ހަބަރު

ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްއެމްސީއިން މިނިސްޓަރު އުމަރާ ބައްދަލުކުރައްވަނީ

ނޫސްވެރިންނަށް ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކުރެއްވުމަށް ދައުވަތު އަރުވައިފި އެވެ. މޯލްޑިވސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް މި ދައުވަތު ފޮނުވާފައިވަނީ ހޯމް މިނިސްޓްރީންނެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްސީގެ ރައީސް މުހައްމަދު އާސިފު (މޮންދު) މިއަދު އަވަސްއަށް ވިދާޅުވީ، ރަސްމީކޮށް ސިޓީއަކުން ދައުވަތު އަދި ލިބިފައިނުވާ ނަމަވެސް އެ މިނިސްޓްރީން މިނިސްޓަރު އުމަރާ ބައްދަލުކުރެއްވުމަށް އަނގަބަހުން ދައުވަތުދީފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ބައްދަލުވުން ބޭއްވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބައްދަލުވުމަށް ތައްޔާރުވަމުން، ނޫސްވެރިންނަށް މިހާރު ހުރި ކަންބޮޑުވުންތައް ހިއްސާކުރާނަން، އެންމެ ހާއްސަކޮށް އަބުރުގެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރާނަން، އޭގެ އިތުރުން ވެސް ރޭ ނޫސްވެރިންގެ ފޯރަމްގައި ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރާނަން،" މޮންދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު މިނިސްޓަރު އުމަރުގެ ފަރާތުން ލިބުނު ދައުވަތަކީ މިހާރަށް ވަރަށް މުހިންމު ދައުވަތެއް ކަމަށް މޮންދު ވިދާޅުވި އެވެ. އަދި ހޯމް މިނިސްޓްރުގެ އިތުރުން ވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެހެން ބޭބޭފުޅުންނާ ބައްދަލުކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.