މޯލްޑިވްސް މީޑިއާ ކައުންސިލް

އުންމީދީ ނޫސްވެރިޔަކަށް އަވަސްގެ މޫސަ

  • ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އައްބާސަށް
  • މޫސަގެ އެވޯޑް ހަދިޔާ ކުރީ ރިލްވާނަށް
  • ސަން އާއި މިހާރު އަދި ވީޓީވީއަށް އެވޯޑް ލިބުނު

ރާއްޖޭގެ ނޫސްވެރިންގެ އެންމެ ޝަރަފުވެރި ހަފުލާގެ ގޮތުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ އެވޯޑް ހަފުލާ ބާއްވާ ނޫސްވެރިކަމުގައި އެކި ރޮނގު ރޮނގުން މިދިއަ އަހަރުގެ އެވޯޑްތައް ހާސިލް ކުރި ނޫސްވެރިންނަށް އެވޯޑާއި އިނާމް ދީފި އެވެ. ނޫސްވެރިންގެ ގާލާ އިވެންޓް އޮތީ މާލޭގެ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިންގެ އެވޯޑްގައި މިދިއަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކަށް ހޮވުނީ ސަން އޮންލައިންގެ ފަޔާޒު މޫސާ އެވެ. އޭނާއަށް އިނާމް ދެއްވީ އިންޑިއާ ހައިކޮމިޝަނަރު އަކިލޭޝް މިސްރާ އެވެ. އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވުނީ ވީޓީވީގެ އާމިނަތު އަމީނާ (އަނާ) އެވެ. އޭނާއަށް އިނާމު ދެއްވީ އިންފޮމޭޝަން ކޮމިޝަނާ އަބްދުލް އަޒީޒު ޖަމާލެވެ.

އިޖުތިމާއީ ދާއިރާއިން އެވޯޑް ލިބުނީ މިހާރުގެ އާސިޔަތު މުހައްމަދު ސައީދަށެވެ. އޭނާއަށް އެވޯޑާއި އިނާމް ދެއްވީ މޯލްޑިވިއަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަސާތެވެ. އިނާމު ލިބި ވަޑައިގެންނެވި އިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އޭނާ ދިރި އުޅުއްވަނީ ކެނެޑާގަ އެވެ. އެ އިނާމާ ހަވާލުވީ އޭނާގެ އާއިލާއިން އާމިނަތު މުހައްމަދު ސައީދެވެ.

ވިޔަފާރިއާ އިގްތިސޯދުގެ ދާއިރާއިން އެވޯޑް ހޯދީ ސަން އޮންލައިންގެ އިބްރާހިމް މާހިލް މުހައްމަދެވެ. އޭނާއަށް އިނާމު ދެއްވީ ދިރާގުގެ މެނޭޖާ ކަސްޓަމާ ސާވިސް މަސްއޫދު އަލީ އެވެ. އޭނާ ވެސް ރާއްޖެއިން ބޭރުގައި ހުންނެވުމުން އެވޯޑާ ހަވާލުވީ ސަން އޮންލައިންގެ ފަރާތުންނެވެ. މާހިލް ހުރީ ޑެންމާކުގަ އެވެ.

ކޯޓް ރިޕޯޓިން، ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެވޯޑު ލިބުނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހިމެވެ. އޭނާ ވާދަ ކުރެއްވީ އަވަސް އޮންލައިންގެ ނާޒިމް ހަސަން އެވެ. އޭނާއަށް އެވޯޑާއި އިނާމް ދެއްވީ ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. ކުޅިވަރުގެ ދާއިރާއިން އެވޯޑް ލިބުނީ މިހާރު ނޫހުގެ އައްޒާމް އަލިފުޅަށެވެ. އޭނާއަށް އެވޯޑާއި އިނާމް ދެއްވީ އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރެވެ.

ސިޔާސީ ދާއިރާއިން މިދިއަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައި ވަނީ އަލީ ނާފިޒެވެ. އޭނާ އާ ވާދަ ކުރީ އަވަސް ގެ މޫސާ ރަޝީދާއި އަވަސްގެ ނާޒިމް ހަސަނެވެ. ފްރީންސްލާންސްކޮށް މަސައްކަތް ކުރައްވާ ނާފިޒަށް އެވޯޑާއި އިނާމް ދެއްވީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އެވެ.

މި އަހަރު އަލަށް ތައާރަފުކުރި އެންމެ މޮޅު ފީޗާގެ އެވޯޑް ލިބުނީ އަވަސް އޮންލައިން ކުރީގެ އެޑިޓަރު އަދި މިވަގުތު "މިހާރު" ނޫހުގައި މަސައްކަތް ކުރާ ނިއުމަތުﷲ އިދުރީސް އެވެ. އެވޯޑާއި އިނާމްތައް ދެއްވީ މަޝްހޫރު ޅެންވެރިޔާ އުތީމް އާދަމް އަބްދުއް ރަހުމާނެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނީ އަވަސްގެ މޫސާ ރަޝީދަށެވެ. މޫސައަށް އެވޯޑާއި އިނާމް ދެއްވީ އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަނެވެ. މޫސައަށް ލިބުނު އެވޯޑާއި އިނާމްތަކުގެ އިތުރުން އޭނާ ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރުމަށް އިސްލާމިކް ޔުނިވާސިޓީން ސްކޮލާޝިޕެއް ވެސް ލިބުނެވެ. މޫސަށް ލިބުނު އުންމީދީ ނޫސްވެރިޔާގެ އެވޯޑް އޭނާ ވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް މިރޭގެ ހަފުލާގެ ތެރޭގައި ހަދިޔާކޮށްފަ އެވެ.

މިރޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ކުރީގެ ނޫސްވެރިޔާ އަދި ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހިމަށެވެ. އޭނާއަކީ މަޝްހޫރު ނޫސް އާފަތިހުގެ މަސްއޫލުވެރިޔާ އެވެ. އައްބާސަށް އެވޯޑް ހަވާލުކޮށް ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މޯލްޑިވްސް މިޑީއާ ކައުންސިލާއި ޕީއެސްއެމް ގުޅިގެން ފަށާ "އަލަމާރި" ޕްރޮގްރާމް ވެސް މިރޭގެ ހަފުލާގައި ލޯންޗް ކުރުން އޮތެވެ.

އެވޯޑް ލިބުނު ނޫސްވެރިން

އެންމެ އުއްމީދީ ނޫސްވެރިޔާ: މޫސާ ރަޝީދު / އަވަސް

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް: އައްބާސް އިބްރާހިމް / ކުރީގެ ނޫސްވެރިޔާ، އަދި އާފަތިސް ނޫހުގެ މަސްއޫލުވެރިޔާ

އިޖުތިމާއީ ދާއިރާއިން: އާސިޔަތު މުހައްމަދު ސައީދު / މިހާރު

ސިޔާސީ ދާއިރާއިން: އަލީ ނާފިޒް / ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިއެއް

ޝަރުއީ އަދި ގާނޫނީ ދާއިރާއިން: މުއިއްޒު އިބްރާހިމް / މިހާރު

ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާއިން: އިބްރާހިމް މާހިލް މުހައްމަދު / ސަން އޮންލައިން

ކުޅިވަރުގެ ދާއިރާއިން: އައްޒާމް އަލިފުޅު / މިހާރު

ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން: ފަޔާޒު މޫސާ / ސަން އޮންލައިން

ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން: އާމިނަތު އަމީނާ (އަނާ) / ވީޓީވީ

ފީޗާ ލިޔުމުގެ ދާއިރާއިން: ނިއުމަތުﷲ އިދުރީސް / މިހާރު

ނޫސްވެރިންގެ ޝަރަފުވެރި ހަފުލާގައި އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާގެ ވާހަކަފުޅުގައި ނޫސްވެރިންނަށް މަރުހަބާ ދަންނަވާ ގައުމުގެ ހެވާ ލާބައަށް ގާނޫނާއި އިމުގެ ތެރެއިން މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މި ހަފުލާ ކުރިޔަށްދިޔައިރު ރާއްޖެ ޓީވީއިން ގާލާގެ ތެރޭގައި ހިމޭން އިހުތިޖާޖެއް ވެސް ކުރި އެވެ. އެ އިދާރާގެ ނޫސްވެރިން ތިބީ "އަބުރު" ޖަހާފައިވާ ޓީޝާޓުގައި ފަންޑު ފޮއްޓެއް ހިފައިގެނެވެ. އެކި އެކި ސްލޯގަންތައް ހިމެނޭ ބޯޑްތަކެއް ވެސް އުފުލި އެވެ.

މިދިއަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް އެ ދާއިރާތަކުގެ އިނާމަށް 45 ފަރާތެއް ކުރިމަތިލި އެވެ. ކޮންމެ އަހަރަކު ވެސް މި އިނާމު ދެމުން އައީ ނޫސްވެރިކަމުގެ މިނިވަންކުގެ ދުވަސް ކަމަށްވާ މޭ މަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް މިއަހަރު ތަފާތު ސަބަބުތައް މެދުވެރިގެން މިރެއަށް ލަސްވީ އެވެ.

ނޫސްވެރިންގެ ޝަފަރުވެރި ގާލާ އިވެންޓް ކުރިޔަށް ދިޔައީ މިއުޒިކާއި ލަވަޔާވެސް އެކު އެވެ. ނޫސްވެރިންގެ ހަފުލާއަށް ލަވަ ކިޔައިދިން ލަވަކިޔުންތެރިންގެ ތެރޭގައި ޝަލަބީ އިބްރާހިމް ހިމެނެ އެވެ. އަދި ހަރުބީ ބޮޑުބެރު ގްރޫޕް ވެސް ޕާފޯމް ކުރި އެވެ.

މިރޭ ނޫސްވެރި ކަމުގެ އެވޯޑް ލިބުނު ކޮންމެ ކެޓަގަރީއަކަށް ގިނަ އިނާމްތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި ބީއެމްއެލްއިން 15000ރ. ހުށަހަޅާފައި ވެއެވެ. ދިރާގުން އެއް އަހަރު ދުވަހުގެ އިންޓަނެޓް ޕެކޭޖެއް ދިނެވެ. އިންޑިއާ ހައިކޮމިޝަނުން އިންޑިއާ އިންޑިއާ ދަތުރެއް ދިން އިރު އެނޫން ވެސް ބައެއް ކުންފުނިތަކާއި ފަރާތްތަކުން ގިނަ އިނާމްތަކެއް ދީފައި ވެއެވެ.