ރިޕޯޓް

މާފުށީ ހާދިސާ: ވީޑިއޯއިިން ނުފެންނަ މަންޒަރު!

Feb 10, 2020
12

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެވެ؛ ރަށު ޓޫރިޒަމްގެ މައިރަށް ކަމަށްވާ މާފުށީ މަގުމަތީގައި އަންހެން ފަތުރުވެރިއަކު ނިވާކަން ކުޑަ ހާލުގައި ރަށުގެ އާންމުންގެ ތެރެއަށް ދެމިގަތެވެ. އޭނާ "ގޮތްކުޑަކޮށްލައިގެން" ރަށުތެރެއަށް އަރައި އުޅެނިކޮށް އާންމުން އޭނާ "ފަހައި" ގަތެވެ. އަދި އޭގެ ފަހުން ފުލުހުން ގޮސް އޭނާ ހުއްޓުވައި "ހިފައި ހައްޔަރު ކުރަން" އުޅުނު ވީޑިއޯއެއް ބައިބައި ކޮށްގެން ސޯޝަލް މީޑިއާއަށް ވައްޓާލައި ބަޔަކު މީހުން ވެގެން ހުޅު ރޯކޮށްލި އެވެ. އޭގެ ފަހަށް އެ މައްސަލައަކީ ރާއްޖޭގެ އާންމު މާހައުލާއި ސިޔާސީ މާހައުލުގައި ވެސް އެންމެ މަތީ އޮތް އަދި އެންމެ ބޮޑަށް ހިޔާލު ތަފާތުވެ ބަހުސަށް ބަދަލުވި އެވެ. އަދި އެ ހާދިސާ ވަރަށް ބޮޑަށް ދުނިޔޭގެ ސަމާލުކަންް ދަމައިގެންފައި ވެއެވެ. ރާއްޖެ އޮތީ ދިވެހިންގެ ތެރެއަށް އިތުރުވި އެ މައްސަލައިގެ ސަބަބުން ވަރަށް ކަންބޮޑުވެފަ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި އިގްތިސޯދަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެހައި "ދެރަ" ވަފަ އެވެ.

އިނގިރޭސި ފަތުރުވެރިޔާ ހައްޔަރުކޮށް ބިޑި އެޅުވި މައްސަލާގައި ފުލުހުން ކަންކުރި ގޮތާމެދު ހިޔާލުތައް ދެކަފިވެ، ވަރަށް ބޮޑަށް ތަފާތުވެފައިވާއިރު، އޭގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ އަންހެނަކު "އޮބައިގަނެގެން" ގަދަކަމުން ހައްޔަރު ކުރަން ފިރިހެން ދެ ފުލުހުން އުޅުނު ގޮތެވެ. އިނގިރޭސި ވިލާރާއި ބޭރު ދުނިޔޭގެ ބައެއް ނޫސްތަކުން އެކަން ރިޕޯޓު ކުރިއިރު އެކަމާ ގުޅުވައި ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭގެ ސަބަބުން ރާއްޖޭގެ ނަން ހަރާބުވީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެހެން ނަމަވެސް އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ވަރަށް ގިނަ ދިވެހިން ތައުރީފު ވެސް ކުރެ އެވެ. އާންމުން ދިރިއުޅޭ ރަށެއްގެ ތެރެއަށް ގަވައިދާ ހިލާފަށް ނިވާކަން ކުޑަ ހާލުގައި އަރައިގެން ނުވާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އަދި އެ މައްސަލަ ފުލުހުން ދޫކޮށްލައިފި ނަމަ އެކަން އެހެން ބައެއްގެ ފަރާތުން ވެސް ފެނި އާންމު ވެދާނެ ކަމަށް އެ ފަރާތްތައް ގަބޫލު ކުރެ އެވެ.

އެ އަންހެން މީހާ ބިޑި އެޅުވި މައްސަލާގައި ކަމާބެހޭ މުއައްސަސާތަކާއި ހޯމް މިނިސްޓްރީގެ ހިޔާލު ވެސް ވަނީ ދެކަފިވެފަ އެވެ.

ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ފަތުރުވެރިޔާ ހައްޔަރު ކުރަން ފުލުހުން އަމަލު ކުރީ ރަނގަޅަކަށް ނޫނެވެ. އެއާ ހިލާފަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވަނީ ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ ގޯސް ކަމަކަށް ނުދެންނެވޭނެ އެވެ. އެ މައްސަލާގައި އިމްރާން ނެގި ސްޓޭންޑާމެދު މިވަގުތު ރާއްޖޭ ސިޔާސީ މާހައުލުގެ އެންމެ ނުފޫޒު ގަދަ ފަރާތް ކަމަށްވާ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއް ގޮތަކަށް ވެސް ހިތްޕުޅަކާ ނުވެ އެވެ.

އެ މައްސަލާގައި މިހާތަނަށް ރިލީޒްވި ވީޑިއޯކޮޅޮކޮޅުން ފެންނަ ކަންކަމަށް ބަލައިގެން ލިބޭ މައުލޫމާތަކީ އެތަނުގައި ތިބީ ޔުނިފޯމުގައި ތިބި ފިރިހެން ދެ ފުލުހެކެވެ. އެ މީހުން އޭނާއަށް ނަސޭހަތް ދޭން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެ އެވެ.

ވީޑިއޯއިން ފެންނަަ ގޮތުގައި ޒުވާން އެ އަންހެން މީހާގެ ހިތްހަމަ ނުޖެހުން ފުލުހުންނަށް ވަރަށް ބޮޑަށް އޮތެވެ. އަދި އޭނާގެ ބަރަހަނާކަން ފިލުވާން ފުލުހުން އޭނާ ގައިގައި ތުވާއްޔެއް އޮޅައިލަން ކުރާ މަސައްކަތް ނާކާމިޔާބުވުމުން ދެން ފެންނަނީ ގަދަކަމުން ބިޑިއަޅުވަން އުޅޭތަނެވެ. އޭގެ ކުރިން އަދި އެއަށް ފަހު ހިނގައިދިޔަ އެއްވެސް ކަމެއް ސާފެއް ނުވެ އެވެ. ދެކެވެނީ ވާހަކަ އެވެ. އިވެނީ އަޑެވެ. އަންނަނީ ތަފާތު ހިޔާލެވެ. މައްސަލަ އޮތީ ދެބައި ހަމައަށް ބެހިފައެވެ.

އިތުބާރު ހިފޭ އަދި މަންޒަރުތައް ފެށުނު ހިސާބުން ފެށިގެން ދުށް ބައެއް ފަރާތަކުން އަވަސްއަށް ކަށަވަރުކޮށް ދީފައިވާ ގޮތުގައި މި މައްސަލަ ތިލަވެގެން އައީ ބުރާސްފަތި ދުވަހު ހަވީރު 5:30 އެހާކަންހާއިރު އާންމު ފަރާތެއް ފުލުހަށް ކުރި ރިޕޯޓަކާ ހަމައިންނެވެ.

އޭނާ ރިޕޯޓެއް ކުރީ ނިވާކަން ކުޑަ ގޮތަކަށް އަންހެނަކު މާފުށީ ތެރެއަށް އަރައި އުޅޭތީ އެއް ނޫނެވެ. އޭނާ ހުށަހެޅީ އެ އަންހެން މީހާގެ ފަރާތުން އައި މާރަމާރީއެއްގެ މައްސަލައެކެވެ. އެއީ އަންހެން އެ ފަތުރުވެރިއަކު އޭނާއާއެކު ހުރި ފިރިހެން ފަތުރުވެރިޔާ ގައިގައި ތަޅައި މާރަމާރީ ހިންގާ މައްސަލައެވެ. -- އެއީ ނިވާކަން ކުޑަ ހާލުގައި ހުރި ސިސިލާ ރޯސް އާއި އޭނާއާއެކު ރާއްޖެ އައި ލޫކަސް ރާމޯސް އެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑު ކުރިއިރު އެ ދެ މީހުންގެ ދެމެދު ރުޅިވެރިކަމެއް އުފެދި ޒުވާބެއް ހިނގަމުން ދެ އެވެ. އަދި އަންހެން މީހާ އެ ހުރި ގޮތަށް ހުރެގެން ރަށު ތެރެއަށް ހިނގައިގަތީ އެވެ. އޭނާ ރަށުތެރެއަށް ދެމިގަތް ވަގުތު ދިމާވީ މާފުށީގެ ދަރިވަރުން ކިޔަވާނިމިގެން ސްކޫލުން ނުކުތް ގަޑިއާ އެވެ. ފަތުރުވެރިޔާ ހުރި ގޮތާއި އޭނާ އަޑު ހަރުކޮށް ގޮވަމުން ދިޔަ ހުތުރު ބަސްތަކާ ހެދި ދަރިވަރުންގެ ބެލެނިވެރިން ތިބީ ސްކޫލުން ކުދިން އިތުރަށް ބޭރަށް ނުނެރެ މަޑުކޮށްލައިގެނެވެ. ފުލުހުން ގޮސް އެ ފަތުރުވެރިޔާ ހުއްޓުވުމުން އެ މައްސަލަ ހައްލުކޮށް ނިމެންދެން ވެސް ބައެއް ބެލެނިވެރިން އެ ގޮތުގައި ތިއްބެވެ.

އަންހެން މީހާއަށް ފުލުހުން ބުނެދޭން މަސައްކަތް ކުރީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ ގޮތަކަށް ހެދުން އަޅައިގެން ރަށު ތެރޭގައި އުޅުމަކީ ދިވެހިރާއްޖޭގައި މަނާ ކަމެވެ. އަދި ކުރިން ވެސް ފަތުރުވެރިން އެގޮތައް އުޅުމުން އިޝާރާތެއް ކޮށްލާއިރަށް ނިވާވެލައިގެން ހިނގައިގަންނަ ވާހަކަ އެވެ. ނަސޭހަތް ގަބޫލުކޮށް މިންގަނޑަށް ފެތި ނިވާވެލީމާ އެކަން އެ ނިމުނީ އެވެ.

ނަމަވެސް އަންހެން މީހާ އެކަން ގަބޫލެއް ނުކުރި އެވެ. މުޅި ހާދިސާގައި އޭނާ އެންމެ ގިނައި ބުނަމުން ގެންދިޔައީ އެނާއަކީ އިނގިރޭސި ވިލާތުގައި ނަން ހިނގާ ވަރުގަދަ ގާނޫނީ ވަކީލެކޭ އެވެ. އެ ގައުމުގައި އޭނަ އަދާ ކުރަނީ އިސް މަގާމެކޭ އެވެ. ރާއްޖޭގެ ގާނޫނާއި މިންތަކަށް އޭނާ ތަބާވާކަށް ނުޖެހޭނެ އެވެ. އަދި އޭނާ އަމަލު ކުރާން އޮތީ ބައިނަލް އަގުވާމީ ގާނޫނެވެ. އަދި ދިވެހި ފުލުހުންގެ އަމުރަށް އޭނާ ނުކިޔަމަންވާން ޖެހޭ ތަނެއް ނެތެވެ. އަދި އާންމު ހެދުމުގައި ހުރި ފުލުސް އޮފިސަރުގެ ކާޑު އަތުލަން މަސައްކަތްކޮށް އެކަން ނާކާމިޔާބުވުމުން އައިނު ދަމައިގަނެ އޭނާއަށް ފުރައްސާރަކޮށް އުނދަގޫތައް ކުރި އެވެ.

އެ ހާދިސާގައި ފުރަތަމަ ވެސް ފުލުހުންގެ ނަަސޭހަތް ފިރިހެން މީހާ ގަބޫލު ކުރި އެވެ. އަދި އަންހެން މީހާ ވެސް ހަމަޔަކަށް އަޅުވައި ތުވާއްޔަކުން ނިވާ ކުރަން އޭނާ ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެ ފިރިހެން މީހާގެ ބާރެއް އަންހެން މީހާގެ މައްޗަކަށް ނުހިނގަ އެވެ. އެ ފިރިހެން މީހާ ބުނާ ކޮންމެ އެއްޗަކަށް އޭނާ ދޭތި ބުނެ އެވެ. ދެ މީހުން ދޭތެރޭ ހިނގި މާރަމާރީގެ ރުޅިވެރިކަން ފުލުހުންނަށް ބޭލި އިރު ސަފާރީއަކުން ފޭބި އެ އަންހެން މީހާ ހުރީ ވެސް މަސްތުގެ ހާލަތުގަ އެވެ.

ފަތުރުވެރިޔާގެ މައްސަލައިގެ އިތުރުން ފުލުހުންނަށް އެހެން ކަމަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެއީ އެ މީހާ ގިނައިރުތަކެއް އެތަނުގައި މަޑުކޮށް ހުތުރު ބަސްތައް ގޮވާ ހަދަމުން ދިޔުމުން މާފުށީ ރައްޔިތުން ރުޅިގަދަވާން ފެށި މައްސަލަ އެވެ. އަންހެން މީހާ ހައްޔަރު ނުކުރަނީ ކީއްވެތޯ ފުލުހުންނާ ސުވާލު ކުރާން ފެށި މައްސަލަ އެވެ. އެތަނުގައި ކުޑަ ކުދިން ވެސް ތިބުމާއެކު ގެސްޓު މީހާއާ ދެކޮޅަށް އަޑުގަދަ ކުރަން ފެށި މައްސަލަ އެވެ.

އެހާ ހިސާބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އެ މީހާ އެތަނުން ދުރު ކުރަން ޖެހިއްޖެ ކަމަށް ފުލުހުން ނިންމީ އެވެ. އަދި ގެސްޓު މީހާއަށް އާންމު ރައްޔިތުންގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ބަލާފައި އެ މީހާ ވެސް ބިޑި އަޅުވައިގެން ފުލުސް އޮފީހަށް ގެންދިއުމުގެ މަސައްކަތް ފެށީ އެވެ. އާންމުވީ އެކަމާ އޭނާ ދެކޮޅު ހަދަން ފެށުމުން ގަދަކަމުން ވެސް ބިޑިއަޅުވަން އުޅުނު ވީޑިއޯ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ނަން ސިއްރު ކުރާ ގޮތަށް ބުނި ގޮތުގައި އެކަން ކުރި ދެ ފުލުހުން އެކަކު އަނެކަކަށް ބުނަމުން ދިޔައީ "ބިންމައްޗަށް ވައްޓާ ނުލައި ބިޑިއެޅުވާށޭ" އެވެ. އަދި އެކަން ކުރުމުގެ ތެރޭގައި އަންހެން މީހާ އޭގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތް އަޅައި ލޭ ކޮށައިލި އެވެ. އަދި ދެވަނަ ފުލުސް މީހާގެ ކޮނޑުގައި ވެސް ދަތްއެޅި އެވެ.

އޭނާ ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ގެންގެން ދިޔަ އެވެ؛ އެހާ ހިސާބުން މާފުށީގައި ވަރަށް އެކްޓިވް ދެ ވައިބާ ގްރޫޕެއްގައި ފުލުސް އޮފީސް ކުރިމަތީ ގެސްޓު އަންހެން މީހާ ހިންގި އަމަލާ ދެކޮޅަށް މުޒާހަރާ ކުރަން ބަޔަކު ރާވައި މެސެޖުތައް ދައުރުވާން ފެށި އެވެ. ނަމަވެސް ފަހުން އެ މުޒާހަރާއެއް ނުކުރެ އެވެ.

ފުލުސް އޮފީސް ތެރޭގައި ބައިންދައިގެން ޓޫރިސްޓު އަންހެން މީހއަށް ނަސޭހަތް ދިނުމަށް އޭނާއާއެކު ހުރި ފިރިހެން މީހާއާއި ފުލުހުން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ. އަންހެން މީހާ ބުނަމުން ދިޔައީ ފުލުހުން މަސައްކަތް ކުރަނީ އޭނާ "އިސްލާމް ދީނަށް ވައްދާށޭ" އެވެ. އަދި އޮފިސަރުންނަށް ހަޅޭއްލަވައި އަޑު ގަދަކޮށް އެތަނުގައި ތިބި އޮފިސަރުންނަށް ވެސް ބައިނަލްއަގުވާމީ ކޯޓެއްގައި ދައުވާ ކުރާނެ ކަމަށް އިންޒާރު ދިނެވެ.

ބިޑި ނައްޓުވައި ބެއިންދުމުން އިރުކޮޅެއްގެ ތެރޭގައި ނުކުމެގެން ހިނގައްޖެ އެވެ. ފުލުހުން ނުކުމެ އޭނާ ހޯދިއިރު އޮތީ މާފުށީ އިރުމަތީ ފަރާތު މޫދުގައި 100 އެއްހާ ފޫޓު ބޭރުގަ އެވެ. އެ ތަނުގައި ހުރެ އޭނާގެ މައުލޫމާތުތައް ހޯދަން ފިރިހެން މީހާއާ ވާހަކަ ދެއްކި ވަގުތު އޭނާ އަތުގައި އޮތް އަންހެން މީހާގެ ހެދުމުގެ ތެރެއިން ކަޓަރެއް ވެއްޓިފައި ވެއެވެ. އަދި އެއީ އަންހެން މީހާ ޑިޓެއިން ކުރި ފުލުސް އޮފީހުގެ މޭޒެއްގައި އޮތް ކަޓަރެއްކަން ފާހަގަވި އެވެ.

ރާއްޖެއިން އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ޖެހިގެން އައި ދުވަހު އޭނާ ފުރައިގެން ވެސް ހިނގައްޖެ އެވެ.