ހަބަރު

ޑިމާންޑު ބޮޑުވުމުން ފެން ވިއްކުން ކޮންޓްރޯލް ކޮށްފި

މާލޭ ބޮޑު ސަރަހައްދަކުން ފެންކެނޑުމުގެ ސަބަބުން މިނަރަލް ވޯޓާ އަށް ޑިމާންޑު ބޮޑުވެ، ފެން ވިއްކުން ކޮންޓްރޯލް ކުރަން ފަށައިފި އެވެ.

އިއްޔެ ކަރަންޓު ކަނޑައިގެން ގޮސް ފެން ކުންފުނީގެ ޕަވާ ޑިސްޓްރިބިއުޝަންތަކާއި ބޯހޯލްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން މިއަދު ހެނދުނުން ފެށިގެން މާލޭގެ ބޮޑު ސަރަހައްދެއްގައި ތިން ވަނަ ފްލޯއިން ފެށިގެން މައްޗަކަށް ފެނެއް ނުލިބެ އެވެ. އޭގެ ސަބަބުން ގިނަ އަދަދަކަށް މީހުން ވަނީ ފެން ގަންނަން ފަށައިފަ އެވެ.

ބައެއް ފިހާރަތަކުގެ ސޭޓުން "އަވަސް" އަށް މައުލޫމާތު ދިން ގޮތުގައި ބައެއް މީހުން އަންނަނީ ކޭސް ކޭހަށް ފެން ގަތުމަށް ކަމަށާއި އެހެން ކަމުން މީހަކަށް ކޭހެއްގެ ރޭޓުން މިހާރު ފެން ވިއްކަން ފަށައިފަވާ ކަމަށެވެ. ބައެއް އެހެން ފިހާރަތަކުން ވަނީ އެއްކޮށް ފެން ހުސް ވެސް ވެފަ އެވެ.

"އެކަކަށް ހުރިހާ އެއްޗެއް ވިއްކާގެން ރަނގަޅެއް ނުވާނެ. އެހެންވެ ފިހާރަ ބޮޑުމީހާ އެންގީ މީހަކަށް ކޭހެއްގެ ރޭޓުން ވިއްކަން. މިހާރުވެސް ހަ ފެން ކޭސް ވިކިއްޖެ. ބާކީ ހުރި އެއްޗެހި ވެސް ވަރަށް އަވަހަށް ހުސްވާނެ،" ފިހާރަ އެއްގެ ސޭޓެއް ބުންޏެވެ.

ފެން ކެންޑުމުގެ ސަބަބުން އެމްއެންޑީއެފް އިން ވަނީ ހުޅުމާލެއާ ވިލިމާލެ އިން މާލެ އަށް ފެން ކޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް ވެސް 30 ޓަނުގެ ފެން ހުޅުމާލެއިން މާލެ ގެނެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްޑަބްލިއުއެސްއީ އިން ބުނީ ތިން ވަނަ ފްލޯ އިން މަތީގައި ދިރި އުޅޭ ފަރާތްތަކަށް ފެނުގެ ހިދުމަތް ނުލިބުން އެކަށީގެންވާ ކަމަށާއި ނަމަވެސް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.