މޯލްޑިވިއަން އައިޑޮލްގެ އިޝްތިހާރުތައް ދައްކަން ފެށުމުން ގިނަ ބަޔަކު މިއީ މީގެ ކުރިންވެސް ގެނެސްދީފައި ހުރި ލަވަ މުބާރާތްތައް ކަހަލަ މުބާރާތަކަށް ވާނެ ކަމަށް ހީކުރި އެވެ. އެފަދަ ފާޑު ކިޔުންތައްވެސް އަމާޒުވި އެވެ. ގިނަ މީހުންހެން ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒު ވެސް ހީކުރީ ހަމަ މިކަހަލަ ގޮތަކަށެވެ. މިހާރު ދައްކަމުން މިދާ ފެންވަރުގެ ޝޯއެއް ކަމަކަށް އުއްމީދެއް ނުކުރެ އެވެ.
އައިޑޮލް ދައްކަން ފެށުމާއެކު މިއީ ކުށްހީ އެއްކަން ޔަގީންވެއްޖެ އެވެ. ޝޯގެ ފުރިހަމަ ކަމާއި ބައިވެރިންގެ ކުޅަދާނަ ކަމެވެ. އޮޑިޝަން ދައްކަމުން ދިޔައިރު ޓެޑްރީ އުންމީދުކުރީ މިހެންނެވެ. މިކުދިން ތަކަކީ ކުޅަދާނަ ކުދިން ތަކަކަށް ވާނެ ކަމަށެވެ. ރަނގަޅެވެ. މި މުބާރާތުން ފެނިގެން މިދިޔައީ ހުނަރުވެރި މޮޅު ކުދިން ތަކެކެވެ. އެހެން ނަމަވެސް ގިނަ ކުދިންނަކަށް ޑައިރެކްޓަރު ޓެޑްރީގެ ހިޔާލުގައި ހުރި އުހަށް ވާސިލެއް ނުވެވުނު ކަމަށް ރޭގެ އެލިމިނޭޝަން ޝޯ ނިންމާލުމަށްފަހު އަވަސް އާއި ވާހަކަ ދައްކަމުން ޓެޑްރީ ބުންޏެވެ.
އެކަމަކު ތައްޔާރުވާން މިލިބޭ ވަގުތުކޮޅާއި އެކު ބައިވެރިންގެ ހުނަރު ހަމަ އެންމެ ފުރިހަމަ ކަމަށް ޓެޑްރީ ގަބޫލުކުރެ އެވެ.
"މުޅި އައިޑޮލަށް ބަލައިފިއްޔާ ގިނަ ކުދިންނަށް އަހަރެން އުންމީދުކުރި ފެންވަރުގެ ޕާފޯމެންސެއް ނުދެއްކޭ. މި ޝޯ ދާ ގޮތަށް ބަލާފައި ގަބޫލުކުރަން އެބަތިބި ހަމަ ވަރަށް މޮޅެތި ކުދިން" ޓެޑްރީ ބުންޏެވެ.
ޓެޑް ބުނަނީ މިޝޯ ވަރަށް ފުރިހަމަ ކަމަށެވެ. ނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ދެން އަންނަ ޝޯ އެއްގައި އެކަންކަން ރަނގަޅު ކޮށްފިނަމަ މި ޝޯ މިއަށްވުރެ ފުރިހަމަ ވާނެ ކަމަށެވެ.
އަދި މުބާރާތުގައި ބައިވެރިވާ ކުދިންވެސް ތައްޔާރުވާން މިލިބޭ މަދު ވަގުތުކޮޅު ތެރޭގައި އެންމެ ފަސޭހައިން ކިޔާލެވޭ ކަހަލަ ލަވައެއް ކިޔަން ޓެޑް ނަސޭހަތް ތެރިވި އެވެ. ޓެޑް އަކީ ގަވާއިދުން މި ޝޯ ބަލައި ބައިވެރިންނަށް ހިތްވަރު ދިނުމަށް ޓުވީޓާ ތެރޭގައި ފޯރި އަރުވާލާފައި އުޅޭ މީހެކެވެ.
ޓެޑްރީ ބުނީ މިހާ މެސިވް ޝޯއެއްގައި ޖަޖުކަން ކޮށްލާ ބައިވެރިންގެ ލަވަތައް ކައިރިން އަޑުއަހާލަން ލިބުމަކީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއްވެސް ކަމަށެވެ. އަދި ރޭގެ ޝޯއިން މުބާރާތާ ވަކިވި އަބދުﷲ ސޯދިގުއަށްވެސް ޓެޑްރީ ވަނީ ހިތްވަރު ދީފަ އެވެ. ކޮންމެ ރެއަކު ހޮޓް ސީޓަށް ދާތީވެ ސޯދު އެސީޓުން ވަކިވާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ޓެޑް ބުންޏެވެ. އެހެން ނަމަވެސް ރޭގަވެސް ހޮޓް ސީޓަށް ދިޔަ އީ އެވެ. އަދި މުބާރާތާއިވެސް ވަކިވީ އެވެ.