މާފުށިން

ވޯޓާ ސްޕޯޓްސްގެ އެންމެ ކުރީގައި މާފުށި!

  • މާފުށީގައި މޫދު ކުޅިވަރުތަކުގެ އަގު ހެޔޮ
  • މޫދު ކުޅިވަރުގެ ހިދުމަތްދޭ ތަންތަނުގެ ވާދަވެރިކަން ބޮޑު
  • ގިނަ ޓޫރިސްޓުން މޫދު ކުޅިވަރުތަކަށް ޝައުގުވެރިވޭ

އަވަސްގެ ނޫސްވެރިން މިތިބީ މާފުށީގެ ހިތްގައިމު މާހައުލުގެ ތެރެއަށް ގެނބިލައި މަންޒަރު ބަލާށެވެ؛ މިހެން ތިބެ ބަލައިލާއިރު މިހާރު މިރަށް، ހާއްސަވަނީ ހަމައެކަނި ގެސްޓް ހައުސްތަކުން ފުރިފައިވާ "ގެސްޓް ހައުސް އައިލެންޑް" ގެ ގޮތުގައެއް ނޫނެވެ. މި ވިޔަފާރިއާ ގުޅޭ ގިނަ ވިޔަފާރިތަކެއް ވެސް މިރަށަށް ވަނީ ފެތުރިގެންފަ އެވެ. އެންމެ ފުޅާވެ މި ރަށުގައި ކުރިއަރައިގެން ގޮސްފައި ވަނީ މޫދު ކުޅިވަރެވެ. މޫދު ކުޅިވަރުގެ ހަރަކާތް ފުޅާވެގެން ގޮސްފައިވާވަރުން މިހާރު މިރަށް ސިފަވަނީ މޫދު ކުޅިވަރުގެ ހަބެއްގެ ގޮތުގަ އެވެ. ވަރަށް ހަރަކާތްތެރި އެވެ. ވަރަށް ފުރިހަމަ އެވެ.

"މިހާރު މި ރަށުން ޓޫރިސްޓުންނަށް ލިބޭނެ ލިބޭ މޫދު ކުޅިވަރުގެ ހުރިހާ ހިދުމަތެއް އެންމެ މަތީ ލެވެލްގައި،" މިރަށުގައި ހިންގާ އެންމެ ބޮޑު އެއް ވޯޓާ ސްޕޯޓްސް ސެންޓަރު، އެކްޓިވް ވޯޓާ ސްޕޯޓްސް ގެ މުވައްޒަފަކު ބުންޏެވެ.

މި ރަށުގައި ހިންގާ މޫދު ކުޅިވަރުތަކުގެ ބައެއް ހަރަކާތަކާއެކު އަވަސްގެ ނޫސްވެރިން ވަގުތު ހޭދަކުރި އެވެ. ގިނަ އަދަދެއްގެ "މޫދު ޒުވާނުން" ނާއި "ރާޅު ބޯއީސް" ތައް ސާމިލުވާ މޫދު ކުޅިވަރުތަކުގައި އެ މީހުން ދަނީ މިރަށަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް ހުނަރު ދައްކަމުންނެވެ. އަވަސްގެ ނޫސްވެރިން ވެސް އެމީހުންގެ ތެރެއަށް ވަދެ ބައެއް ކުޅިވަރުރައް ތަޖުރިބާ ކޮށްލައި ހެދި އެވެ.

މި ރަށުގައި މޫދު ކުޅިވަރުގެ ހިދުމަތް ފުޅާކުރަމުން ގެންދާ "ކްރިސްޓަލް ލެގޫން" ގެ ޑިރެކްޓަރު ޔާމީން ވަލީދު ވިދާޅުވި ގޮތުގައި ރަށުގައި ގިނަ އަދަދެއްގެ ޒުވާނުން މޫދުކުޅިވަރުގައި އުޅެ އެވެ. އެ ވިޔަފާރީގައި ސާމިލް ވެއެވެ. އޭނާ ދެކޭ ގޮތުގައި މާފުށީގެ މޫދުކުޅިވަރުތައް އޮތީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.

"ދިވެހި ގިނަ އަދަދެެއްގެ ކުދިން ވޯޓާ ސްޕޯސްގައި އުޅެނީ. ކުރިން އެ ކުދިން ތިބީ އެ ކުދިންގެ މިޒާޖާ ގުޅޭ ވަޒީފާއެއް ނުފެނިފައި. ނަމަވެސް މިހާރު މިކަހަލަ ބައިވަރު ފުރުސަތު މިރަށުގެ ގޮނޑުދޮށުން ލިބުމުން އެކަމަށް ޒުވާނުންނުކުމެއްޖެ" ޔާމީން ވިދާޅުވި އެވެ. "ހަމައެކަނި މާފުށީ ޒުވާނުންނެއް ނޫން އެހެން ރަށްރަށުން ޒުވާނުން ކުދިން އައިސްގެން ވެސް އެބައުޅޭ މިތަނުގައި ވެސް އެބައުޅޭ ގުރައިދޫ ކުދިން ވެސް އެހެން ދިމަ ދިމާއިން ވެސް އެ ކުދިންނަކީ ކުރިން ވަޒީފާއެއް ނެތިފައި ތިބި ކުދިން، މިހާރު މޫދު ކުޅިވަރުތަކުގެ ތެރެއަށް އެމީހުން ވަނީ ވަރަށް ބޮޑަށް ވަދެފައި،"

ރިސޯޓެއްގެ ސިފައަށް ބަދަލުވެފައިވާ މި ރަށަށް ބަލާއިރު މޫދު ކުޅިވަރުގެ ހުރިހާ ހިދުމަތެއްވެސް ލިބެން ހުރެ އެވެ. މިކަމަށް މި ރަށުގައި ގޮނޑުދޮށުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ވަނީ ކޮށްފައެވެ. މިހިރީ ފެންނާށެވެ. ރިސޯޓުތަކުގައި އަގު ފަލަކޮށް ލިބޭ ބައެއް ހިދުމަތްތައް ގެސްޓް ހައުސްތަކުން ހިދުމަތް ހޯދާ މީހުންނަށް ހެޔޮ އަގުގައި މާފުށީ ގޮނޑޮދޮށުން ތަޖުރިބާކޮށްލަން ލިބެ އެވެ. "ޕަރަސެއިލިން" އާއި "ކަޓަމަރާން" ކެނޯ ދުއްވުމާއި ވިންޑްސާފިން ފަދަ ކުޅިވަރުތައް ބޭނުން ދިމާއަކުން ނަގަން މިއޮތީ ފެންނާށެވެ. އެމީހަކު ބޭނުން ޗޮއިސް އެއް ނަގަންވީ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި މާފުށީގެ މޫދު ކުޅިވަރުތަކާއި އެ ހިދުމަތުގައި ޒުވާނުން ބައިވެރިވެފައިވާ މިންވަރާއި ހިދުމަތުގެ ފެންވަރާމެދު ޓޫރިސްޓުން ހައިރާންވެ އެވެ.

"ހަމަ ހަގީގަތަށް މި ދަންނަވަނީ މި ރަށުގައި މިދޭ ވޯޓާ ސްޕޯޓްސްގެ ހިދުމަތްތައް ފެނިފައި ގެސްޓުން ހައިރާންވޭ، އަދި މި ވާދަވެރި މާހައުލުގައި ޒުވާނުން ހިދުމަތް ދޭ ގޮތުން ޓޫރިސްޓުން އަންތަރީސްވޭ. ރާއްޖެ ފަހުރުވެރިވާ ފަދަ ހިދުމަތްތަކެއް ވޯޓާ ސްޕޯޓްސް އާއި މިނޫންވެސް ހިދުމަތްތަކުގައި މިރަށުގައި ދެނީ ހާއްސަކޮށް ކުރިން ވަޒީފާއެއް ނެތިފައި ތިބި ކުދިން މިހާރު ގޮސް ދެމުން ގެންދާ ހިދުމަތަކީ ނަމޫނާއެއް،" ޔާމީން ވިދާޅުވި އެވެ.

މޫދު ކުޅިވަރުގައި މާފުއްޓަށް އައިސްފައިވާ ތަރައްގީގެ ސަބަބުން ގިނަ ކުރިއެރުންތަކެއް އެކި ދިމަ ދިމާއިން ލިބިފައިވެއެވެ. އަދި މޫދާއި ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް ވަނީ ކުރިއެރުންތައް ލިބިފައެވެ.

"އަޅުގަނޑަކަށް ހީވަނީ ވަރަށް ރަނގަޅު ބަދަލެއް މި ދާއިރާގައި މާފުއްޓަށް އަތުވެއްޖެހެން، ރާއްޖޭގެ މޫދަކީ ބޭރު ބަޔަކަށް އައިސް މަސައްކަތް ކުރެވޭނެ ތަނެއް ނޫން. މިނޫނަސް މުރަކަ ހިމާޔަތް ކުރުމާއި އޮއިވަރުވެސް ދިވެހިންނަށް އެނގޭ ވަރަކަށް އެހެން ބަޔަކަށް ނޭނގޭނެ. އެހެންވެ މިއީ ލިބޭ މުހިންމު ކުރިއެރުމެއް،" ޔާމީން ވިދާޅުވި އެވެ.

މާފުށީގެ ގިނަ ގެސްޓް ހައުސްތަކުން ގެސްޓުންނަށް "އެކްސްކާޝަން" ގެ ގޮތުގައި މުހިންމު ހިދުމަތްތަކެއް ދެއެވެ. މޫދު ކުޅިވަރުތަކުގެ ގިނަ ހިދުމަތްތަކެއް ދެ އެވެ. މޫދު ކުޅިވަރުގެ އާ ހަރަކާތްތައް މާފުއްޓަށް އަދިވެސް ދަނީ ތައާރަފުވަމުންނެވެ.

"އަޅުގަނޑުމެން [ކްރިސްޓަލް ލެގޫނާ] އިން ވެސް އެބަދެން ޖެޓްސްކީގައި ކަޕުލްއެއް ގޮވައިގެން ސްނޯކުލް ކޮށްލުމުގެ ފުރުސަތު. އެޑްވެންޗާ ޓްރިޕެއް. މި ޓްރިޕްގައި ސޭންޑް ބޭކަށް ގޮސް ލަންޗް ނަގާލައި ފޮޓޯނަގާލައި ދެން. މީގައި ގެސްޓުން ގޮވައިގެން ގައިޑެއް ވެސް ދާނެ،" ޔާމީން ވިދާޅުވި އެވެ. "ކޮންމެ ގެސްޓަކުން ވެސް އައިސް އެކްސްޓްރާ އެކްޓިވިޓީސް އެބަ ބޭނުންވޭ ހަދަން. ގެސްޓުންނަށް އެބަލިބޭ ރިސޯޓުތަކުގައި ލިބޭ ހިދުމަތްތައް ވަަރަށް ޗީޕްކޮށް،"