މާފުށިން

މާފުށި: މުޅިން ބަދަލުވެފައިވާ ރަށެއް!

Apr 4, 2016
1

ކުރިން ވެސް މިރަށަށް އާދެވުނުވެ. އޭރު ނޯޓް ފޮތުގައި ލިޔަން ފަށަނީ މި ރަށުގައި ހުންނަ ސަރުކާރުގެ މައި ޖަލުގެ ވާހަކައިންނެވެ. ބަނދަރާ ގުޅޭ ޝަކުވާތަކާއި އިސްލާހިއްޔާގެ ސުވާލުތަކެވެ. ހައެއްކަ ޓްއަރިސްޓް ފިހާރަ އާއި ބެޓިކް ޖަހާ ބައެއްގެ ވާހަކަ އެވެ.

މި ފަހަރު މާފުއްޓަށް މި އާދެވުނީ 12 އަހަރު ފަހުންނެވެ. މި ރަށަށް އެރުމުގެ ކުރިން ފެނުނީ ސްޕީޑް ލޯންޗްތަކުގެ ކާރޫބާރޫ އާއި ފެރީތައް ލެފުމާއި ޓޫރިސްޓް ޓްރާންސްފާތަކެވެ. މޫދު ކުޅިވަރުތަކާއި ވައިގެ ކުޅިވަރުތަކެވެ. ގޮނޑުދޮށުން މަރުހަބާ ކިއީ ޓޫރިސްޓު އަވި ކުޑަތަކާއި ވޯޓާ ސްޕޯޓްސްގެ ސާމާނާއި ކަނދުތަކެވެ. ހުރިހާ ދިމާއަކުން ފުރިހަމަ ޓޫރިސްޓް މަންޒިލެއްގެ ސިފަ އެވެ.

މާފުށި މާ ބޮޑަށް މިވަނީ ބަދަލުވެ އުފުލިފަ އެވެ. އެއްގަމުން އުފުލައިލެވިފައި އެވަނީ މިޒަމާނުގެ ގެސްޓް ހައުސްތަކެވެ. މި ރަށުގެ މީހުން ވެސް ބަދަލުވެއްޖެ އެވެ. ފެންނަނީ އެންމެން ޓޫރިސްޓުންގެ ހިދުމަތުގައި އުޅޭ ތަނެވެ. ރަށުގެ އިގްތިސޯދާއި ވިޔަފާރި ބަދަލުވެ އާދަކާދަ އާއި ދިރުއުޅުން ވެސް ފުށުންޖެހިފައިވާތީ އެވެ. މިއީ ފައްކާވަމުން އަންނަ ޓޫރިސްޓު މަންޒިލެކެވެ. ގާތްގަނޑަކަށް 700 އެއްހާ ކުށްވެރިން ތިބި އެހަރަ ބޮޑު ޖަލާބެހޭ ގޮތުން ނޯޓް ފޮތުގައި މިފަހަރު ލިޔާނެ ވާހަަކައެއް ނެތެވެ. މުޅި ރަށް ކިޔައިދެނީ ޓޫރިޒަމާ ގުޅިފައިވާ އަތަކެއް ސަތޭކަ ވާހަކެ އެވެ.

މާފުށީގެ ރަސްމީ އާބާދީއަކީ 1700 މީހުންނެވެ. ރަސްމީ އާބާދީގެ ތެރެއިން މި ރަށުގައި ދިރިއުޅެނީ 1600 އެއްހާ މީހުންނެވެ. އެކަމަކު މިރަށުގައި 5000 މީހުންގެ އާބާދީއެއް އަބަދުވެސް ޖަމާވެ ނޯންނަ އިރެއް މިހާރަކު ނުދެ އެވެ.

ޒަމާނުއްސުރެ މަސްވެރި ކަމުގެ މައްޗަށް އާމްދަނީ ބިނާވެފައި އޮތް މިރަށުގެ އިކޮންމީ ފުރަތަމަ ބަދަލުވެގެން އައީ މަސްކާރުހާނާއެއް އުފެއްދުމާ ހަމައިންނެވެ. އޭގެ ފަހުން މާފުށީގެ އިކްނޮމީއަށް ބަދަލެއް އައީ މަސް ގުދަންތައް ސަރުކާރުގެ މައި ޖަަލަށް ބަދަލުވި ހިސާބުން އުފެދުނު ވަޒީފާތަކާ އާ ފުރުސަތުތަކުގެ ތެރެއިންނެވެ.

އޭރު ދިމާވި އެކި މައްސަލަތަކާ ގުޅިގެން މާފުށިން ޖަލު ބޭރު ކުރަށް ތަފާތު މަސައްކަތް ކުރެވުނު ނަމަވެސް މާފުށީގެ ރައްޔިތުންގެ މުޅި އިކްނޮމީގެ ބޮޑު ޕަސެންޓެއް ޖަލަށް ބަރޯސާވެފައި އޮތުމުން މާފުށިން ނެއްޓި އެހެން ދިމާއަކަށް ޖަލު ގެންދަން އެންމެ ދެކޮޅު ހެދި ބަޔަކީ ވެސް މާފުށީގެ އާބާދީ އެވެ. ޖަލާ ގުޅޭ ޝަކުވާތައް އޭރު އެއީ އަރިމަތީގައި އޮންނަ އެހާ ބޮޑަށް ހައިލައިޓް ކުރަން ބޭނުންވާ ވާހަކައަކަށް ނުވެއެވެ. ސަބަބަކީ ޖަލުން ލިބެމުން އައި އާމްދަނީ އެވެ.

ނޫސްވެރިންނަށް މިރަށުން ސުވާލު އުފައްދަން އޭރު ލިބޭ ހާއްސަ ދިމާއަކީ ޖަލެވެ. ދެން އިސްލާހިއްޔާ އާއި މިރަށުގެ ބަނދަރެވެ. އިތުރަށް މިރަށުގައި ފައްޗަކަށް ހުންނަ ޓޫރިސްޓު މަދު ފިހާރަތެކެވެ. އެކަމަކު މިހާރު މާފުށި މިވަނީ މުޅި ބަދަލުކޮށްލާފަ އެވެ. ޖަލުން ޑޮމިނޭޓް ކުރަމުން އައި އިކޮންމީ މިހާރު ވަނީ ޓޫރިޒަމަށް ފުރޮޅިގެން ގޮސްފަ އެވެ.

މިރަށުގައި 45 ގެސްޓް ހައުސްއާއެކު ގެސްޓް ހައުސް އައިލެންޑްގެ ނަމޫނާ ޝޯކޭހަކަށް މާފުށި ބަދަލުވެފައިވާއިރު 700 އަށްވުރެ ގިނަ ޓޫރިސްޓު އެނދު މިރަށުގައި އެބަހުއްޓެވެ. ޓޫރިޒަމާ ގުޅޭ ވިޔަފާރިތައް މިރަށު ވަނީ ފުޅާވެފަ އެވެ. މިއީ ގާތްގަޑަކަށް މުޅީން މިހާރު ރިސޯޓެކެވެ.

"މުޅި މާފުށި މިވަނީ ބަދަލުވެ ރިސޯޓަކަށް ވެފައި، މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާލެ ފިޔަވައި އެންމެ ވަރުގަދަ އިކްނޮމީއެއް އޮޮތް ރަށަށް މިވަނީ ބަދަލުވެެފައި. މި ވިޔަފާރި މިރަށުގައި ފުޅާވެ މި ކޮންސެޕްޓް މުޅި ރާއްޖެއަށް ދަތުރު ކުރަމުން އެދަނީ އެއް ގޮތަކަށް ވެސް މީހަކު ކުރި ކަމަކުން ނޫން، މިކަމުގެ މެޑަލް ޖަހަން ސަރުކާރުތަކުން އުޅޭ އެކަމަކު މިއީ މިރަށުގެ މީހުން، މި ރަށުގައި އިންވެސްޓް ކުރި މީހުން ގެނައި ބަދަލެއް،" މިރަށުގައި އެންމެ ފުރަތަމަ ގެސްޓް ހައުސް ހެދި މީހުންގެ ތެރޭގައި ހިމެނޭ މާލެއަށް ނިސްބަތްވާ މީހަކު ބުންޏެވެ. އޭނާ ނަން ހިމަނާކަށް ބޭނުމެއް ނުވެއެވެ.

ކުރިން 14 މަސްދޯނި އޮތް މި ރަށުގައި މަސްވެރި ކަމަކީ މިހާރު މާ ބޮޑު ތަރުހީބެއް އޮތް ކަމެއް ނޫނެވެ. މަހަށްދާ މިހާރު އޮތީ ހަތަރުގަނޑެއްޗެވެ. އެއާހިލާފަށް ޓޫރިސްޓުން އުފުލާ ފެރީތަކާއި ލޯންޗުތަކުގެ އަދަދު މިހާރު 80 އިން މައްޗަށް ދެ އެވެ. އެ އުޅަނދުތަކުން މިރަށުގެ ގެސްޓް ހައުސްތަކަށް ޓްރާންސްފާތައް ހެދުމުގައި އަބަދު އޮންނަނީ ބިޒީވެފައެވެ.

ކައުންސިލްގެ ރައީސް މުހައްމަދު މުސްތޮފާ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މީގެ 15 ވަރަކަށް އަހަރު ކުރިން ޓޫރިސްޓް ވިޔަފާރިއެއްގެ ގޮތުގައި ކުޑަކުޑަކޮށް ޝޮޕްތަކެއް ހިންގި މިރަށުގެ އިކޮނޮމީ ކުރިން ޖަލަށް ބަރޯސާވެފައި އޮތް ނަމަވެސް މިހާރު އެނބުރިފައި ވަނީ ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށެވެ.

"މިހެން އަޅުގަނޑު ދެންނެވި ކަމަށް ވިޔަސް އަޅުގަނޑުމެން މާފުށީ މީހުން އަދިވެސް ޖަލު ދުލެއް ނުކުރަން އަދިވެސް ޖަލުގެ ވަޒީފާތަކަށް ޑިމާންޑް އެބައޮތް، އެކަމަކު މައިގަނޑު އިކޮނަމީ މިވަނީ ބަދަލުވެފައި" އޭނާ ވިދާޅުވި އެވެ. "ކުރިން ޖަލުގެ ވަޒީފާތައް އެކަނި މިއޮތީ އެއާހިލާފަށް މިހާރު ވަޒީފާ ލިމިޓެއް ނުވާނެ ވަޒީފާ އެއް ނެތިގެން މިހާރު އެއްވެސް މީހަކު ބާކީވެފައި ހުންނާކަށް ނުޖެހޭނެ ޖަލު އެބައޮތް ޓޫރިޒަމް އެބައޮތް، ވަޒީފާތައް އޮތީ އެންމެނަށް ފަހިވެފައި"

އޭނާ ވިދާޅުވި ގޮތުގައި އަދިވެސް ޖަލު ދޫކޮށްލާކަށް މާފުށި ބޭނުމެއް ނުވެއެވެ. ޓޫރިޒަމްއަށް ބަރޯސާވެގެން ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް މިރަށުގެ މީހުންނެއްވެސް ނުދެކެ އެވެ.

"މިހާރު މިރަށް މި ވަނީ ގާތްގަނޑަކަށް ރިސޯޓަކަށް ބަދަލު ވެފައި. ރިސޯޓެއްގައި ހިނގާ ހުރިހާ ވިޔަފާރިއް މި ރަށުގެ ތެރޭގައި ހިނގާ ނޫނީ އެއަށްވުރެ ގިނަ ވިޔަފާރިތަަކަށް ފަހި ވެފައި އާ ފުރުސަތުތައް އޮތް ރަށެއް މިއީ. އެކަމަކު ޖަލަކީ ދެވަނަ ފުރުސަތު އެ ފުރުސަތު އަޅުގަނޑުމެން ދޫކޮށްލުމަކީ މޮޔަ ކަމެއް، އެހެންވީމަ އަދިވެސް ޖަލަށް މީހުން ދޭ ވަޒީފާއަށް އެކަމަކު ރަށުން ބޭރު މީހުން ވެސް ގިނަ އެ ވަޒީފާތަކުގައި" މި ރަށުގެ ޒުވާނަކު ބުންޏެވެ. "މިރަށުގައި ޖަލު ހުރެގެން ވެސް މިހާރު މާފުށީ ރައްޔިތުންނަކަށް މާ ބޮޑު އަސަރެއް ނުކުރޭ ފަތުރުވެރިންގެ ޕްރެޝަރެއް ވެސް ނެތް، އެކަމަކު ޖަލު ހުރުމަކުން ވެސް މައްސަލައެއް ނެތްް،"

ޓޫރިޒަމްގެ ވިޔަފާރި މިރަށުގެ ފެތުރިގަތުމާއެކު އެންމެ ބޮޑު މައްސަލައަކަށްވީ ސަގަފާތަށް އައި ބަދަލެވެ. ހާއްސަކޮށް ޓޫރިސްޓުން ބިކިނީ ހެދުމުގައި ރަށުތެރެއަށް ނުކުމެ އުޅުމެވެ. ނަމަވެސް މިހާރު އެ މަންޒަރެއް މިރަށަކުން ނުފެނެ އެވެ. އަވަސްގެ ނޫސްވެރިންނަަށް އެފަދަ މަންޒަރެއް ނުފެނެ އެވެ.

"ކުރިން އެކަން އޮތް އެކަމަކު މިހާރު އެކަމަށް ޓޫރިސްޓުން ވެސް އެވެއާވެއްޖެ، އަދި މިރަށުގެ ރައްޔިތުން ވެސް އެވެއާ ވެއްޖެ، މިހާރު 700 އެއްހާ އެނދު ފަޅު ފިލުވާ ޓޫރިސްޓުން ބިކިނީގައި އުޅޭނީ އެމީހުންނަށް ހާއްސަ ބީޗް އޭރިއާގައި،" މިރަށުގައި ވަޒީފާ އަދާ ކުރާ ގުރައިދޫގެ ޒުވާނަކު ބުންޏެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކުރިން ދިމާވަމުން އައި އެ މައްސަލައެއް މިހާރަކު ނެތެވެ. އަދި ޓޫރިސްޓުންނަށް ހާއްސް ބީޗް ރަނގަޅުކޮށް ފުޅާ ކުރުމުގެ މަސައްކަތް ހިނގަމުންދާއިރު އާންމުންނަށް ހާއްސަ ބީޗެއް ވެސް މިހާރު ދަނީ ތައްޔާރު ކުރަމުންނެވެ.

"ކުރިން ދިމާވި މައްސަލައެއް މިހާރަކު ނެތް، އެކަމަކު ހުރިހާ އެންމެން މި ވިޔަފާރީގެ ތެރެއަށް ވަނުމުން ވިސްނުމަށް ބަދަލުތަކެއް އަތުވެއްޖެ، ސަގާފީ ގޮތުން އިޖުތިމާއީ ގޮތުން ބަދަލުތަކެއް އަތުވެއްޖެ، އޭގެ ތެރޭގައި ގިނަ ހެޔޮ ބަދަލު ކުދިކުދި ކަންކަން ނޫނީ،" މުސްތޮފާ ވިދާޅުވި އެވެ.

ޓޫރިޒަމް ވިޔަފާރީގައި ޓޫރިޒަމް ޓެކްސްގެ ގޮތު ބައި މިލިއަން ޑޮލަރު އަދި ޖެނެރަލް ޓެކްސްގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ސަރުކާރަށް ދައްކާ މާފުށީ ޓޫރިޒަމްގައި ކުރިއަރައިގެންދާއިރު ދިމާވަމުން އައި ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިފައި ވީނަމަ ވެސް މިއަދުވެސް ހައްލު ވާންޖެހޭ ވަރަށް ގިނަ ކަންކަން މާފުށީގައި އެބަހުއްޓެވެ. އެކަންކަން މިރަށުގެ ވިޔަފާރީގައި ތިބި މިރަށުގެ މީހުންނާއި އިންވެސްޓްކޮށްގެން ތިބި ރަށުން ބޭރުގެ މީހުން ވެސް ގަބޫލް ކުރެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ބަނދަރު ތަރައްގީވެގެން އައުމާއި ވޭސްޓް މެނޭޖްމެންޓްގެ ނިޒާމު ހަރުދަނާވެގެން އައުން ހިމެނެ އެވެ.

"މާފުށީގައި މި ވިޔަފާރި ފެށުމާއެކު ދިމާވި މައްސަލަތަކުގެ ތެރެއިނ 50 ޕަސެންޓް މައްސަލަ މިހާރު ވަނީ ކަވަރުވެ ހައްލު ވެފައި. އެގެ ތެރޭ ފެނުގެ ނިޒާމާއި ނަރުދަމާ އާއި ކަރަންޓް ގެ ނިޒާމް މި ވަނީ ގައިމެވެފައި ބޭންކިން ނިޒާމް އެބައޮތް. އެކަމަކު މިހާރު އޮތް ގޮންޖެހުމަކީ 750 އަކަފޫޓްގެ ފޫޓްގެ ބަނދަރުން މާފުއްޓަށް ނުފުދުން. މާފުއްޓަށް މިހާރު 1500 އަކަފޫޓްގެ ބަނދަރެއް ޒަމާނެއް ފެންވަރުގައި އެބަ ބޭނުންވޭ،" މިރަށުގެ ވިޔަފާރިވެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަނެއް ކަމަކީ އެއްވެސް ޕްލޭނެއް ނެތި ޓޫރިޒަމް ތަރައްގީވަމުން ދިއުމެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.

"ހުރިހާ ކަމެއް އޮޓޯއިން އައިސް ތަރައްގީވެގެން ދިޔައީ. އެކަމަކު އެކަން ކަމަށް އެކަށީގެންވާ ޕްލޭނެއް މިހާތަނަށް ވެސް ހެދިފައި ނެތުމުން އޭގެ ނުރަގަޅު ނަތީޖާތައް ވެސް ފެންނަން ފަށާނެ، އެކަން މިހާރުވެސް އިހުސާސްވަމުން ދަނީ،" އޭނާ ބުންޏެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ބަނދަރުގެ މައްސަލަ އާއި މަގުތަކުގެ މައްސަލަ އާއި ކުނީގެ މައްސަލަ އަދި ޓޫރިޒަމްގެ ޕްލޭނެއްގެ މަސައްކަތް އިފެކްޓިވް ގޮތަކަށްދޭތޯ ބަލަން ކުރަންޖެހޭ ކަންކަންދަނީ ކުރަމުންނެވެ. އެހެން ނަމަވެސް އެކަންކަން މިހާތަނަށް އަދި ކާމިޔާބު ނުބެ އޮތީ އެވެ.

"ބަނދަރު ކަންތަކުގައި ވެސް ކުރިޔަށް އެބަދެވޭ، ތެދެއް، މަގުތައް ހުރީ ރަނގަޅަށް ނޫން. ދުއްވާތަކެތި އެހާ ގިނަ! އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ރޯޑް ކޯޕަރޭޝަނާއެކު މަގު ހެދުމުގެ ފަސްހަރުގެ ޕްރޮޖެކްޓަކަށް ވެސް، އަނެއްކޮޅުން ޓޫރިޒަމްގެ ރަނގަޅު ދުރު މުސްތަގުބަލްގެ ޕްލޭނަކަށް ދާން ކުރާ މަސައްކަތްވެސް މިދަނީ ކުރަމުން،" މުސްތޮފާ ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައަކ ކުންޏެވެ. ޓޫރިސްޓް މި މަންޒިލުގައި ރޭގަނޑު ވެސް ދުވާލުވެސް ކުނި އަންދާ މަންޒަރު ފެނެ އެވެ. އަދި ގާތްގަނޑަކަށް ވެރިރަށް މާލެއާ ގާތް ކުރާ އަދަދަކަށް މިރަށުގައި މިހާރު ކުނި އުފެދެ އެވެ. ސަބަބަކީ ޓޫރިސްޓް ގެސްޓް ހައުސްތައް ގިނަވެ މުޅީން ރަށް ރިސޯޓަކަށް ބަދަލުވެފައިވާތީ އެވެ.

ރަށުތެރޭގައި ޑަސްބިންތަކެއް ބަހައްޓައި ކުނި އެންދުން ރޭގަނޑު 8:00 ގެ ފަހަށް އޮތް ނަމަވެސް ކުނި މެނޭޖް ކުރުމުގައި ރަނަގަޅު ނިޒާމެއް ނެތެވެ. ގޮނޑުރޯކޮށްލާފައި އޮންނާތީ ބޯ ދުންގަނޑު ރަށުގެ ތެރެއަށް ދެމިގެން ފައި އޮވެއެވެ. އެހެން ކަމުން މި ރަށުގައި ޓޫރިސްޓުންނަށް އޮތް ހިތްގައިމު ކަމަށް އޭގެ ސަބަބުން ހުރަސް އެޅެ އެވެ.