މާލޭ އާ ސަހަރާގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަން ބަޔަކާ ހަވާލުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.7 މިލިއަން ރުފިޔާއަށެވެ.
މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު އެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އެވެ.
އާ ސަހަރާގެ މަސައްކަތް މީގެ ކުރިން ދެ ކުންފުންޏަކާ ހަވާލުކުރި އެވެ.
އެ ގޮތުން މަސައްކަތް ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސްއާ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އިތުރު މުއްދަތު ދިނުމަށްފަހު އެއް މުއްދަތުގެ ތެރޭގައިވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ބާތިލުކުރި އެވެ.
މިމަސައްކަތް ހަވާލުކުރީ ގިނަ ވެގެން ދެ މަސް ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން 4.9 މިލިއަން ރުފިޔާ އަށެވެ.
އެއްބަސްވުން ބާތިލްކުރިއިރު ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ ވަނީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.
އޭގެ ފަހުން އާ ސަހަރާގެ މަސައްކަތް ބީސިކްސް އިންވެސްޓްމަންޓާ 4.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ.