- އަބުރާ ގުޅުންހުރި ބިލުގެ ކަންބޮޑުވުންތަކަށް އެޑްރެސްކޮށްދެއްވާނެ
- މީޑިއާތަކާ މެދު ތަފާތު ކުރުން ނައްތާލަން މަސައްކަތް ކުރައްވާނެ
- ނޫސްވެރިންނަށް ދޭ އިންޒާރުތަކަށް ފިޔަވަޅު އަޅުއްވާނެ
ނޫސްވެރިކަމަށް ދެރަ ގޮތެއް ވިޔަ ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އަދި މިނިސްޓަރު އުމަރު ވަނީ އެ މަސައްކަތުގައި ސަރުކާރުގެ ތެރެއިން އިސްވެ މަސައްކަތް ކޮށްދެއްވުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.
ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާ އެކު މިނިސްޓަރު އުމަރު މިއަދު ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އެމްއެމްސީ އިން ނެރުނު ބަޔާނުގައި އުމަރު ވިދާޅުވި ކަމަށް، ބުނެފައި ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކުރައްވާ ނޫސްވެރިކަމަށް ދެރަ ގޮތެއް މެދުވެރިވިނުވާނެ ހުރިހާ ގޮތެއް ހޯދައިދިނުމަށް އިސްދައުރެއް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާ ގުޅޭ ބިލް އިތުރު މަރުހަލާއަކަށް ދިޔުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި ކަމަށް ބަޔާނުގައިވެ އެވެ.
އެމްއެމްސީއިން ނެރުނު ބަޔާނުގައިވާ ގޮތުން ދައުލަތުގެ އިވެންޓްތަކަށް މީޑިއާތައް ދައުވަތު ދިނުމުގައާއި އިވެންޓްތަކަށް ވެއްދުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ނޫސްވެރިން ޝަކުވާކޮށްފައިވުމުން އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ހަމަހަމަ އުސޫލަކުން މިކަންކަން ހިނގާނޭ ގޮތް މެދުވެރިކޮށްދިނުމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވާ ސަންގް ޓީވީގެ އިކްއިޕްމެންޓްސް ނުލިބި ލަސްވެފައިވާ ސަބަބު ހޯދައި، އެތަކެތި އަވަހަށް ހޯދައިދިނުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ކޯޓުތަކަށް ބައެއް މީޑިއާތަކުގެ ނޫސްވެރިން ނުވައްދާ މައްސަލާގައި ޝަރުއީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާ، އެކަމަށް ހައްލެއް ހޯދައިދިނުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު އުމަރު ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްސީއިން ބުނީ ސޯޝަލް މީޑިއާ އަދި އެހެނިހެން ވަސީލަތްތަކުގައި އެކި ފަރާތްތަކުން ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ މިނިސްޓަރުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. އެ މައްސަލަތައް ބަލާ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައި ކަމަށް ވެސް އެމްއެމްސީ އިން ބުންޏެވެ.