ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނު ދޫކުރަން ފަށައިފި

Apr 3, 2016
5
  • ހޯމް ލޯނު 9 ޕަސެންޓުގައި ލިބޭނެ
  • ހޯމް ކޮންސްޓްރަކްޝަން ލޯނު 9.5 ޕަސެންޓުގައި
  • ރިއަލްއެސްޓޭޓް ލޯނު 10 ޕަސެންޓުގައި ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މީގެ ކުރިން އިއުލާންކޮށްފައިވާ ކުޑަ އިންޓްރެސްޓް ރޭޓުގައި މިއަދުން ފެށިގެން ލޯނު ދޫކުރަން ފަށައިފި އެވެ.

ބީއެމްއެލްގެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނު ދޫކުރަން ފެށުމާ ގުޅިގެން ބީއެމްއެލް ލައިޓްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރީޓެއިލް ބޭންކިން ހެޑް މުހައްމަދު ޝަރީފު ވިދާޅުވީ މި ބަދަލާއެކު ލޯނު ނަގާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލާއެކު ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަކުން ދެ ޕަސެންޓް އަދި ޕާސަނަލް ލޯނުތަކުން ހަ ޕަސެންޓް ކުޑަކޮށްފައިވާ ކަމަށެވެ.

"އިންޓްރެސްޓް ރޭޓް ކުޑަކުރީ ބޭންކަށް ފައިދާ ވަމުންދާތީ. މީގެ ކުރިން ފައިދާ ނުވި އަހަރުތަކެއްވެސް ދިޔަ ނަމަވެސް މިހާރު ފައިދާވޭ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން ދޫކުރާ ޕާސަނަލް ލޯނާއި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށްކުރަން ނިންމިކަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހު އެވެ.

ލޯނުގެ އިންޓްރެސްޓް ރޭޓަށް އައި ބަދަލު އިއުލާނު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ ހައުސިން ލޯނާއި ޕާސަނަލް ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކުރީ އެންމެ ބޮޑަށް މީހުން ބޭނުންކުރާ ދެ ލޯނަކީ މިއީ ކަމަށްވާތީ ކަމަށެވެ.

"މީގެ ސަބަބުން ލޯނު ނަގާ މީހުންނަށް ވަރަަށް ބޮޑު ލުޔެއް ލިބިގެން މިދިޔައީ. ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލުގެ ސަބަބުން 15 އަހަރަށް ބެލިނަމަވެސް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،" އެންޑްރޫ ވިދާޅުވެފައިވެ އެވެ.

ބީއެމްއެލް އިން އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލާއެކު، ކުރިން 11 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި އެންމެ ކުޑަކޮށް ދޫކުރަމުން ދިޔަ ލޯނުތަކުން ދެ ޕަސެންޓް ކުޑަވެގެން ދާނެ އެވެ. މި ބަދަލާއެކު ހޯމް ލޯނު ދޫކުރާނީ އަހަރު ނުވަ ޕަސެންޓުގައި އެވެ. އަދި ކުރިން 11.5 ޕަސެންޓުގައި ދޫކުރަމުން ގެންދިޔަ ހޯމް ކޮންސްޓްރަކްޝަން ލޯނު މިހާރު ދޫކުރާނީ 9.5 ޕަސެންޓުގަ އެވެ. މީގެ އިތުރުން ކުރިން 12 ޕަސެންޓުގައި ދޫކުރި ރިއަލް އެސްޓޭޓް ލޯނުގެ އިންޓްރެސްޓް ރޭޓުވެސް ވަނީ 10 ޕަސެންޓަށް ދަށްވެފަ އެވެ.