މީހަކާ ފޮށުނީ ކޮން އަންހެނެއްތޯކިޔައިގެންނެވެ؟ އެމީހުންގެ އަދަދަކީ ކޮބައިތޯއޭ ކިޔައިގެންނެވެ!

މާ ފަސޭހައިން ޖަޒުބާތުގައި ޖެހޭ ކަމަށް ބުނުން!

ނުވަތަ ފިރިހެނަކަށް ވުރެ ސިކުނޑި ބަލިކަށިވާނެ ކަމަށް ބުނުމެވެ. މިހެން ބުނާ މީހުން ގޮތުގައި އަންހެނުންނަކީ ނިކަން ފަސޭހައިން ޖަޒުބާތުގައި ޖެހި ވިސްނާލުމެއް ނެތި ކަންކަމުގައި އަވަސް ނިންމުންތައް ނިންމައި ބޮޑެތި ގެއްލުންތަކެއް ވެސް ދީފާނެ ބައެކެވެ. އެކަމަކު ހަގީގަތަކީ އެންމެން ވެސް ޖަޒުބާތުގައި ޖެހޭކަމެވެ. ގޯސް ނިންމުންތައް އެންމެނަށް ވެސް ނިންމޭ ކަމެކެވެ.

އެއީކީ އެއްގޮތަށް ވެސް އެ މީހަކު އަންހެނަކަށްވުމުން ކުރެވޭ ކަންތަކެއް ނޫންކަމެވެ. ނަމަވެސް އަންހެން ލޭބަލްކުރެވިފައި ވަނީ މިފަދައިންނެވެ.

ކުދިން ހޯދުމާ މެދު!

މިސާލަކަށް ދަރިއަކު ލިބޭ ތަނުން ފިރިމީހާ އަންހެން މީހާ ވަރިކޮށްލާފައި ހިނގައިދާނެ އެވެ. އެކަނިވެރި މަޔަކަށް ބަދަލުވީ އެވެ! މިއީ ބައެއް އަންހެނުން ކުދިން ހޯދަން ބަލާއިރު ވިސްނާ ކަމެކެވެ. އަދި ބައެއް އަންހެނުންނަކީ އެމީހުންގެ ކެރިއަރަށް ސަމާލުކަން ދިނުމަށް ކުދިން ނުހޯދައި މަޑުކޮށްލަން ބޭނުންވާ މީހުންނެވެ. އެކަމަކު އެއަށް ފަހު ވެސް ކޮންމެވެސް ހިސާބަކުން ދަރިން ބޭނުންވެ އެވެ.

ބައެއް ހާލަތްތަކުގައި މެދުވެރިވާ ގޮތަކީ އުމުރުން މާ މައްޗަށް ގޮސްގެން ދަރިން ހޯދަން އުދަނގޫވަނީ އެވެ. މިފަދަ އެކި ސަބަބުތަކާ ހެދި މިއީ ވެސް އަންހެނަކަށްވީމަ ބޮލު ތެރޭގައި އޮންނަ ކަންބޮޑުވުމެކެވެ.

މޭކަޕްކޮށްގެން ނެތް ނަމަ ސަމާލުކަން ނުލިބިދާނެ!

ގިނަ ފިރިހެނުންނަކީ ބޭރުފުށުގެ ރީތިކަމާއި ހެދި އުޅޭ މީހުންނެވެ. އެހެންވީމަ ފިރިހެން ކުއްޖަކާ އެކު ޑޭޓަކަށް ދާން އުޅޭ ކުއްޖާ ގެއިން ނުނިކުމެގެން ލަސްވެގެން ގަޑިއަށް ބަލައިލަ ބަލައިލަ އިންނަ ފިރިހެން ކުއްޖާ އަށް ހަމްދަރުދީވާނެ ކަމެއް ހަގީގަތުގައި ނެތެވެ. ހަމްދަރުދީވާނަމަ ވާންވީ އަންހެން ކުއްޖާ އަށެވެ.

މުޖުތަމައު ނުވަތަ މީހުންގެ ގަބޫލުކުރުންތައް އައިސްފައިވާ ގޮތުން އަންހެން ކުއްޖާ މި ޖެހެނީ ނިކަން މޭކަޕްކޮށްގެން އެ ކުއްޖާގެ ރީތިކަން ހާމަކޮށްގެން އެ ބުނާ ޑޭޓަކަށް ވެސް ދާށެވެ. ނުވަތަ އެ ފިރިހެން ކުއްޖާއެއް ވެސް ސެޓެއް ނުވާނެ ވިއްޔާ އެވެ.

ވަޒީފާއެއް ހޯދަން ޖޮބް އިންޓަވިއުއަކަށް ދާ ކުއްޖާ ވެސް މޭކަޕްކޮށްގެން ހުރީމަ ފަހަރެއްގައި ވަޒީފާ ލިބިދާނެ އެވެ. މިއީ މައްސަލައެކެވެ.

ހިނގާލާފައި އެކަނި ގެއަށް ދިއުން، ހާއްސަކޮށް ރޭގަނޑު!

މިއީ އެ ޓޮޕިކެއްގެ ވާހަކަ މާ ތަފްސީލަކަށް ގޮސްގެން ލިޔަން ޖެހޭ ޓޮޕިކެއް ވެސް ނޫނެވެ. ސަބަބަކީ މި މައްސަލައެއް އޮތް ގޮތް އެންމެނަށް ވެސް އެނގޭތީ އެވެ.

މަގުމަތިން އެކަނި ހިނގާލާފައިދާ އަންހެން ކުއްޖަކަށް ފިރިހެނެއްގެ އުދަނގޫ ނުޖެހި އަމާން އޮމާންކަމާ އެކު ހިނގާލާފައި ދެވިދާނެކަމާ މެދު ޝައްކެވެ. އަދި ވަކިން ހާއްސަކޮށް ރޭގަނޑު ނަމަ އެވެ. އެކަމަކު މިގޮތަށް އެކަނި ހިނގާލާފައި ދާން ފިރިހެނަކަށް އެއީ ހަމަ އެއްވެސް ކަމެއް ނޫނެވެ!

އިންޓަވިއުއެއްގައި ކާމިޔާބީގެ ވާހަކައަށް ވުރެ ބޮޑަށް ލޯބީގެ ވާހަކަ!

މިއީ އަސްލަށް ވެސް ނިކަން ބޮޑު ހަގީގަތެކެވެ. އިންޓަވިއުއެއްގައި ފީޗާކުރެވޭ ގެސްޓަކީ އަންހެނެއް ނަމަ، އެމީހެއްގެ ކާމިޔާބީގެ ވާހަކަ ހައިލައިޓްކުރުމަށް ވުރެ ބޮޑަށް އަބަދުވެސް ސަމާލުކަން ދެވިފައި އޮންނަނީ އެ އަންހެނަކާ ބެހޭ ގޮތުން ދެކެވޭ ގޮސިޕްތަކެއް ފެންމަތިކުރުމަށާއި ލޯބީގައި ކިހާ ނާކާމިޔާބު މީހެއްތޯ ބެލުމަށެވެ!

ފްލާޓްކުރާ ބޮސް!

މިއީ ވެސް އަންހެނަށްވީމަ ކަންބޮޑުވާން ޖެހިދާނެ ކަމެކެވެ. އަންހެން ކުއްޖާގެ ބޮސްއަކަށް ހުންނަ ފިރިހެން މީހާގެ ފަރާތުން ބައެއް ފަހަރަށް ވަޒީފާގެ މާހައުލުގައި އަންހެން ކުއްޖާ އަށް އަނިޔާ ނުވަތަ ބިރު ދެއްކުމުގެ އިޝާރާތްތަކެއް ކުރެވޭތީ އެވެ. އަންހެން ކުދިންނާ ފްލާޓްކުރާ ބޮސްއިންގެ ވާހަކަ ވަަރަށް ވެސް މަޝްހޫރެވެ.

ގިނަ އަންހެން ކުދިންނަށް އެފަދަ މީހުން ކަމުނުދިޔަޔަސް އެ ވާހަކައެއް ބުނާކަށް ނުވަތަ އަތުގައި ނުހިފާށޭ ބުނާކަށް ވެސް ނުކެރޭނެ އެވެ. ވަޒީފާ ގެއްލިދާނެތީ އެވެ!