މާފުށިން

މިއީ ލޯކަލް ޓޫރިޒަމްގެ އެންމެ ހައިރާން ކުރުވާނެ މޮޑެލް!

ދުނިޔޭގެ އެކި ގައުމުތަކުގައި ޓޫރިޒަމްގެ އެތައް ސަތޭކަ މޮޑެލްއެއް އަންނަނީ ތަޖުރިބާ ކުރަމުންނެވެ. ކޮންމެ އަހަރަކު އެތައް މިތަނަށް ދަތުރުކުރާ އެތައް ހާސް ޓޫރިސްޓުންނެއް އެ މީހުންގެ މަންޒިލް ކޮންމެވެސް ގޮޅިއަކަށް ލާ ފައްތާލާނެ އެވެ. މިކަމާ ހުރެ، ރާއްޖެ މަޝްހޫރުވެފައި މި އޮތީ އެންމެ ލަގްޒަރީ ނޫނީ އެންމެ އަގު ބޮޑު އެއް މަންޒިލްގެ ގޮތުގަ އެވެ. އެކަމަކު މާލެއާ އެންމެ 15 ވަރަކަށް މޭލު ދުރުގައި މި އޮތް 1،000 އަކަފޫޓްގެ މާފުށްޓަށް ޒިޔާރަތް ކޮށްފިއްޔާ އަގު ބޮޑު އަދި މުއްސަދި ޓޫރިޒަމްގެ ނަން އެކީ ހަނދާން ނެތިދާނެ އެވެ.

މާފުށީގައި މީހުން ދިރިއުޅޭ ގެތަކަށް ވުރެ ގެސްޓް ހައުސް ގިނަ އިރު، އަޖައިބަކީ މި އައި ގެސްޓް ހައުސްއެއްގެ ރޯޅިއެއްގައި ޖެހި، "ލޯކަލް ޓޫރިޒަމް"ގެ ކޮންސެޕްޓް އެކީ މިއޮތީ ކިލަބުކޮށްލައިފަ އެވެ. މާލޭގެ ނަން މަޝްހޫރު ބައެއް ވިޔަފާރިވެރިން ވެސް އެ މާކެޓްގެ ތެރޭގައި ވަކި ހިއްޕާލައި މުޅި ކޮންސެޕްޓް މިހާރު އަރަގުވެ ގެބިގެން ގޮސްފައި މި އޮތީ ބުރިބުރިއަށް ޒަމާނީ ފެންވަރަށް ހަމަ ސީދާ އެކުލަޔާއި ރަހައިގައި ހެދޭ ގެސްޓް ހައުސްތަކުގެ ތެރޭގަ އެވެ. އަޖައިބަކީ މި އޮތް ކިލަބު ކޮންސެޕްޓާ އެކުވެސް ޓޫރިސްޓުންގެ ހިތްތައް މާފުއްޓަށް ދަމައިގެންފައިވާތީ އެވެ.

މާފުށި ތަފާތަކީ ކޮބާ؟

ލޯކަލް ޓޫރިޒަމްގެ ފެށުމަކީ އަމިއްލަ މީހުންގެ ގޭގެއަށް ގެންނަ ކުޑަ ބަދަލަކުން، ދިވެހިންގެ ސާދާ ދިރިއުޅުން ގެއްލިގެން ނުދާނެ ގޮތަށް ގެސްޓް ހައުސްތަކެއް ތައްޔާރުކޮށް އެ ހިދުމަތް ޓޫރިސްޓުންނަށް ފުޅާކުރުމެވެ. އެކަމަކު މާފުށި މި އޮތީ އެބުނާ ފެންވަރަށް ވުރެ މާމަތީގަ އެވެ. މާފުށީގައި މިހާރު ބުރިބުރިއަށް ހިތްލައިލާ ގެސްޓް ހައުސްތަކުގައި އެ ހުރީކީ މި ބުނާ ލޯކަލް ޓޫރިޒަމަށް ފެތޭ ގޮތަށް ހުރި ތަންތަނެއް ނޫނެވެ. ހަގީގަތުގައި ދިވެހި ރަހަތައް ނޫނީ ރަށްފުށުގެ ރަހަޔަށް ވުރެ އެތަންތަނުގައި އެ ހުރީ މާބޮޑަށް އެންމެ ޒަމާނީ އިންޓީރިއާގެ ކުލަތަކާއި ރަހަތައް މާ ބޮޑަށް ވެސް ޖެހިފަ އެވެ. އަގަށް ބަލާ އިރުވެސް، މާފުށީ ގެސްޓް ހައުސްގެ ރޭންޖް މިހާރު އުފުލެމުން އެ ދަނީ މި ބުނާ ލޯކަލް ޓޫރިޒަމާ ހަމަޔަކަށް ނޫނެވެ. އެކަމަކު ހައިރާން ކަމަކީ، ޒަމާނީ ގޮތަށް މިހަދާލެވޭ ގެސްޓް ހައުސްތަކާ އެކުވެސް މާފުށްޓަށް މި އޮންނަ ޓޫރިސްޓުންގެ ލޯބި ފަޑުވެގެނެއް ނުދެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟

އެ ރަށުގައި ހުރި އެންމެ ޒަމާނީ އެއް ގެސްޓް ހައުސް. ސިލްވަ ސޭންޑްސްގެ މެނޭޖަރު ފަރުހާން އަބްދުﷲ ވިދާޅުވަނީ ގެސްޓް ހައުސްތައް ކޮންމެ ސިފައެއްގައި ހުއްޓަސް ރަށުތެރެއިން އެ މީހުން ބޭނުންވާ، ރަށު ތެރޭގެ ފީލް ނޫނީ އެ ޓޭސްޓް ލިބެ އެވެ. އަދި މުޅި ކޮންސެޕްޓް ބަދަލުވުމާ އެކު އެ ރަށަށް ގިނައިން އަންނަނީ ވެސް، އެންމެ ލޯ ބަޖެޓްގެ ޓޫރިސްޓުން ނޫންކަން ފަރުހާން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި މާފުއްޓަށް މި އަންނަނީ ރަޝިޔާ ސިންގަޕޫރު އަދި މެލޭޝިޔާ ހިސާބުގެ ޓޫރިސްޓުންނެވެ. މިއީ އެންމެ ލޯ ބަޖެޓްގެ ޓޫރިސްޓުންނެއް ނޫނެވެ.

"މި މާކެޓް ބަދަލުވާ ވަރަކަށް، އެބަ މިތަންތަނަށް އަންނަ ޓޫރިސްޓުން ވެސް އެބަ ބަދަލުވޭ. މިހެން އަދި ގެސްޓް ހައުސްތައް ހެދުމަކީ ޓޫރިސްޓުން ނައުމަށް އޮންނަ ހުރަހެއް ނޫން. ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ އޮކިއުޕަންސީ އަކަށް ބަދަލެއް ނާދޭ. އަސްލު މި އަންނަނީ އެންމެ ލަގްޒަރީއަށް ވުރެ ބޮޑަށް ސެމީ ލަގްޒަރީ އަދި މިޑް މާކެޓް މީހުން. އެ މީހުންނަށް މި އެބަ ކަމުދޭ،" ފަރުހާން ވިދާޅުވި އެވެ. "މިތަނުން އެބަ ލިބޭ އެ މީހުން ބޭނުންވާ ހުރިހާ ކަމެއް. އެ މީހުންގެ ޓޭސްޓްގައި އެ މީހުންނަށް ކަމުދާ ކަންކަން މި ލިބެނީ،"

އާންމުކޮށް ލޯކަލް ޓޫރިޒަމް ފެތުރި ފައްކާވަމުން އަންނަ ރަށްރަށުގައި ވަރުގަދަ ގެސްޓް ހައުސްތަކުގެ ބަދަލުގައި ކުޑަ ހަރަދަކުން މީހުން ދިރިއުޅޭ ގޭގެ ގެސްޓުންނަށް ހިދުމަތްދެވޭ ފެންވަރަކަށް ބަދަލުކޮށްލަނީ އެވެ. އެކަން ކުރަނީ ވެސް އަމިއްލަ ރަށުގައި ދިރިއުޅޭ އެ ރަށުގެ ރަށްވެހިންނެވެ. މާފުށީގެ ތަފާތަކީ މާލޭގެ ބޮޑެތި ވިޔަފާރިތައް ވެސް އެ މާކެޓްގެ ތެރެއަށް މިހާރު ފައިހަރު ކުރުމެވެ. އެއާ އެކު އެ ވިޔަފާރީގެ މިސްރާބު މިހިރީ ހިފާފައި މުޅިން އެހެން ދިމާލަކަށެވެ.

މި ވިޔަފާރިއަށް ބިރު އޮތީ ކިހާވަރަކަށް؟

މާފުށީގައި ލޯކަލް ޓޫރިޒަމްގެ އަސްލު ނެތިގޮސް މި އަންނަނީ މަރުވަމުންނެވެ. އެ ރަށުގެ ކައުންސިލަރު މުހައްމަދު މުސްތޮފާ ވިދާޅުވަނީ ރަށު މީހުންނަށް ވުރެ ބޭރުން އަންނަ މީހުން ގެސްޓްހައުސްތައް ހެދުމުގެ ފޯރި މިހާރު އެ ރަށުގައި ގަދަވަމުން އަންނަ ކަމަށެވެ. އެ މާކެޓަށް ވަރަށް ގަދަޔަށް އެ މީހުން އަތްގަދަ ކުރަމުން އަންނަތަން އެބަ ފެނެ އެވެ. ނަތީޖާއަކަށް މި ވަނީ ކުޑަވަރެއްގެ މެދުފަންތީގެ ރިސޯޓަކަށް މުޅި މާފުށި ބަދަލުވުމެވެ. މުސްތޮފާ ވިދާޅުވަނީ ގެސްޓްހައުސް ފައްކާ ކުރަން ރަށުގެ ގޯތި ދޫކޮށް، މާލެއަށް ބަދަލުވަމުން އަންނަ މާފުށީ މީހުން މިހާރު ގިނަވަމުން އަންނަ ކަމަށެވެ. އެއާ އެކު މުޅި ކޮންސެޕްޓް މި ވަނީ އިންގިލާބަކަށް މިސްރާބު ޖަހައިފަ އެވެ.

އެކަމަކު ލޯކަލް ޓޫރިޒަމްގެ ކޮންސެޕްޓް ގެއްލިގެންދާ ކަމަށް މުސްތޮފާ ގަބޫލެއް ނުކުރައްވަ އެވެ. މުސްތޮފާ ގަބޫލު ކުރައްވާ ގޮތުގައި، އެ ރަށުގެ ގެސްޓްހައުސްގެ ޓޫރިޒަމް އެދަނީ މިހާރު ރަނގަޅު ދިމާލަކަށެވެ. ޒަމާނީ ކުރިއެރުމާ އެކު ބަދަލުތަކެއް ވެސް އަންނާނެ ކަމަށް މުސްތޮފާ ގަބޫލު ކުރައްވަ އެވެ. އެއީ އަދި މުޅި ރަށުގެ ގެސްޓް ހައުސް ޓޫރިޒަމް ކިލަބުކޮށްލާނެ ކަމެއް ނޫނެވެ. އެކަމަކު އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުން ގެސްޓް ހައުސްތައް ހެދުމާއި އެކަމާ ގުޅޭ ހަރުދަނާ ގަވާއިދުތަކެއް އަންނަން ޖެހެ އެވެ. އެ ރަށުގައި ޒަމާނީ ގެސްޓް ހައުސްތަކެއް ތަރައްގީ ވުމުން ރަށުގެ ރައްޔިތުންނަށް އޭގެން ކުރާ ފައިދާއަށް ފަޑުވުމެއް ނެތެވެ.

މުސްތޮފާ ވިދާޅުވާ ގޮތުން މާފުށީގައި ބިމުގެ އަގު އެވަނީ ރަނަށް ވެފަ އެވެ. ބިމެއް މާފުށީގައި ކުއްޔަށް އެ ދަނީ ގާތްގަނޑަކަށް މަހަކަށް 50،000ރ. އާ އެއްވަރުގެ އަގުތަކެއްގަ އެވެ. އެހެން ވީމާ އަދި ބޮޑެތި ވިޔަފާރިވެރިން އައިސް އިންވެސްޓް ކުރުމަކީ އޭނާ ދެކޭ ގޮތުގައި މައްސަލައެއް ނޫނެވެ. ބުރިބުރިއަށް ހުޅުވާލައި ގެސްޓް ހައުސްތަކުން ވެސް ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވެނީ އެވެ.

"މި ކޮންސެޕްޓް މިގޮތަށް ތަރައްގީވަމުން އަޔަކަށް އޭގައި ނުފެނޭ ގެއްލުންތަކެއް އޮތްހެނެއް. މި ރަށުގެ ކުދިންނަށް އެބަ ލިބޭ ކޮންމެ ގެސްޓް ހައުސްއަކާ އެކު ބައިވަރު ވަޒީފާ. އަނެއްކާ މީހުންގެ ބިންތައް ބޮޑު އަގުގައި ކުއްޔަށް މިނަގަނީ. އެހެން ވީމާ މިފެންނަނީ މުޅި ރަށަށް ޓޫރިޒަމްގެ ފައިދާ ބެހިގެންދާތަން. މިއީ ވަކި ބަޔަކަށް ނޫން މި ފައިދާ ބެހިގެން މި އަންނަނީކީ. އަދި މި ދަނީ ރަނގަޅު މިސްރާބަކަށޭ މިދަނީ. އެކަމަކު މިހެން ފުޅާވަމުން އަންނަ އިރު ރަނގަޅު ގަވާއިދުތަކެއް އުސޫލުތަކެއް މިވިޔަފާރިއަށް ކަނޑައެޅުން މުހިންމު ކަންނޭގެ،" މުސްތަފާ ވިދާޅުވި އެވެ.

މާފުއްޓަށްކީ ބްރޭންޑެއް ނަމޫނާއެއް!

މާފުށްޓަކީ ޑޮލަރު ވަޅެކެވެ. މިއީ އެ ރަށަށް ބައެއް މީހުން މިސާލު ޖަހާގޮތެވެ. އެ ރަށުގެ ބޭންކަށް އެންމެ ގިނައިން ވަންނަނީ ވެސް ދިވެހި ރުފިޔާއަށް ވުރެ ޑޮލަރުން ވަންނަ ފައިސާ އެވެ. އެހެން ވީމާ މާފުށި މި ވަނީ ޓޫރިޒަމްގެ ފައިދާ އެންމެ ރަނގަޅަށް ނަގާ ރައްޔިތުން ތިބި ނަމޫނާ ރަށަކަށެވެ. ތަރައްގީވެ ފައްކާވަމުން އަންނަ ޒަމާނީ ޓޫރިޒަމްގެ ކޮންސެޕްޓާ އެކުވެސް އެ ރަށަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ހަމަ ކުޑަ ނަމަވެސް ބަދަލެއް ނާންނަނީ ކީއްވެ ހެއްޔެވެ؟

އެންމެ ގިނައިން މެލޭޝިޔާ އަދި ސިންގަޕޫރު ހިސާބުން އެ ރަށަށް ޓޫރިސްޓުން ގެންނަ ޓްރެވަލް އެޖެންޓަކު ބުނީ އެ ރަށަށް ޓޫރިސްޓުން އަންނަ ނިސްބަތަކަށް އެއްވެސް ބަދަލެއް ނައިސް އޮތުމުގެ ސިއްރަކީ އެ ރަށް ލޯކަލް ޓޫރިޒަމްގެ ހަބެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް އޮތުން ކަމަށް އޭނާ ފާހަގަ ކުުރި އެވެ. މެދުފަންތީގެ ރިސޯޓަކުން ކުރެވޭ އިހުސާސްއާ އެކު އެ ރަށުން ރަށްފުށުގެ މީހުންގެ ދިރިއުޅުން ތަޖުރިބާ ކޮށްލަން ފުރުސަތު ލިބޭ އެންމެ ހިތްފަސޭހަ ރަށުގެ ގޮތުގައި މަޝްހޫރު ވަނީ މާފުށި ކަމަށް އޭނާ ބުންޏެވެ. އެހެން ވީމާ މިއީ ބަޖެޓް ޓޫރިސްޓުން އަދި ރަށްފުށުގެ ޓޫރިޒަމަށް ލޯބި ކުރާ ޓޫރިސްޓުންގެ އެއް ނަމްބަރު ބްރޭންޑް ކަމަށް އޭނާ ބުންޏެވެ. މާފުށީގެ ކޮންސެޕްޓަށް ޒަމާނީ ކުލަތަކާ އެކު އޮފް އަރަމުން އަންނަ އިރު އެ ރަށަށް ޓޫރިސްޓުން ހިތް ދޫވުމުގެ މައިގަނޑު ސަބަބަކީ މި އެވެ. މިއީ ނަމޫނާ ޓޫރިޒަމެއް އޮތް ރަށެކެވެ. ޓޫރިޒަމާ ގުޅޭ ރަނގަޅު ފެންވަރުގެ ދިރާސާއަކަށް ހަމަ މާފުށިވަރެއް ނެތެވެ. މި މާކެޓް ދިރާސާކޮށްލުމުން އޭގެން ހޯދިދާނެ ނަތީޖާތައް ވަރަށް ވެސް ގިނަވާނެ އެވެ.