މާފުށިން

ވައިފީނަން އަހަރެމެނަށް ލިބުނު 15 މިނެޓް!

މާފުއްޓަށް އައިސް ވައިކުޑައެއްގައި އެތައް ސަތޭކަ މީޓަރެއް މައްޗަށް އަރަން ހިޔާލު ދިނީމެވެ. އެކަމަކު އެކަން ކުރަންޖެހޭ އެކަކަށް އަހަރެން މިހިރަ ފަލަ މީހާ ވުމުން ފުރަތަމަ ވެސް ހިތް ބިރުގަނެ ނުތަނަވަސްވި އެވެ. އެތައް ސަތޭކަ ފޫޓެއް މަތިން ވައިގެ ތެރޭގައި އުދުހިލެވޭނެ "ޕެރަސައިލި"ން އާ ބެހޭ ސުވާލު ހިތައް އަރާ ފައިބައިގަތެވެ. ވައިކުޑައަކަށް އަހަރެން ކަހަލަ މީހަކު އުފުލާލައިގެން ވައިގެތެރެއަށް ގެންދެވޭނެ ބާ އެވެ؟ ނޫނީ ބަރުކަމުން ވައިގެ ތެރޭގައި އަހަންނާ ވައިކުޑަ ވަކިވެ ޖައްވުގެ ތެރެއަށް އަހަރެން ބެހިގެންދާނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ގެސްޓް ހައުސްތަކުގެ ސުވަރުގެ ގޮތުގައި މަޝްހޫރުވެފައި އޮތް މި ރަށުގެ ވޯޓާ ސްޕޯޓްސް އެންޑް ޑައިވިން ސެންޓަރަށް ގޮސް ޕެރަސެއިލިންއަށް ފައިސާ ދެއްކިޖެ އެވެ. އުދުހެން އަހަންނަށް އެބަޖެހެ އެވެ. ނުތަނަވަސްކަމާއެކުވެސް މި ޓާސްކް ފުރިހަމަ ކުރަންޖެހެ އެވެ.

އަހަރެމެނާއެކު މި ރަށުގައި ޓޫރިސްޓުންގެ ވަރަށް ގިނަ ބަޔަކު ވެސް ޕެރަސައިލިން އަށް ފައިސާ ދައްކައި އޮތީ ބުކިންސް ހަދައިފަ އެވެ. އަހަރުމެންގެ ކުރިއަށް ވެސް 10 މީހަކު ނަންނޯޓް ކޮށްފައި އޮތެވެ.

ބަލަން ތިއްބާ އެއް ބަޔަކު ވައިގެ ތެރެއަށް އެއޮއް ނައްޓާލީ އެވެ. އަހަރުމެނާ ޖެހުނީ ބައިގަޑިއިރެއްހާ ފަހުންނެވެ. އަހަރެން ބިރުން ހުއްޓަސް އެކުވެރި ނޫސްވެރިޔާ އަފުރާ ހީވަނީ މިހާރު ވެސް އުދުހޭ ހެނެވެ. "ޕެރަސައިލިން" އަށް ހާއްސަ ލޯންޗްގައި އަފްރާ އާއި އަހަރެންގެ އިތުރަށް ސިންގަޕޫރުގެ ދެމަފިރިންނާއި ޔޫރަޕްގެ ދެމަފިރިއަކު ޕެރަސައިލިންގެ ތަޖުރިބާ އަށް ތިބީ ކެތްމަދުވެފަ އެވެ.

"މިއީ އަހަރެމެން ދެމަފިރިންގެ ހަޔާތުގައި ކޮންމެހެން ކުރަން ބޭނުންވެފައި އޮތް ކަމެއް. ދުނިޔެމަތީގެ ސުވަރު ގޭގެ ރީތިކަން އޭގެ މަތިން ބަލައިލުން،" ސްކޮޓްލެންޑަށް ނިސްބަތްވާ، 70 ގެ އަހަރުތައް ގުނަމުން އަންނަ ދެމަފިރިން އެމީހުންގެ އެކްސައިޓްމަންޓްތައް ބަންޑުން ކޮށްލި އެވެ.

މާފުށީ ފަޅުން ލޯންޗް ނުކުމެ، ކުޑަތަން ކޮޅަކަށް ދުއްވާލުމަށް ފަހު، ދަތުރުގެ ޓްއަގައިޑް އަހަރުމެން ގޮވައިގެން ޕެރަސެއިލިންގެ ތަފާތު ތަޖުރިބާތަކެއްގެ ތެރެއަށް ވައްދާލި އެވެ. ޕެރަސައިލިންގެ ހިތްގައިމު މަންޒަރުތަކާއި ބޭނުންވާހާ ޗާލު ފޮޓޯ ހޯދޭނެ ކަމުގެ ޔަގީންކަން ޓްއަގައިޑް އެންމެންނަށް ވެސް ދިނެވެ. ނައްޓާލުމުގެ ކުރިން އެންމެންނަށް ވެސް ލައިފް ޖެކެޓް އަޅުވައި، ހާއްސަ ބެލްޓެއް ވެސް އުނަގަނޑުގައި ހަރުކުރި އެވެ. ނައްޓާލާ އިރު ދެފައި ދަމާލައިގެން ތިބެން ޖެހޭ އިރު ވަކި ހިސާބަކަށް މައްޗަށް އެރުމުން، ދެފައި ކުޑަކޮށް ލަންބާލައިގެން ތިބެން އިރުޝާދު ދިނެވެ.

"ގާތްގަނޑަކަށް 120 މީޓަރު މައްޗަށް އުހަށް އެރޭނެ. މިއީ ތަފާތު ތަޖުރިބާއަކަށް ވާނެ. މިއަދުގެ މޫސުން ވެސް ވަރަށް ރަނގަޅު،" އަހަރުމެންގެ ތަދުރުގެ ޓްއަ ގައިޑް ޕެރަސައިލިން ތައާރަފްކޮށްދީ ނިންމާލި އެވެ. އަދި އެންމެ ފުރަތަމަ ވައިގެ ތެރޭގައި އުދުހިލާ ފިނާލަން ދާން ބޭނުމީ ކޮންބައެއްތޯ ސުވާލުކުރި އެވެ. އަމިއްލައަށް ވޮލަންޓިއާ ކޮށްގެން އެންމެ ފުރަތަމަ ވެސް ވައިކުޑަގައިގާ އުދުހިގަތީ ސްކޮޓްލޭންޑްގެ ދުވަސްވީ ދެމަފިރިންނެވެ. އަހަރުމެންގެ ވައި ފީނުން އޮތީ އެންމެ ފަހުންނެވެ.

ގާތްގަނޑަކަށް 15 މިނެޓް މަތީގައި މަޑުކޮށްލުމަށް ފަހު މުސްކުޅި ދެމަފިރިން އެނބުރި ލޯންޗަށް ފައިބައިފި އެވެ. ޒުވާން ފުރައިގެ ސިންގަޕޫރު ދެމަފިރިންގެ ދަތުރު ވެސް ނިމިއްޖެ އެވެ. އެ މީހުން ބުނަނީ ލޯންޗަށް އެނބުރި އަންނަން ބޭނުން ނޫން ކަމަށެވެ. ޖައްވުގައި އަދި އެތައް އިރެއް ހޭދަރަން އެ މީހުން ތިބީ ބޭނުންވެފަ އެވެ. އެމީހުންނަށް އަދި މިވަރުގެ ހިތްހަމަ ޖެހުން ލިބޭނެ ކަހަލަ ތަޖުރިބާއެއް ކުރިހެން ހިއެއް ނުވެ އެވެ.

"މިއީ މުޅި މީހާ ތާޒާ ކޮށްލަދިން ކަމެއް. އެންމެ ތާޒާ ވައިރޯޅި ރީތި މަންޒަރުތައް. މިވަރުގެ ހިތްގައިމު މަންޒަރެއް އަދި ނުދެކެން. ފެހިކަމުން އާރޯވެފައިވާ ރީތި ރަށްތަކެއް. ނޫކުލައި ސާފު މޫދެއް. އަރާމު ވައިރޯޅިތަކެއް. އެހެން މަތީގައި އޮވެލަން އަހަރެން އަދިވެސް ބޭނުން. ކެމެރާ ހިފައިން ދާތި!،" ސްކޮޓްލެންޑަށް ނިސްބަތްވާ ޓޫރިސްޓް މީހާ ތަޖުރިބާ ހިއްސާކުރި އެވެ. ދެން މި އޮތީ މަށާއި އަފްރާގެ ބުރެ އެވެ.

އަފްރާއަށް މީ އާ ކަމެއް ނޫނެވެ. ރާއްޖޭގެ ހިތްގައިމު ޖައްވުގެ ތެރޭގައި މީގެ އަހަރެއްހާ ދުވަސްކުރިން ހަމަ މިކަހަލަ ވައިކުޑައެއްގައި އޭނާ އޮތީ އުދުހިފަ އެވެ. ލޯންޗްގެ ފަހަތުގައި ވިހުރުވާލާފައި އޮތް ބޮޑު ސިންގާނަ ވައިކުޑައިގައި އަހަރުމެން ދެ މީހުން އެލުވާލަން ލޯންޗްގެ ކްރޫއިންނަށް އުނދަގޫ ކަމަކަށް ނުވި އެވެ. އަހަރުމެން ދެމީހުން ވައިކުޑައިގައި ބަނދެލައި ރަނގަޅަށް ހައްޔަރުކޮށްލަން މިނެޓެއް ވެސް ނުގަ އެވެ.

"މިހާރު ތިހިރީ ބަރާބަރަށް! މިތަނުގައި އިށީނދޭ!" ލޯންޗްގެ ފަހަތުގައި އޮތް ހުސްތަނުގައި އަހަރުމެން ދެ މީހުން ބައިތިއްބައިފި އެވެ. އިރުކޮޅެއް ނުވެ، ޖެހެމުން އައި ވައިގައި ވައިކުޑަ މައްޗަށް އަރަން ފަށައިފި އެވެ. އަސްލު އަހަރެން އިނީ ވަރަށް ބިރުންނެވެ. ލޯންޗާއި ވައިކުޑަ އައްސާފައި ހުރި ވާގަނޑު މަޑުން މަޑުން މައްޗަށް ދޫކުރަމުން ދިޔަ ވަރަކަށް ވައިކުޑަ މައްޗަށް އަރަމުން އައީ އަހަރުމެން ދެ މީހުން ގޮވައިގެންނެވެ.

މައްޗަށް އަރައި ހަމަޖެހިލުމުން ހަފަރާތް ރަނގަޅަށް ބަލައިލީ މެވެ. މެއިގަނޑު އަތަށް އަންނަހާ ވަރަށް ހިތުގައި އޮތް ބިރުވެރިކަން އެކީ ފިލައި މިހާރު ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވިއްޖެ އެވެ.

މާފުށީގެ ބޭރުން ވައިކުޑައިގައި އަހަރުމެންނާ އެކު ލޯންޗް ދުއްވަމުން އައި އިރު ވަށައިގެން ފެންނަނީ މުތީތަކެއްހެން ކަނޑުމެދުން އުފުލިފައި އޮތް ދެތިން ރަށެކެވެ. ކުރިމަތިން ފެންނަނީ ފެހިކަން ގަދަ ހިތްގައިމު މާފުއްޓެވެ. އަތުގައި ހިފަހައްޓައިގެން އޮތް ވައިކުޑައިގެ ވާގަނޑުން ވެސް ދޫކޮށްލައި ގޯޕްރޯ އަތަށް ހެޔޮވަރުކޮށްލައި ރަނގަޅު ސެލްފީއެއް ވެސް ކަނޑާލައިފީ މެވެ. އިންސްޓްގްރާމަށް ލާން ބޭނުންވާ ހެޔޮވަރުގެ ދެތިން ކަނޑު ފޮޓޯވެސް އަތުލައިފީމެވެ. މިހާރު ހިތްހަމަ ޖެހިއްޖެ އެވެ. ހަމަ އަސްލު ވެސް ބޭނުންވަނީ އެހާ ހިސާބުގައި އޮވެ ނިދާލާށެވެ.

އެކަމަކު އެއްކަލަ 15 މިނެޓްގެ ހިތްގައިމު ވަގުތުކޮޅަށް ނިމުން އަންނަން މާ ގިނައިރެއް ނުނެގި އެވެ. މަޑުމަޑުން ވައިކުޑަ ތިރިކުރަން ފަށައިފި އެވެ. މަޑުން މަޑުން އައިސް ނައްޓާލި ހިސާބުގައި ލޯންޗްގެ ފަހަތުގައި އަހަރުމެންގެ ފައި ޖެހިއްޖެ އެވެ. މީގެ ކުރިން ހުރި އެއްވެސް ހާސްކަމެއް ނެތެވެ. އަދިވެސް ބޭނުންވީ އެއްފަހަރު މައްޗަށް އަރައި އުދުހިލާށެވެ. ކުރާނީ ކީއްހެއްޔެވެ؟ އެކަމަކު ދެނެއް އަވަހަކަށް އެ ފުރުސަތު ލިބޭނެހެއްނެއް ހިއެއް ނުވެ އެވެ. އެކަމަކު މިއީ ހަޔާތުގައި ކޮންމެވެސް ހިސާބެއްގައި ތަޖުރިބާ ނުކޮށް ދޫކޮށްލާވަރުގެ ކުޅިވަރެއް ނޫނެވެ. ބިޒީ ޝެޑިއުލް އާއި ބޭކާރު ވާހަކަތަކުން ފުރި ބެދިފައި އޮންނަ ހަޔާތައް ތާޒާކަމާއި ހިތްހަމަ ޖެހުން އަދި މިނިވަން ކަމުގެ އިހުސާސް ގެނެސްދިނީ ޕެރަސެއިލިންނެވެ.