ފިނިޕޭޖް

ޖަޖުން ކިޔާ އެއްޗެއް ފަހުމްނުވާ ނަމަ މިއޮތީ އެކްސްޕާޓެއްގެ ހިޔާލު!

ތިޔައީ ރެގިއުލާކޮށް މޯލްޑިވިއަން އައިޑޮލް ބަލާ މީހެއް ނަމަ "ވޭރިއޭޝަނަކާއި ވައިބްރާޓޯއެއް" ގެ ވާހަކަ އޮންނާނީ އަޑުއަހައިފަ އެެވެ. ހަގީގަތަކީ މި "ވައިބްރާޓޯ އަކާއި ވޭރިއޭޝަނެއް" ގެ މަގްބޫލުކަން މި ޝޯއެއްގައި ލަވަކިޔާ ބައެއް ކުދިންނަށް ވުރެ ވެސް ބޮޑުވެއްޖެ ކަމެވެ. ބެލުންތެރިން ކޮންމެ ހަފުތާ ބަންދަކު ޓްވިޓަރަށް ބަންޑުކޮށްލާ ޖަޒުބާތުތަކުން ވެސް އެކަން އެނގެ އެވެ.

އެކަމަކު ޝޯގެ ތިން ޖަޖުންގެ ޖަޖުކުރުމުގައި ބޭނުންކުރާ މިފަދަ "ޓެކްނިކަލް" ބަސްބަހުގެ ހަގީގީ މާނަ ނުވަތަ އެފަދަ ޓާމްތަކެއް ނުވަތަ އެފަދަ ބަހެއް ބޭނުންކޮށްގެން ޖަޖަކު ލަވަކިޔުންތެރިޔަކަށް ކޮމެންޓްކުރާ ސަބަބު އެނގެނީ ޝޯބަލަން ތިބޭ މީހުންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ ތަޖުރިބާކާރު މިއުޒިކް ކޮމްޕޯޒަރު އަދި މި ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މުހައްމަދު އިކްރާމް ބުނަނީ ޝޯ ބަލަން އޮންނަ އޯޑިއެންސްގައި ތިބޭނީ އެ ތަފާތު ނުވަތަ ލަވަކިޔުންތެރިއެއްގެ ޓެކްނިކަލް ކޮލިޓީ ދެނެގަންނަން އެނގޭ ބަޔަކާއި އެ ކުޅަދާނަކަން ލިބިފައިނުވާ ބެލުންތެރިންގެ ޓީމެއް ކަމަށެވެ.

އެކަމަކު މިއީ ވަކި ބަޔަކަށް ހާއްސަ ލިޔުމެއް ނޫނެވެ. މޯލްޑިވިއަން އައިޑޮލް ގަވާއިދުން ބަލާ މީހަކަށް މި ލިޔުން ހާއްސަވެދާނެ އެވެ. ސަބަބަކީ ކުރިއަށް އޮތް ވިއްސަކަށް މިނެޓް ތެރޭގައި އަޅުގަނޑުމެންގެ ތަޖުރިބާކަރު ކޮމްޕޯޒަރު އިކްރާމް ކިޔައިދޭނީ އެބުނާ "ވޭރިއޭޝަނަކާއި ވައިބްރާޓޯއެއް" އަދި މި ނޫން ވެސް ޝޯގެ ޖަޖުންގެ އަތްމަތިން ގޭގެ ސިޓިންރޫމްތަކުގައި ތިބި އައިޑޮލްގެ ވަފާތެރިންގެ އުނގަށް ވެއްޓޭ ޓެކްނިކަލް ޓާމްސްތަކުގެ ވާނުވާ ކަމުގައިވާތީ އެވެ.

އިކްރާމް ބުނީ އައިޑޮލް ޝޯގައި ޖަޖުން ކޮމެންޓްކުރާއިރު ބޭނުންކުރާ ޓާމްސްތައް ގެންގުޅޭ ގޮތް ނުވަތަ ބޭނުންކުރާ ހާލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ދިމާނުވާ ފަހަރުތައް ވެސް އައިސްފައިވާ ކަމަށެވެ.

"ބައެއް ފަހަރު އިރިލެވަންޓް އެބަވޭ، އައުޓް އޮފް ކޮންޓެކްސްޓް އެބަވޭ މިހެން ބުނެލާ އެއްޗެހި. (މިހަލަ ބަސްތަކެއް ބޭނުންކުރާއިރު ފާހަގަކޮށްލަން ޖެހެނީ) މިއިން ކޮންމެ އެއްޗެއްގައި ވެސް އެބަ އިންނަކަން ވަރަށް ރަނގަޅު ޑެފިނިޝަންއެއް. މިއުޒިކްގައި (އެ ޓެކްނީކެއް) ބޭނުންކުރާނެ ގޮތަކާ ބެހޭގޮތުން،" އިކްރާމް ކިޔައިދިނެވެ.

"ބައެއްފަހަރު ކޮމެންޓްގައި ބުނާ ވާހަކަ އަމާޒުކުރާ ދިމާލަށް އެކަށީގެން ނުވަނީ"

ތިޔަ ލަވައެއްގެ ވޭރިއޭޝަންސްތައް ހަމަ އޮބިނޯވޭ!

"ވޭރިއޭޝަންސްއޭ ބުނީމަ މިސާލަކަށް ލަވައެއް މިތަފާތުކޮށްލަނީ. އަޅުގަނޑުމެންނާ އެންމެ ފަރިތަ ބަހަކީ މޮޑިފައިކުރުން. ނޫން ނަމަ އިމްޕްރޮވައިޒްކުރުން. އެކަމަކު އެކަން ވެސް ކުރެވޭނެ ހުރޭ ބައިވަރު ގޮތްގޮތް،" ވޭރިއޭޝަންސްގެ ވާހަކަ އަކީ ނިކަން ބޮޑު ފިލާވަޅެއް ކަމަށް ބުނެ އިކްރާމްގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

"ކިޔުންތެރިޔާ އަށް ކިޔަން ފަސޭހަވާނެ ގޮތަކަށް (ލަވަ) ބަދަލުކުރުން އެއީ ވެސް ޕާޓްލީ މޮޑިފިކޭޝަނެއް. ކޮންމެވެސް ވަރަކަށް (އެ ލަވައަކަށް) ގެންނަ ވޭރިއޭޝަންސްތަކެއް."

އޭނާ ބުނީ މޯލްޑިވިއަން އައިޑޮލް އިން ފާހަގަކުރެވޭ "ވޭރިއޭޝަންސްތަކުގައި" އެހާ ގިނަ ރަހަތަކެއް ނުހިމެނޭ ކަމަށެވެ.

"އާންމުކޮށް ހުށަހަޅައިދޭ ލަވަތަކަށް ބަލާއިރު ފާހަގަކުރެވެނީ ނޯޓްތަކެއް ތަފާތުކޮށް ނޯޓްތަކެއް ގިނަކޮށްފައި، އެކަހަލަ ގޮތަކަށް ވޭރިއޭޝަން އަންނަތަން. އެކަމަކު ލަވައިގެ އެރޭންޖުމަންޓުން ވެސް ވޭރިއޭޝަންސް ގެނެވޭނެ،" އިކްރާމް ކިޔައިދިނެވެ.

"ވޭރިއޭޝަންސްއޭ ބުނީމަ އިނގިރޭސި ޑިކްޝަނަރީއެއް ބަލާލިޔަސް އެނގޭނެ ވޭރިއޭޝަންގެ މާނަ. އެކަމަކު މިއުޒިކަލް ކޮންޓެކްސްޓްގައި އޭތި އެޕްލައިކުރެވޭނެ ބައިވަރު ތަފާތު ގޮތްގޮތް އެބަހުރި"

އެހެންވީމަ ވޭރިއޭޝަންސްތައް ވަރަށް ރީއްޗޭ ބުނީމަ އެބަހުގެ މާނައަކީ ކޮބައި ހެއްޔެވެ؟

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި ބޮޑަށް އެހެން ބުނާއިރު އެ ބުނެވެނީ އޭނަ ކިޔާއިރު އެކިޔާ ގްރޭޓް ނޯޓްތައް. ނުވަތަ ދިވެހި އާދައިގެ ބަހުރުވައިން ބުނަނީ ނަމަ އެ ލައްވާ ބަނޑިތައް. ނޫނިއްޔާމު އިތުރަށް އެކިޔާ ނުވަތަ ތަފާތުކޮށްފައި ހުންނަ ނޯޓްތައް. މިއީ ޖެނެރަލީ އަޅުގަނޑުމެންނަށް އިޝާރާތްކޮށްލެވޭ (ވޭރިއޭޝަންގެ މާނައަކީ). އެއަށް މި މަސައްކަތް ވެސް ކުރެވެނީ ވެސް،" އިކްރާމް ބުންޏެވެ

"އެކަމަކު ވޭރިއޭޝަންސް ގެނެވިދާނެ ކިތަންމެ ގޮތަކަށް. ވޭރިއޭޝަނޭ ބުނީމަ އަޅުގަނޑުމެންނަށް އާންމުކޮށް މި ވިސްނެނީ ވަރަށް ބައިވަރު ތަފާތު ނޯޓްތަކެއް ކިޔައި، މެލޮޑީލައިން މުޅިން ބަދަލުކޮށްލުން، އެކަހަލަ ގޮތަކަށް. އެކަމަކު އެ ލަވައެއް ހުށަހަޅައިދޭ ކުއްޖަކަށް އޭތި ތަފާތު ގޮތަކަށް ހުށަހަޅައިދެވޭނެ ހަމައެކަނިގޮތަކީ އެއީއެއް ނޫން."

ހާމޮނައިޒްކޮށްލިގޮތް ވަރަށް ސަޅި!

"ހާމޮނީ އަކީ، އާންމުކޮށް އަޅުގަނޑުމެން މި ބޭނުންކުރާ ގޮތުންވެއްޖެއްޔާމު، ކޯޑް ސީކުއެންސްތަކެއް މި ކުޅެނީއެއް ނުން، ގިޓާ އިން މި ޖަހަނީއެއް ނޫން ކޯޑްތަކެއް. އެއީ ވެސް ހާމަނީއެއް. ކޯޑްސްއޭ އެގޮތަށް ކިޔަސް އެއީ ވެސް (ލަވައިގެ) މެލޮޑީ އަށް އެކޮމްޕެނީކުރާ ހާމޮނީއެއް، ސިމްޕަލް ނޯޓްތަކުން،" އިކްރާމް ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑުމެން އާންމުކޮށް ހާމޮނީއޭ މިކިޔަނީ އެ މީހަކު ލަވަކިޔަންދާއިރު އެހެން ލަވަކިޔުންތެރިޔަކާ ޕެރަލަލްކޮށް ތަފާތު ނޯޓްތަކެއް ކިޔުމަށް. (ފާހަގަކޮށްލަން ޖެހެނީ) މިކިޔާ ހާމޮނީ ވެސް ޑިޕެންޑްވާނީ ނުވަތަ އޭތި ނަގާފައި ހުންނާނީ މި ދެންނެވި ކޯޑް ސީކުއެންސާ ގުޅޭގޮތަކަށޭ."

"އެހެންވީމަ ބޭސިކަލީ ހާމޮނީއަށް ވަނީ، ހާމޮނީގެ ބޭސިކަކީ އެކުޅޭ ކޯޑް ސީކުއެންސް. ފްރޮމް ދެޓް މި ހުރިހާ އެއްޗެއް މި އަންނަނީ. އަނެއްކޮޅުން އެ ހާމޮނީ އެބަޖެހޭ މެލޮޑީ އަށް ކޮމްޕްލިމެންޓްކުރަން އިން އެވްރިމެނާ."

"މިސާލަކަށް އިނގިރޭސި ބަހުން ޕެރެގްރާފެއް ލިޔާއިރު ވެސް ފުލްސްޓޮޕް އެބަޖަހާ. ކޮމާ އެބަޖަހާ. ސެމީކޯލޯން އެބަ ބޭނުންކުރޭ. މާނަ އަކީ މިހުރިހާ އެއްޗެއް މިއުޒިކްގައި އެބަ ބޭނުންކުރޭ. ވާހަކަ އަކީ އޭގައި ގްރެމާއެއް އެކުލެވޭ އެއްޗެކޭ ހާމޮނީއަކީ ވެސް. ލިޔާއިރު ގްރެމާގައި އެ އަންނަ ހުރިހާ އެއްޗެއް ބޭނުންކުރެވޭ އެއްޗެހޭ ހާމޮނީއަކީ."

"ހާމޮނީއަކީ، ވޯކަލް އަށް ވިސްނައިފިއްޔާމު، ލަވަކިޔަމުންދާއިރު ޕެރެރަލްކޮށް ކިޔަމުންދާ އެއްޗެއް، ދެ ވަނަ މީހަކު ކިޔާ އެ ބަސްތައް އެހެން ގޮތަކަށް، އެހެން ނޯޓްތަކެއްގައި ކިޔުން. މިސާލަކަށް ބުނަންޏާމު ޒީރޯ ޑިގްރީ އެޓޯލްގައި، އަލްބަމްގައި ތަންކޮޅެއް ކިޔާލީމަ ދެން މި އަންނަނީ ނޫން ބައިވަރު މީހުން ކިޔާފައި ހުންނަ ބައެއް."

"އެއީ ބައިވަރު ބައިވަރު ނޯޓް. އެއީ ހާމޮނީ އަކީ."

ވައިބްރާޓޯ އަކީ އާދަޔާހިލާފު ޓެކްނީކެއް!

އިކްރާމް ބުނީ މިއީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަވާނެ ޓެކްނީކެއް ނޫން ކަމަށާއި ވަކިން ހާއްސަކޮށް އަޑުގެ ކޮންޓްރޯލް ހިފަހައްޓަން ނޭނގޭ ނަމަ ބޭނުންކުރަން ވަރަށް އުނދަގޫވާނެ ޓެކްނީކެއް ކަމަށެވެ.

"އެއީ ލަވައެއް ކިޔާއިރު އޭގެ މެލޮޑީގައި ގެންނަ ތުރުތުރުއެޅުވުމެއް. ދަމާލާ ނޯޓްތަކުގައި. ދިވެހި ބަހުން އޭގެ ވާހަކަ ކިޔައިދޭން އަސްލު ވަރަށް އުނދަގޫވާނެ. ވައިބްރާޓޯއަކީ ކިޔުންތެރިކަމާ ތަންކޮޅެއް ބޮޑަށް ގުޅިފައިވާ ޓެކްނީކެއް. އެއީ ޕާސަނަލް އެއްޗެއް ވައިބްރާޓޯ އަކީ. އެއަށް ވުރެން ތަންކޮޅެއް މިއުޒިކަލް އެއްޗެއް ހާމޮނީ އާއި ވޭރިއޭޝަންސްއަކީ،" އިކްރާމް ކިޔައިދިނެވެ.

"ވައިބްރާޓޯ ޓެކްނީކް ރީއްޗަށް ޑެލިވާކުރެވޭނީ ފުދޭވަރަކަށް އެމީހަކަށް ކިޔުންތެރިކަން ލިބިގެން، އޭގެ ކޮންޓްރޯލް މީހާ އަށް ލިބިގެން."

"އެ ކޮންޓްރޯލް ނެތި ވައިބްރާޓޯ ޖައްސަން އުޅުނީމަ އިވޭނީ ފޯސްފުލް ވޭރިއޭޝަންސްތަކެއްގެ އަޑު. އެއީ ގަދަކަމުން އަޑުތެޅުވުން. އެއީ ނެޗުރަލްއެއް ނޫން އެހެންވީމަ."

"ވައިބްރާޓޯ އަށް މޮޅު ބައިވަރު ލަވަކިޔުންތެރިން އެބަތިބި. މިސާލަކަށް އުނޫޝާ ވެސް ވަރަށް ރަނގަޅުވާނެ. އައްމަޑޭ ވެސް އެބަހުރި ވައިބްރާޓޯ ޖައްސާފަ ރަނގަޅަށް ލަވަކިޔާފަ."

ޕިޗުންދަންޏާމު ޓެޑްރީމެންގެ އޯޑިއެންސަށް އެނގޭނެ!

"އެއްވެސް ތަނެއްގައި އެވްރެޖު ޕަބްލިކަކީ އޭތި އެނގޭ ބައެއް ނޫން. މެޖޯރިޓީއަކީ. އެކަމަކު ބައެއް ތަންތަނުގައި ކިޔާނެ އެކްޓިވް އޯޑިއެންސެކޭ. އެއީ ގޯސްވީމަ، ގޯސްވިކަން އެނގޭ މީހުން. ރާއްޖޭގައި ވެސް އެބައުޅޭ ހަމަ ބައިވަރު މީހުން. މިސާލަކަށް ކުރީ ރޭގައި އިން ގެސްޓް ޖަޖު، ޓެޑްރީ،" އިކްރާމް ބުންޏެވެ.

"ޕިޗަކީ މިއުޒިކް ނޯޓެއް، އެ މެލޮޑީއެއްގައި އިންނަންވާ ހިސާބު. އޭގެ އުސްމިން ނުވަތަ ތިރިމިން. އެއީ ޑިފައިންޑް އެއްޗެއް މިއުޒިކަލީ. އެއީ ކޮންމެ ނޯޓަކަށް އިންނާނެ ފްރިކުއެންސީއެއް. ގިޓާ ވެސް ޓިއުންކުރާއިރު އެ ފްރިކްއެންސީ އަށް މި އެލައިންމިކުރަނީ."

"އެހެންވީމަ ގިޓާ އިން އެޖަހާ ނޯޓަށް ލަވައިގެ ނޯޓް ކިޔާ ނަމަ ކިޔަން ޖެހޭނީ އެ ޕިޗްގައި. އެއަށް ވުރެ މައްޗެއް ނުވެވޭނެ، ތިރިއެއް ނުވެވޭނެ. އެ ޕިޗުގައި ކިޔަން ޖެހޭނީ. އެކަމަކު މިހެން ބުންޏަސް އާޓިކިއުލޭޝަންސްގެ ތެރެއިން ނުވަތަ އެހެން ވޭރިއޭޝަންސްތަކުގެ ތެރެއިން ބައެއް ފަހަރަށް މިހެން ބެންޑްކޮށް ނަގާ، އެއީ އިސްފަސްކުރުން. އެހެން ހަދާއިރުގަ ކުޑަކޮށް ވޭރީކޮށްލާނެ. އެއީ ވެސް ސްޓައިލްއެއް. އެކަމަކު ޕިޗް ނުބައިވެގެންނެއް ނުވާނެ."

"ބައެއް މީހުންނަށް، އަދި ލަވަކިޔަސް، މީތި އަންޑަސްޓޭންޑެއް ނުވޭ އޯރަލީ. އެއީ އަޑުއަހައިގެން އެނގެންޖެހޭ އެއްޗެއް މި އެއްޗަކީ. އޭނަ އެ ދިޔައީ މައްޗަށްތޯ ތިރިއަށްތޯ. ކަންފަތް އެވަރަށް ޓްރެއިން ނުވަންޏާމު."

"އޯރަލީ ނުވަތަ އަޑުއަހައިގެން ޕިޗް ފާހަގަނުކުރެވެންޏާމު މި ޒަމާނުގައި ސޮފްޓްވެއާއެއްގެ އެހީގައި ވިޝުއަލީ ވެސް ޕިޗް ބަލައިލެވިދާނެ މިހާރު."

އިމްޕްރޮވައިޒްކުރާނީ ކިހިނެތް؟

"އިމްޕްރޮވައިޒްކުރުމަކީ ގަސްތުގަ، އެ އިންނަ މެލޮޑީ ލައިނެއް ތަފާތުކޮށްލުން. ތަފާތުކޮށްލާއިރު އެމީހަކަށް ކިޔޭ ސްޓައިލެއްގެ ކިޔޭ ގޮތަކަށް. އޭނަގެ ކެޕޭސިޓީ އާއި ސްޓައިލްގެ ތެރެއިން އޭތި ބަދަލުކޮށްލާނީ އެގޮތަށް،" އިކްރާމް ބުންޏެވެ.

"ވޭރިއޭޝަންސްއާ އިމްޕްރޮވައިޒޭޝަންއާ ހުރި ތަފާތަކީ، ވޭރިއޭޝަންސް އާންމުކޮށް ރިފާކުރާނީ ވަރަށް ކުދިކުދި، މައިނާ ޗޭންޖަސްތަކަށް. އިމްޕްރޮވައިޒްކުރުމަކީ ވަރަށް އިންސްޓެންޓް ކަމެއް، އިޓްސް ނޮޓް ޕްރި ޕްލޭންޑް. އެއީ އެވަގުތު އެމީހަކަށް ފީލްވާ ގޮތަކަށް ބަދަލުކޮށްލާ ބަދަލުކޮށްލުމެއް."

"ވޮއިސްއަކީ ވެސް އިންޓްރުމެންޓެއްތާ. އެހެންވީމަ (ލަވައެއް ކިޔަމުންދާއިރު) ހިތަށް އެރީ (ލަވައިގެ) މައިގަނޑު ރިޕީޓްކޮށްލާފަ ކިޔާލާއިރު އިމްޕްރޮވައިޒްކޮށްލާނީއޭ. އޭރުން އޭނަ އެ ލަވައެއް ކިޔާފާނެ މުޅިން ތަފާތުގޮތަކަށް ވެސް."

ޕާފޯމެންސަކީ ކޮބާ؟

އިކްރާމް ބުނީ ހަގީގީ ޕާފޭމެންސެއް މޯލްޑިއަން އައިޑޮލް އިން ނުފެންނަ ކަމަށެވެ.

"މިހުރިހާ އެއްޗެއްގެ ފެށުމަކީ ވޯކަލް. އޭނަގެ ކިޔުން. ޕިޗްކޮށް ހަމަ އަށް ރަނގަޅަށް ލަވަކިޔުމަށް ފަހު ބަލާނީ އޭނަ އެކިޔާ ސްޓައިލްއަކާ ޖޮންރާއަކާ މިހުރިހާ އެއްޗަކަށް. އެންމެ މުހިންމު ދެ ކަމަކީ، ޕިޗްކޮށް ލަވަކިޔުމާއި ހަމަ. ދެން މި ހުރިހާ އެއްޗަކާ އެކު އެ ސްޓައިލެއްގެ ލަވައަކާއި ޖޮންރާއެއް ސްޓޭޖަކަށް އަރައި ހުށަހަޅައިދިނުމަށްތާ ޕާފޯމެންސްއޭ މިކިޔަނީ."

"މީގައި އޯޑިއަންސްގެ އިންޓަރެކްޝަނެއް އިހްސާސެއް ނުކުރެވޭ. މިސާލަކަށް އެމެރިކަން އައިޑޮލްގައި އެބަފެނޭ އޯޑިއެންސް ހަޅޭލަވާލާތަނާއި އެމީހުންނާ އެކު ލަވަކިޔާލާތަންވެސް. ދެޓްސް އަ ޕަފޯމެންސް."

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕޮޕިއުލާ މިއުޒިކްގައި އެއީ ޕަފޯމެންސްއަކީ. އެކަމަކު ސީދާ އޯޑިއެންސާ ގުޅޭށެކޭ ނޫން. އެކަމަކު ލަވަކިޔަމުންދާއިރު އޯޑިއެންސަށް އިނގިލި ދިއްކޮށްލިޔަސް އެއީ އޯޑިއެންސާ އިންޓަރެކްޓްކުރެވެނީ. އެކަމަކު އެހެނެއް ނުވާނެ ކެމެރާއަކަށް ލަވަކިޔާއިރު."

"މިހާރު އެ ލަވަ އެ ކިޔަނީ ގޭގައި ތިބެގެން ޝޯ ބަލާ މީހުންނަށް. އިޓްސް ނޮޓް ރިއަލް. އެހެންވީމަ އޯޑިއެންސް އެންގޭޖުމަންޓެކޭ ކިޔާފާއި މިހާރު ޖަޖެއް ނުކުރެވޭނެ. އޭނަގެ ޕާފޯމެންސަށް އެކަނި އެއްޗެއް ދެވޭނީ. އިޓްސް ރިއަލީ ސުޓުޕިޑް ފޯ މީ ޓު ސޭއި އޯޑިއެންސް އެންގޭޖުމަންޓް. ދެއާ އިޒް ނޯ އޯޑިއެންސް."