މާފުށިން

ޓޫރިސްޓުންނަށް ރަށް ދީފައި މާފުށީ މީހުން ބޭރަށް!

Apr 4, 2016
5

ޓޫރިސްޓު ގެސްޓް ހައުސްތަކާއެކު މާފުށީގެ ކުރީގެ ރަށްވެހި ދިރިއުޅުން ބަދަލުވުމާއެކު މުޅިން އޮތީ ގެސްޓް ހައުސްތަކާއި ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކާއި ވަޒީފާތަކެވެ. ރަށުގެ އާބާދީގެ ތެރެއަށް އިތުރު 4000 އެއްހާ މީހުން ޖަމާވެއްޖެ އެވެ. މި ރަށުގެ މީހުންގެ އަތް މަތި ތިޔާގިވެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ މީހުން ރަށް ދޫކޮށް ހިޖުރަ ކުރަން ފަށައިފި އެވެ.

މާފުށިގެ ލިވިން ސްޓޭންޑަޑް މިހާރު މިހުރީ ވަރަށް މަތީގައި ތަކެތީގެ އަގުތައް ވެސް އުފުލިފައި، މާލެއަށް އައި ބަދަލު މާފުއްޓަށް ވެސް އައުމުގެ ސަބަބުން ރަށް ދޫކޮށް ދިމާ ދިމާއަށް މީހުން ބަދަލުވާން ފެށީ. މިހާރު މިރަށުގެ މީހުންނަށްވުރެ ރަށު ބޭރު މީހުން މިރަށުގައި ގިނަވާނެ،" މާފުށީގެ ޒުވާނަކު ބުންޏެވެ.

މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތޮފާ ވިދާޅުވި ގޮތުގައި ޖަލާއެކުވެސް މާފުއްޓަށް ރަށުން ބޭރު ގިނަ ބަޔަކު ޖަމާވި އެެވެ. އަދި ރަށުން ބޭރު މީހުން މާފުށީގައި ކޮޓަރި ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށި އެވެ. އަދި މާފުށިން މީހުނާ އިނދެ ވަޒަންވެރިވާން ފެށި އެވެ. އެ ބަދަލުތަކަށް ފަހު އައި ޓޫރިޒަމާއެކު މިހާރު މާފުށީގެ މީހުން ރަށް ދޫކޮށް ރާއްޖެއިން ބޭރަށާއި މާލެ އާއި ހުޅުމާލެއަށް ބަދަލުވުމުގެ ދުވަސްވެސް އައީ އެވެ.

މިރަށުގެ ތެރޭގައި ހިނގާލާއިރު ދިމާވާ މީހުންނާ ސުވާލުކޮށްލެވެ އެވެ. އެކަމަކު ވަރަށް މަދު މީހަކު ނޫނީ މިރަށު މީހެއް ކަމަކަށް ނުވެއެވެ. ގިނައިން ފެންނަނީ ރަށަށް ޗުއްޓީ ހަދާލަން އައިސް އުޅޭ މީހެކެވެ. ނޫނީ މިރަށުގައި ވަޒީފާއެއް އަދާ ކުރާ ރަށުން ބޭރު މީހެކެވެ.

"އެންމެން ކަހަލަ ގޮތަކަށް ގޭގެ އާއި ގޯތި ކުއްޔަށް ދީފައި މިހާރު މާލެ އަށް ނޫނީ ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދަނީ. އެބަދަލު އެއައީ މިރަށުގެ މީހުނަށް ލިބުނު ތަނަވަސް ކަމުގެ ސަބަބުން. މި މާހައުލު ވެސް ބަދަލުވުމުގެ ސަބަބުން، އެންމެ ހާއްސަކޮށް ފައިސާ ލިބެން ފެށުމާއެކު ދަރިންނަށް ކިޔަވައިދޭން ބޭނުންވުމުން،" މިރަށުގެ މީހަކު ބުންޏެވެ. "ހަމައެގޮތަށް މި ދިރިއުުޅުމުގެ ތެރެއިން ކުރިމަގު އުޖާލާ ކުރަން ބޭނުން މީހުން ރާއްޖޭގެ އެކި ދިމަ ދިމާއިން މިރަށަށް އައިސް ވަޒީފާ ހޯދައި މީހުންނާ އިންނަނީ، އަދި މިރަށުގައި ވަޒަން ވެރިވަނީ އެބަދަލުތައް މިފެންނަނީ،"

މުސްތޮފާ ވިދާޅުވި ގޮތުގައި ރަށްރަށުން ބޭރު މީހުން މިރަށަށް އައިސް ވަޒީފާ އަދާ ކުރުމުގެ އިތުރުން އާއިލާ އުފައްދައިގެން ދިރިއުޅޭ އިރު ރަށުގެ އަސްލު ވަޒަންވެރިން ރަށް ދޫކޮށް ހިޖުރަ ކުރުމުގެ ޓްރެންޑް އައިތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

"މާލޭ މީހުން ތަން ކުށްޔަށްދީފައި ރާއްޖެއިން ބޭރަށް ދާ އުސޫލުން އެ އުސޫލު މިހާރު މާފުށީފައި ވެސް މިވަނީ. މާފުށީގައި ވެސް ގޯތިތައް ގެސްޓް ހައުސް ވިޔަފާރިއަށް ކޮންމެވެސް އިންވެސްޓަރަކަށް ކުއްޔަށްދީފައި މާލެ އާއި ހުޅުމާލެ އާއި ސްރީލަންކާއަށް ދަނީ ބަދަލުވަމުން މާލެއަށްވުރެ ބޮޑަށް މި ދަނީ ރާއްޖެއިން ބޭރަށް ހާއްސަކޮށް މާފުށީގެ ގިނަ ބަޔަކު މިހާރު ސްރީލަންކާގައި ދިރިއުޅޭ،" މުސްތޮފާ ވިދާޅުވ އެވެ.

މާފުށިން މިހާރު ޖާގައެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެވެ. މާފުށިން ގޯތި ދޫ ނުކުރާތާ ވެސް މިހާރު 12 ވަރަކަށް އަހަރުވެއްޖެ އެވެ. އެހެން ކަމުން މާފުށީގެ ކޮޓަރި އާއި އެޕާޓްމެންޓް ކުލިތައް ވަނީ މާލެއެކޭ އެއް މިންވަރެއްގައި އުފުލިފައެވެ. މާފުށީގައި އުޅޭ ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ވެސް އުޅެނީ އެމީހުންގެ ގޯތި ޓޫރިޒަމްގެ ވިޔަފާރީގައި ގެސްޓް ހައުސް އަޅަން އެކި މީހުންނަށް ދިގު މުއްދަތަށް އަށް ބުރިއަށް ނޫނީ 10 ބުރިއަށް ހަދަން ކުއްޔަށް ދިނުމަށްފަހު އެޕާޓްމެންޓް ރަށުން ކުއްޔަށް ހިފައިގެން ތަންތަން ބަދަލުވެފައެވެ.

މި ރަށުގެ ކުލީގެ ރޭޓްތަކަށް ބަލާއިރު ގެސްޓް ހައުސްތަކަށް ދީފައިވާ ބިން ބިމުގެ ކުލި މިހާރު އުޅެނީ މަގަކު 25000ރ. އިން މަތީގަ އެވެ. އެއީ 2000 އަކަފޫޓް ގެ ބިންބިމެވެ. އެފަދަ ބިން ބިން ރަނގަޅު ފެންވަރުގައި އިމާރާތް ކޮށް ގެސްޓް ހައުސް ހިންގާ ގޮތަށް އަދި 10 ނޫނީ އަށް ބުރިއަށް ހަދާ ގޮތަށް ދެނީ 10 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަށެވެ.

މީހުން ދިރިއުޅޭ އާދައިގެ ކޮޓަރިއެއްގެ އަގު 6000 ރ. އަށް އުފުލިފައިވާއިރު ގިނައީ 8000ރ. އަށް ކުއްޔަށް ދޫކުރާ ކޮޓަރިތަކެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އަގު 10،000 އާއި 12،000 އާ ދެމެދުގަ އާއި އެއަށްވުރެ މަތީ ކުލިތަކުގަ އެވެ.

"މިހާރު ރަށުގެ ތެރެއިން ގޭގެއިން އެޕާޓްމެންޓެއް ލިބުމަކީ ވަރަށް ދަތި ކަމެއް އަދި ވަރަށް އަގު ބޮޑު ކަމެއް، ކުށްޔަށް ދީފައި ހުންނާނީ ލޯކަލް މީހުން ވެސް ޖެހޭނީ ގެސްޓްހައުސްތަކަށް ދާން، އެވަރަށް އެބަތިބި ރަށުން ބޭރުން މީހުން އައިސް ތަންތަން ކުއްޔަށް ހިފައިގެން،" މާފުށީގެ ވިޔަފާރިވެރިއަކު ބުންޏެވެ.