މީގެ ދެ މަހެއްހާ ދުވަސް ކުރިން އަވަސްގެ ހުރިހާ ނޫސްވެރިން ވާނީ ނިއުސްރޫމް ދުކޮށް މާލެ އަތޮޅު ކަނޑު އޮތް ގިރިއަށް ދަތުރުކޮށްފަ އެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މަސްކާރުހާނާއެއްގެ ގޮތުގައި ހިންގާ ކަނޑު އޮތް ގިރި ކުޑަ ނަމަވެސް އަވަސްގެ ނޫސްވެރިންނަށް އެ ކުޑަ ކުޑަ ރަށުން ބޮޑެތި އެތައް ކަމެއް ފެނުނެވެ. އެ ދަތުރުގައި އަވަސްގެ ނޫސްވެރިން ވަނީ ކަނޑު އޮތް ގިރިން ރިޕޯޓްކޮށްފަ އެވެ. އެ ރަށުގައި އަވަސްގެ ނިއުސް ރޫމް ގާއިމްކޮށް ގެނެސްދިން ރިޕޯޓްތަކަށް ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
މިފަހަރު "އަވަސް" ނޫސްވެރިން މިތިބީ މާފުށީގަ އެވެ؛ މާފުށީގެ ޓޫރިސްޓް ވިޔަފާރި އާއި މާފުށީގެ އަވަސް ބަދަލުތައް ތަޖުރިބާކޮށްލައި މާފުށިން ރިޕޯޓްކޮށްލުމަށެވެ. ޓޫރިޒަމްގައި މާފުށީ ދަތުރުކޮށްފައިވާ ދުރުމިން ލޮލުން ދެކެ އަތުން ހިފާލުމަށެވެ. ހަމަ ހަގީގަތުގައިވެސް މި ތަޖުރިބާތައް ވަރަށް ތަފާތެވެ. ވަރަށް އިންޓްރެސްޓިން އެވެ. މިރަށް މިއޮތީ ރިސޯޓެއްގެ ދަރަޖާގައި ޓޫރިޒަމް ފުޅާވެފަ އެވެ. މި ރަށުގައި 42 ގެސްޓް ހުންނަ އިރު ރާއްޖޭގެ ބޮޑު ރިސޯޓަކާ އެއްވަރަކަށް ޓޫރިސްޓް އެނދު އެބަހުއްޓެވެ. މީހުންގެ ވިސްނުމާއި ދިރިއުޅުން މުޅިން ބަދަލުވެފަ އެވެ. މިކަހަލަ ރަށެއް ރާއްޖޭގައި އަދި އެއް ނޯންނާނެ އެވެ.
މީގެ ތެރެއިން އަވަސްއިން މިފަހަރު ގެނެސްދެނީ:
- މާފުށީ ބަރަވެލި ރޭސް: ޓޫރިސްޓު ނައިޓްލައިފްގެ އެއްބައި!
- ވައިފީނަން އަހަރެމެނަށް ލިބުނު 15 މިނެޓް!
- ވޯޓާ ސްޕޯޓްސްގެ އެންމެ ކުރީގައި މާފުށި!
- ފްރާންސް ދެމަފިރިން ރާއްޖޭގެ ތަޖުރިބާ "އަވަސް" އާއެކު!
- ކްރިސްޓަލް ސޭންޑްސް: މާފުށީގެ ރަހަ މީރުކޮށްލައިފި!
- މިއީ އަދި ލޯކަލް ޓޫރިޒަމާ ތަފާތު ޓޫރިޒަމެއް!
- ޓޫރިޒަމަށް ދީފައި މާފުށީގެ ރައްޔިތުން ރަށާ ދުރަށް!
- މާފުށި މުޅިން ބަދަލުވެފައި ރަށެއް!
މިރަށުގައި ޓޫރިސްޓުން އެމީހުންގެ ޗުއްޓީ ހޭދަ ކުރަނީ އެވެ. މި ރަށުގައި ޓޫރިޒަމާ ގުޅިފައިވާ އެތައް ކަމެއް ކޮންމެ ވަގުތަކު މީހުން އަވަދި ނެތި ވަގުތު ހޭދަކޮށް އެމީހެއްގެ މަސައްކަތުގައި ކުރިޔަށްދަނީ އެވެ. މިހުރިހާ ކަންކަމަކީ އަވަސްގެ ނޫސްވެރިންގެ ޝައުގުވެރިކަން އަތުލި ކަންކަމެވެ. އެހުރިހާ ވާހަކަ އެއް އެއްފަހަރާ ނުގެނެސް ދެވުނަސް ބައެއް ދިމަ ދިމާއަށް އެވަނީ އަވަސް ކަޅިއަކުން ބަލައިލެވިފައެވެ. މި ރިޕޯޓްތަކަށްފަހު އަވަސްގެ ނޫސްވެރިން އެހެން ދިމާއަކަށް ދަތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.