ހަބަރު

މުޒާހަރާ ރޫޅާލަން ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި: އެމްއެމްސީ

  • މުޒާހަރާ ކުރީ ސިޔާސީ ނުފޫޒެއްގައެއް ނޫން
  • ނޫސްވެރިންނަށް ރަނގަޅު ގޮތެއް ނުވާނެ
  • ނޫސްވެރިންނަށް އަނިޔާވީ ނުބައްދަލު ބާރު ބޭނުން ކުރުމުން

މިއަދުގެ މުޒާހަރާ ރޫޅާލުމަށް އެކަށީގެންނުވާ ވަރަށް ފުލުހުން ބާރުގެ ބޭނުން ކުރިކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހިމާޔަތަށް އެދި ރައީސް އޮފީހުގެ ކުރިމަތީގައި ބައެއް ނޫސްވެރިން މިއަދު ކުރި މުޒާހަރާއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، މިއަދުގެ މުޒާހަރާގައި ހިނގި ބައެއް ކަންކަމާ އެ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. ހާއްސަކޮށް އެއް ނޫސްވެރިއަކަށް ވަރަށް ބޮޑަށް އަނިޔާވެ، ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާ ލިބުމަކީ އެކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށާއި އެ މުޒާހަރާގައި ބައިވެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާއަށް ބޮޑު އަނިޔާއެއް ލިބުމަކީ ހާލަތާއި ނުބައްދަލު ބާރެއް ފުލުހުން ބޭނުން ކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމެއް ކަމަށެވެ.

"ރާއްޖެ ޓީވީގެ މުހުސިންއަށް އަނިޔާ ވަރަށް ބޮޑަށް ވަނީ ވެފައި. އޭގެ އިތުރުންވެސް އެކިވަރުގެ އަނިޔާވި. މުހުސިންގެ އެމްއާރުއައިއެއް ހަދަން މަސައްކަތް ކުރަމުން ދަނީ. ނުބައްދަލު ބާރެކޭ ދެންނެވީ އެތަނަށް އެއްވެ ތިބި މަދު މީހުންނާ ބަލައި އެވަރުގެ އަނިޔާ ލިބުނީ ނުބައްދަލު ބާރެއް ބޭނުންކުރީމަ،" މޮންދު ވިދާޅުވި އެވެ.

މޮންދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފަށް ގުޅުއްވުމުން ވިދާޅުވެފައި ވަނީ ނޫސްވެރިން އިހްތިޖާޖު ކުރީ އެއްވުން މަނާ ސަރަހައްދެއްގައި ކަމުގައިވާތީ ހައްޔަރުކުރި ނޫސްވެރިން ކޯޓަށް ހާޒިރުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްދެވެން ނެތް ކަމުގައި ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކުރެވުނު ނޫސްވެރިންނަށް ރަނގަޅުގޮތެއް ހޯދަން މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

"ނޫސްވެރިން ވިޔަސް އަދި އެހެން ބައެއް ވިޔަސް އެއްވުން މަނާ ސަރަހައްދެއްގައި އެއްވުމަކީ މަނާ ކަމެއް. ބޯޑު ހުރަސްކުރި. އެވެސް މަނާކަމެއް. އެހެން ނަމަވެސް އުދާސްތައް ބޭރުކުރުމަށްޓަކައި އެ ދިޔަ ދިޔުމަކީ ހަމަ ހުރިހާ ނޫސްވެރިންވެސް ހެޔޮހިތުން ކުރި ކަމެއް ކަމަށް ގަބޫލުކުރަން،" މޮންދު ވިދާޅުވި އެވެ.

އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންނަކީ އެމީހުންގެ އަމިއްލަ ހައިސިއްޔަތުންނާއި އެމީހުން ރެޕްރެޒެންޓް ކުރާ އިދާރާތަކުގެ ފަރާތުން ވެސް ކައުންސިލް އަދި ކައުންސިލްގެ މެންބަރުންނާއި އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ބޭފުޅުންކަން ފާހަގަކޮށް މޮންދު ވިދާޅުވީ، މިއަދު ކުރި މުޒާހަރާ އަކީ ނުފޫޒެއް އޮވެގެން ނޫސްވެރިން ނުކުތް ނުކުތުމެއް ނޫންކަން ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް މުޒާހަރާގެ ތެރެއަށް އެހެން ބަޔަކު ވަން ކަމަށާއި އެއީ ނޫސްވެރިން އެތަނަށް ނުކުތް މަގުސަދު އޮޅުވާލަން ބަޔަކު ކުރި ކަމެއް ކަމަށެވެ.

"އެހެން ބަޔަކު ތިބިއްޔާ އެތިބީ ނޫސްވެރިންގެ ސަބަބުން ނޫން. ނޫސްވެރިން އެތަނަށް ދިޔަ ސަބަބު އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ކަމަށް ފާހަގަވި، އެއީ މީޑިއާކައުންސިލުން ވެސް އެކަމާ މެދު ވަރަށް ދެރަވާ ކަމެއް. އެހެންވީމަ އެތަނަށް ބަޔަކު ވަދެ އެގޮތަށް އަމަލުކުރުމަކީ ވަރަށް ދެރަވާ ކަމެއް،" މޮންދު ވިދާޅުވި އެވެ.